ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއާ ގުޅޭ ރިޕޯޓެއް ލީކުވެފައި ވަނިކޮށް، ޝުޖާއު މުގައްރިރަކަށް އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ވަކިކޮށްފި އެވެ.

މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި މިކަން އިއުލާނު ކުރައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޝުޖާއުގެ ބަދަލުގައި އެ ކޮމިޓީއަށް ހަމަޖައްސާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު ކަމަށެވެ.

އިއްޔެ 11:00 ޖެހިއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހާޒިރުކުރަން ތާވަލުކޮށްފައިވަނިކޮށް ޝުޖާއު ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް ވަކިކޮށްފަ އެވެ.

ޝުޖާއުގެ ބަދަލުގައި އެ ކޮމިޓީއަށް ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހަމަޖެއްސިއިރު، މާލިއްޔަތު ކޮމިޓީން ވަކިކުރުމަށްފަހު އޭނާ އައްޔަނުކޮށްފައިވަނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށެވެ.

ޝުޖާއުއަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓު ގައިވާގޮތުުން، އެމްއެމްއޭގެ އެފްއައިޔޫއަށް ފާހަގަވި ބައެއް މުއާމަލާތްތަކުގެ ތެރޭގައި ފިނޭންސް މިނިސްޓްރިން 13 ނޮވެމްބަރު 2023ގައި ސިވެކަށް 23 މިލިއަން ރުފިޔާ ދެއްކި ކަމަށާއި އަދި އެއީ ރައީސް މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހަރަދުކުރުމަށެވެ.

އޭގެ ތެރެއިން 13 މިލިއަން ރުފިޔާ ސިވެކުން ޖަމާކުރީ އޮފިޝަލް އިވެންޓްސްއަށް ކަމަށާއި ހަމަ އެ އިވެންޓާ ގުޅުވައިގެން ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކުރި ކަން ވަނީ ހާމަވެފަ އެވެ،

އޭގެ އިތުރުން މާލޭ ސިޓީ ކައުންސިލް، ވެމްކޯ، އެޗުޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯއިން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސްއަށް ފައިސާ ލިބިފައިވާ ކަމަށް އާންމުވެފައިވާ ރިޕޯޓުން ދައްކަ އެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި ގާއިމުކޮށްފައިވާ ޔުނިޓެކެވެ. އެ ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ މާލީ މުއާމަލާތްތައް މޮނީޓަރުކޮށް، އެފަދަ މުއާމަލާތެއް މެދުވެރިކޮށް ކުށް ކުރުމަށް އަރައިގަނޭތޯ ދެނެގަނެ، މަނީ ލޯންޑާ ކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އިދާރާތަކާ އެކު މަސައްކަތް ކުރުމެވެ.

މިކަމުގެ ތަހުގީގު ފަށާފައިވާކަމަށް ފުލުހުން ބުނެފައިވާއިރު، މިކަމާ ގުޅޭގޮތުން ޝުޖާއު ބުނީ އޭނާއަށް އެ ކަމުގެ މައުލޫމާތު އެއްވެސް އިދާރާއަކުން ހިއްސާކޮށްފައި ނުވާތީ އެއީ އަސްލެއް ނުވަތަ ފޭކެއް ކަން ދަންނަވަން ނޭނގޭ ކަމަށެވެ.