ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު އާއި އޭނާގެ ދެބެއިންގެ ދެދަރި މީހެއްކަމަށްވާ، ފިޝަރީޒް މިނިސްޓަރުގެ ނައިބު މުހައްމަދު ނާފިޒްގެ ކުންފުނިތަކަށް ސަރުކާރުން 42.5 މިލިއަން ރުފިޔާ ކޮރަޕްޝަންގެ ތެރެއިން ދޫކުރި ކަމުގެ އިންޓެލް ރިޕޯޓެއް ނެރުނުކަން ނޭނގޭ ކަމަށް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން ވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ނެރެފައިވާ އެ ރިޕޯޓް ލީކްކޮށްލާފަ އެވެ.

އެ ރިޕޯޓް ލީކްކޮށްލުމަށްފަހު ހަސަން ކުރުސީ ތުހުމަތު ކުރާގޮތުގައި މެންބަރު ޝުޖާއު ގެންދަވަނީ އެއީ ފޭކް ރިޕޯޓެއް ކަމަށް ބުނެ ބަޔާނެއް ނެރުމަށް އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރަށް ބިރުދައްކަމުންނެވެ. ނަމަވެސް މި ތުހުމަތާ ގުޅޭގޮތުން ޝުޖާއު ވަކިއެއްޗެއް ނުބުނެ އެވެ.

ހަސަން ކުރުސީ ފަޅާއަރުވާލި ކޮރަޕްޝަންތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ އެފަދަ ރިޕޯޓެއް ނެރުނުކަމުގެ މައުލޫމާތު އެއްވެސް ރަސްމީ އިދާރާއަކުން އޭނާއަށް ލިބިފައިނުވާ ކަމަށެވެ.

ހަސަން ކުރުސީ ލީކްކޮށްލި ރިޕޯޓަކީ އަސްލެއް ނަމަ އެއީ އޭނާގެ ވިޔަފާރި ކުންފުނިތަކަށް ގެއްލުންދޭން ގަސްތުގައި ނެރުނު ރިޕޯޓެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 23.03 މިލިއަން ރުފިޔާގެ ރަސްމިއްޔާތެއް ބޭއްވުމުގެ ޕްރޮޖެކްޓް ޝުޖާއުގެ ”އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް“ އަށް ބިޑުނުކޮށް ހަވާލުކޮށްފައި ވަނީ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. ސަބަބެއް ކަމަށް ފާހަގަކޮށްފައި ވަނީ ފަސް މިލިއަން ރުފިޔާއަށް ވުރެ ބޮޑެތި މަޝްރޫއުތައް ހަވާލުކުރެވޭނީ ނެޝަނަލް ޓެންޑާ ބޯޑުގެ ހުއްދައާ އެކު ކަމަށްވާތީ އެވެ.

އެ ޖަރީމާ ހިންގި ގޮތް ވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ގާނޫނީ ގޮޅިއަށް ފައްތަންވެގެން އޮޅުވާލުމުގެ ތެރެއިން އެ މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ ސިފައިންގެ ކުންފުނި، ސިވެކްއަށެވެ. އޭގެފަހުން ސިވެކްއިން އެ މަޝްރޫއު 15.4 މިލިއަން ރުފިޔާއަށް ޝުޖާއުގެ ”އޮފިޝަލް އިވެންޓްސް“ އަދި ނާފިޒްގެ ”ކުއިކް ޝުއަރ“ އަދި އެހެނިހެން ފަރާތްތަކަށް ސަބްކޮންޓްރެކްޓް ކޮށްފައިވެއެވެ. ސިވެކްއަކީ ވެސް ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވިފައިވާ ކުންފުންޏެކެވެ.

އެ ރިޕޯޓްގައި ވަނީ ޝުޖާއު އާއި ނާފިޒްގެ ކުންފުނިތަކުން ހުށަހަޅާފައިވާ ބިލްތަކުގައި ދިން ޚިދުމަތްތަކުގެ ތަފްސީލެއް ނެތް ކަމަށެވެ. އަދި އެއީ ވަގު ބިލްތަކެއް ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އެ ފައިސާ ބޭނުންކޮށްގެން ޝުޖާއު އާއި އޭނާގެ ބިޒްނަސް ޕާޓްނަރު އަހްމަދު އަދުހަމް ދެ ލަގްޒަރީ އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ. އަދި ކުޑަހެންވޭރު ގޭންގު ހިމެނޭހެން އެކި ފަރާތްތަކަށް އެ ފައިސާ އިން ބައެއް ފޮނުވާފައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކުން މިހާތަނަށް އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.