ރާއްޖޭގެ ސިޔާސީ ވާހަކަ ލިޔާ ކޮންމެ މީހަކު ހެން މުހައްމަދު އަމީން ދީދީ ސިފަކުރަނީ ކެރިގެން ކަންކަމާ ކުރިމަތި ލެއްވި ގައުމަށް އިސްލާހީ ބަދަލުތަކެއް ގެންނަވަން މަސައްކަތް ކުރެއްވި ލީޑަރެއްގެ ގޮތުގަ އެވެ. ތައުލީމް އާންމުކުރެއްވުމާއި އަންހެނުން ބާރުވެރި ކުރެއްވުން ފަދަ މުހިންމު އިސްލާހުތަކެއް އެމަނިކުފާނާ ގުޅުވަ އެވެ. އެހެން ނަމަވެސް ނުކުރާ ސުވާލަކީ އަމީނުގެ ލީޑަޝިޕްގައި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައި ދެއްވަވަން އެއްވެސް މަސައްކަތެއް ނުކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟
އަމީން ދީދީގެ ސިޔާސީ ހަޔާތްޕުޅުގައި ރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވުމާ ބެހޭ އެއްވެސް ވާހަކަފުޅެއް ދައްކަވާފައެއް ނުވެ އެވެ. ރާއްޖޭގެ އިސްތިގުލާލާ ބެހޭގޮތުން އަމީން ގެންގުޅުއްވި ހިމޭން ސިޔާސަތަކީ ނޭނގުމުގެ ތެރޭގައި ހިނގާފައި އޮތް ކަމެއް ނޫނެވެ. ފަހަރެއްގައި އެމަނިކުފާނަށް އިނގިރޭސިންގެ އެހީގައި އާއިލީ ގޮތުން ވާރުތަވެވަޑައިގެންނެވި ވެރިކަން ދެމެހެއްޓެވުމަށް އޮތް ފަސޭހައަކަށް ކުރެއްވި ކަމަކަށް ވެދާނެ އެވެ. ނޫންނަމަ އެއީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތުމަކީ ގައުމަށް އެންމެ ލާބަ އޮތް ގޮތް ކަމަށް ދެކެވަޑައިގެންނެވީ ކަމަށް ވެސް ވެދާނެ އެވެ. ކޮންމެ ގޮތެއްގައި ނަމަވެސް ރާއްޖެއަށް ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމާ މެދު އަމީންގެ ހިމޭން ކަމަކީ އެމަނިކުފާނު ގަސްދުގައި ގެންގުޅުއްވި ސިޔާސަތެކެވެ.
އަމީނަކީ ރާއްޖޭގެ ވިރާސީ ވެރިކަން އެންމެ ފަހުންކުރި ހުރަވީ ދަރިކޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ހުރަވީ ދަރިކޮޅު ނިސްބަތް ވަނީ ދޮން ބަންޑާރައިންނަށް ކަމަށް ބުނެވުނު ކަމަށް ވިޔަސް ދޮން ބަންޑާރައިންގެ ވެރިކަމަކީ އެމަނިކުފާނުގެ ދަރިކޮޅަށް ވާރުތަވި ވެރިކަމެއް ނޫނެވެ. ހުރަވީ ދަރިކޮޅުގެ ނަމުގައި ދެމިގެން އައި ރަސްކަމަކީ ދިޔަމިގިލީ ދަރިކޮޅުގެ އެންމެ ފަހުގެ ރަސްގެފާނު ކަމަށްވާ ސުލްތާން މުހައްމަދު ޣިޔާސުއްދީން ކަނޑު ފެއްތުމަށްފަހު އުފަންކުރި ރަސްކަމުގެ ސިލްސިލާއެކެވެ. ޣިޔާސުއްދީންގެ ވެރިކަން ނިމުމަކަށް ގެނައީ އެމަނިކުފާނު ހައްޖުގެ އަޅުކަމަށް ވަޑައިގެން ހުންނަވަނިކޮށެވެ. ހައްޖުގެ އަޅުކަމުން އެނބުރި ވަޑައިގެންނެވުމުން މާލެ ފައިބާ ވަޑައިގެންނެވުމުގެ ހުއްދަ ނުދެއްވައި ބޭއްވުމަށްފަހު ދިރިހުއްޓާ ކަނޑު ފައްތާލީ އެވެ.
ޣިޔާސުއްދީން ޝަހީދުކުރުމަށްފަހު އުފަންކުރި ހުރަވީ ދަރިކޮޅު، ދެ ގޮތްޕަކަށް ބައިވެ، އަތިރީގޭ ގޮތްޕާއި އެއްގަމުގޭ ގޮފީގެ ވާދަވެރިކަމުގެ ތެރޭގައި ސިޔާސީ ގޮތުން ބާރު ހޯދުމުގެ އެދުމުގައި ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ގެންދިޔައީ އަތިރީގޭ ދަރިކޮޅުންނެވެ. މާލޭގައި ހިންގި ބޮޑު ހުޅުޖެހުމުގެ ހަރަކާތަށް ފަހު ކުށްވެރިވި އަތިރީގޭ އިސް ބޭފުޅުން ސަލާމަތްކުރުމުގެ ނަމުގައި އިނގިރޭސިންގެ ވާގިވެރިކަމަށް އެދުމުގެ ނަތީޖާއަކީ އެމީހުންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިއުމެވެ. އެކަމަށްޓަކައި ހުރިހާ ރޭވުމެއް ރާވައި އަމަލީގޮތުން ބައިވެރިވީ އަތިރީގޭ ބޭފުޅުންނެވެ. އަމީނަކީ އިނގިރޭސިންނާއި އަތިރީގޭ ޚާންދާނާ އޮތް ގާތްގުޅުމުގެ ތެރެއިން އުފަންވެ ފައްކާވި ސިޔާސީ ތަރިއެކެވެ.
ރާއްޖޭގެ މިނިވަންކަމުގެ ތާރީޚު ލިޔާ ގިނަ ބަޔަކު މިނިވަންކަމުގެ ކޮންމެވެސް މިންވަރެއް އަމީން ދީދީއަށް ދިނުމަށް މަސައްކަތްކޮށްފައި ހުންނަތަން ފެނެ އެވެ. 1948 ގައި އިނގިރޭސިންނާއެކު އާ ކުރެވުނު އެއްބަސްވުމަކީ އަމީން ދީދީގެ ވެރިކަމުގައި ކުރެވުނު އެންމެ މުހިންމު އެއްބަސްވުމެވެ. އެ އެއްބަސްވުމުގެ ބޭނުމަކީ ސިލޯނަށް މިނިވަންކަން ލިބުމާ ގުޅިގެން ސަރަހައްދުގެ ހިންގުމަށް އިނގިރޭސި ދައުލަތުން ގެންނަން ޖެހޭ މުހިންމު ބަދަލެއްގެ ގޮތުން ދިވެހި ރާއްޖޭގެ ހިންގުން ބައްޓަންކުރާނެ ގޮތް އަލުން ލިޔެލުމެވެ. އެ އެއްބަސްވުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް މިނިވަންކަން ލިބުނީކަމަށް އަމީން ދެކެވަޑައިގެންނެވި އެވެ. އެ ދުވަސްވަރުގެ މިނިވަންކަމާ ބެހޭ ލިޔެކިޔުންތަކުން ފާހަގަކުރެވޭ ގޮތުގައި ރާއްޖެއަށް ލިބުނު މިނިވަންކަމެއް ކަމަށް ސިފަކޮށްފައިވަނީ ރާއްޖޭގެ އެތެރޭގެ ހިންގުމާ އިނގިރޭސިން ނުބެހުމުގެ މިނިވަންކަމެވެ. ހަގީގަތުގައި އެ މިނިވަންކަން ދުވަހަކު ވެސް ނުގެއްލެ އެވެ. ކިރިޔާ ވެސް އޮތް ހިފެހެއްޓުމަކީ ރަސްކަލަކަށް އައްޔަންކުރެވޭ ބޭފުޅަކު އިނގިރޭސި ގަވަރުނަރަށް ހުށަހަޅައި ރުހުން ހޯދުމެވެ. އެކަން އޮންނަނީ ރަމްޒީކަމެއްގެ ގޮތުގަ އެވެ.
1948 ވަނަ އަހަރުގެ އެއްބަސްވުމުގައި އެ ޕޮއިންޓް ހިމަނަން އަމީން ބޭނުންފުޅުވި މައިގަނޑު ސަބަބަކީ އޭރު ރާއްޖޭގެ ރަސްކަމަށް އައްޔަންކޮށް އެކަމަށް އިނގިރޭސިންގެ "އާނ" ބަސް ލިބިވަޑައިނުގެން ހުންނެވި އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމަށް މަގުފަހިކުރެއްވުމެވެ.
1948ގެ އެއްބަސްވުމަށްފަހު ރާއްޖެއަށް "ފުރިހަމަ މިނިވަންކަން" ލިބިއްޖެ ކަމަށް އަމީން ގެންދެވީ ވިދާޅުވަމުންނެވެ. އޭގެ ހަތަރު އަހަރު ފަހުން އަބްދުލްމަޖީދު ރަންނަ ބަނޑޭރި ކިލެގެފާނު އަވަހާރަވުމުން ރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުކުރައްވައި އެ ޖުމްހޫރިއްޔާގެ ރައީސްގެ ހައިސިއްޔަތުން މުހައްމަދު އަމީން ވެރިކަން ކުރައްވަމުން ގެންދެވީ އެމަނިކުފާނު ބޭނުންފުޅުވި މިންވަރަށް ލިބިފައި އޮތް މިނިވަން ދިވެހި ރާއްޖެއެއްގަ އެވެ. އިނގިރޭސިންގެ ހިމާޔަތުގެ އުނގުގައި ހިތްޕުޅާ ހަމަކުރައްވައިގެންނެވެ.
އަމީނުގެ ލިޔުންތަކާ ޅެންތަކަށް ތަންކޮޅެއް ފުންކޮށް ވިސްނާލިނަމަ އުފެއްދި ސުއާލުގެ ޖަވާބު ލިބުނީސް. އަމީނަށް ކުރެއްވުނު އެންމެބޮޑު ކުށަކީ ވަގުތަށްވުރު ކުރިން މާ އަވަހަށް ބޮޑެތި ބަދަލު ގެންންން މަސައްކަތް ކުރުން. ރާއްޖޭގެ އެއިރުތިބި މީހުންގެ ވިސްނުމުގެ ފެންވަރާ އިލްމީ ފެންވަރާ ތައުލީމީ ހާލަތާ އިގުތިސޯދީ ހާލަތަށް ބެލުމެއްްނެތި މަސައްކަތް ކުރުން.
ރިޕްލައި