އުއްތަމަފަނޑިޔާރު ކަމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ކަމުގައި ހުންނެވި އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ޖޭއެސްސީން ނިންމައިފި އެވެ.
އެނގިފައިވާގޮތުގައި އުއްތަމަފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނާ އިންޓަވިއުކުރުމުން އެންމެ މަތިން މާކްސް ލިބިވަޑައިގަތީ ޣަނީއަށެވެ.
ދެން އެ މަގާމް ކުރިމަތިލެއްވީ ފެމެލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.
ޣަނީ އަކީ 2000 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ވަކި ހިސާބަކަށް މެދުނުކެނޑި ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ހައި ކޯޓުގައި ހުންނެވިއިރު ބޮޑެތި ގިނަ މައްސަލަތައް ނިންމެވި ބެންޗުތަކުގައި ހިމެނިވަޑައިގެންފައެެވެ.
2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް އޭނާ އަދާކުރެއްވީ މަދަނީ ކޯޓުގެ ގާޒީ ކަމެވެ. އެއަށްފަހު 2018 ވަނަ އަހަރާ ހަމައަށް ހުންނެވީ ހައިކޯޓުގެ ފަނޑިޔާރު ކަމުގައެވެ. އޭގެފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފައިވެ އެވެ. މިދިޔަ ސަރުކާރުން ޣަނީ ވަކިކުރަން ނިންމީ ސުޕްރީމް ކޯޓުން ނެރުނު ބައެއް އަމުރުތަކުގައި އޭނާ ސޮއިކުރައްވާފައިވާތީއެވެ.