ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ (ސްރީލަންކާ ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ދިވެހިންނަށް) އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމައިފި އެވެ.
ސްރީލަންކާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ އަދި ސިއްހީ ފަރުވާއަށް ދަތުރުކުރާ ގައުމަކަށްވާތީ، މި ނިންމުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ވިސާއަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
"ވަކިން ހާއްސަކޮށް، ސެކިއުރިޓީ ކްލިއަރެންސްއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް އިލްތިމާސްކުރަމެވެ. ވިސާއަށް އެދޭ ފަރާތުގެ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އޭގެ ސަބަބުން ވިސާ ބާޠިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެތީ، މިކަމަށް ސަމާލުވުމަށް ސްރީލަންކާ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
"ވީމާ، ސްރީލަންކާގައި ދިރިއުޅޭ އެންމެހައި ދިވެހިން މި މުހިންމު ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ މި މިނިސްޓްރީގެ އިޚްލާސްތެރި އެދުމެކެވެ."