ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ އެކްޓިވިސްޓު، ޏ. ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު، ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނުކުރަން ހުށަހަޅާފައިވަނިކޮށް އޭނާގެ ނަން އަނބުރާ ނެގުމުން، އެ މަގާމަށް އަލުން ކުރިމަތިލާން ހުޅުވާލައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާކަމަށާއި، އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުށަހެޅޭނެކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 45،700 ރުފިޔާ އެވެ. ލިވިން އެލަވެންސްގެ ގޮތުގައި މަހަކު 18000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3300 ރުފިޔާ ލިބޭއިރު، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސްވެސް ލިބޭނެ އެވެ.

މި މަގާމަށް ކުރިމަތިލެވޭނީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާނަމަ އެވެ.

މި މަގާމަށް މީގެ ކުރިން ކުރިމަތިލި ޝަހީދުގެ ނަން އަނބުރާ ނެގީ ޝަހީދު މި މަގާމަށް އައްޔަނު ކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

މިގޮތުން އެޕްލިކޭޝަން ބާތިލް ކޮށްދިނުމަށް އެދި އޭނާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްއީ) ގެ ރައީސް ހުސައިން ރިޒާ އާދަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެފަދައިން ނިންމީ އޭނާއަކީ މިހާރު ވެސް ސިޔާސީ ބޭފުޅެއް ކަމަށް ބަޔަކު ސިފަކުރަމުންދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަ ނުދިނުމުގެ ގޮތުން ކަމަށެވެ.