ފައިނޭންޝަލް ލިޓަރަސީ އަދި އިސްލާމީ ފައިނޭންސް އާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް އެމްއެމްއޭއިން ތަމްވީލް ފިންލިޓް ފެސްޓް 2025 ތައާރަފުކޮށްފިއެވެ.

އެމްއެމްއޭ އިން ބުނީ މިއީ ރާއްޖޭގައި ފައިނޭންޝަލް ލިޓަރަސީ، ޒިންމާދާރު ގޮތެއްގައި ފައިސާ މެނޭޖްކުރުން، އަދި އިސްލާމިކް ފައިނޭންސްއާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެއް ކަމަށެވެ.

މި ފެސްޓިވަލްގެ މަގްސަދަކީ ދަރިވަރުންނާއި، ޒުވާނުންނާއި، އަދި މުޅި މުޖުތަމަޢު ބައިވެރިވުން ހިމެނޭގޮތަށް އިސްލާމީ ފައިނޭންސަށް ފަރިތަ މުޖުތަމަޢެއް ބިނާކުރުން ކަމަށެވެ.

އެމްއެމްއޭ ތަމްވީލް ފިންލިޓް ފެސްޓިވަލް އިފްތިތާހުކޮށްދެއްވީ އެކަމަށް ޚާއްސަކޮށްގެން ބޭއްވި ހަފްލާއެއްގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާއިލް ޝަފީޢުއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި މާލީ ގޮތުން ހޭލުންތެރި މުޖުތަމައެއް ބިނާކުރުމުގެ މުހިންމުކަމަށް އަލި އަޅުވާލެއްވި އެވެ.

މި ފެސްޓިވަލްގައި ހަ މައިގަނޑު ހަރަކާތެއް ހިމެނެއެވެ. އެއީ؛

1.ފިންލިޓް ޗެލެންޖް

2.އިކޮންކުއެސްޓް ބަހުސް މުބާރާތް

3.އިމްޕެކްޓް ޕިޗް ޗެލެންޖް

4.ފިއުޗާ ފައިނޭންސްގެ ނަމުގައި ބާއްވާ މަޒުމޫނު މުބާރާތް

5.ވެލިއުސް އެންޑް ވިޝަން އާޓް މުބާރާތް

6.ކުރު ވީޑިއޯ ހެދުމުގެ މުބާރާތް

މި ހަރަކާތްތަކުގައި އުފެއްދުންތެރިކަމާއި، އައު އިޖާދީ ވިސްނުމާއި، އައު ގޮތްތައް ހޯދުމަށް މަގުފަހިކުރުމުގެ އިތުރުން، ފައިނޭންސް މެނޭޖުކުރުމަކީ ހަމައެކަނި ފަންނީ ހުނަރަކަށްވުރެ ބޮޑަށް އިޖުތިމާޢީ އަދި އިގްތިސާދީ ބަދަލު ގެނައުމުގެ ވަސީލަތެއްގެ ގޮތުގައި ދެކުމަށް ބައިވެރީންނަށް އުނގަންނައިދެވޭނެ އެވެ.

ފައިނޭންޝަލް ލިޓަރަސީގެ މައިގަނޑު ބައިވެރިންގެ ގޮތުގައި ޒުވާނުން

އެމްއެމްއޭ ތަމްވީލް ފިންލިޓް ޗެލެންޖަކީ ލީގެއްގެ އުސޫލުން ކުރިއަށްގެންދާ ކުއިޒް މުބާރާތެކެވެ. މި މުބާރާތް އަމާޒުކުރެވިފައިވަނީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި މުބާރާތުގައި ފައިސާ ރައްކާކުރުމާއި، ބަޖެޓް ހެދުމާއި، ހަލާލު އިންވެސްޓްކުރުމާއި، ރިސްކް ޙިއްޞާކުރުމާއި، އަދި އިސްލާމިކް ފައިނޭންޝަލް ނިޒާމުގެ އަސާސްތަކާ ބެހޭ މަޢުލޫމާތު ޓެސްޓުކުރެވޭނެއެވެ. މި ޗެލެންޖްގެ މަޤްޞަދަކީ ބައިވެރިންނަށް ޢަމަލީ ދިރިއުޅުމުގައި ބޭނުންކުރެވޭނެ ހުނަރުތައް ދަސްކޮށްދިނުމާއެކު، ޝައުޤުވެރިކަމާއެކު ދަސްކުރުމުގެ މާޙައުލެއް ޤާއިމުކުރުމެވެ.

ހަމައެހެންމެ، އިކޮންކުއެސްޓް ބަހުސް މުބާރާތުގައި 16 އަހަރާއި 25 އަހަރާ ދެމެދުގެ ބައިވެރިންނަށް މުހިންމު އިޤްތިޞާދީ މައްސަލަތަކާ ބެހޭގޮތުން އިލްމީ ހެކިތަކުގެ މައްޗަށް ބިނާކޮށް ބަހުސްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ދެމެހެއްޓެނިވި ތަރައްޤީއާއި، ވަށައިޖެހޭ މުޖުތަމަޢުއެއް ބިނާކުރުމާއި، ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުންތަކާ ހަމައަށް، ޒުވާން ބަހުސްވެރިންނަށް ޤައުމީ އަދި ބައިނަލްއަޤްވަމީ ދުނިޔޭގެ ގޮންޖެހުންތަކަށް އައު ޙައްލުތައް ހުށަހެޅުމުގެ ފުރުސަތު ލިބި، އެމީހުންގެ މަދަނީ ހޭލުންތެރިކަމާއި ވިސްނުން ވަރުގަދަވެގެންދާނެއެވެ.

އިސްލާމީ ފައިނޭންސިންގް ގައި އައު ގޮތްތައް ހޯދުމަށް ހިތްވަރުދިނުން

ފެސްޓިވަލްގެ މައިގަނޑު އެއް ހަރަކާތްކަމުގައިވާ އިމްޕެކްޓް ޕިޗް ޗެލެންޖް ފަރުމާކުރެވިފައިވަނީ ދިވެހިރާއްޖޭގައި ފައިނޭންޝަލް ލިޓަރަސީ ކުރިއެރުވުމަށް ޝަރީޢާއާ އެއްގޮތްވާ އައު ޙައްލުތައް ހޯދުމަށެވެ. 18 އަހަރުން މަތީގެ ބައިވެރިންނަށް ހުޅުވާލެވިފައިވާ މި ޗެލެންޖްގައި ތިން މައިގަނޑު ދާއިރާއަކަށް އަމާޒުކުރެވޭނެއެވެ. އެއީ ފައިނޭންޝަލް ލިޓަރަސީ ޓޫލްތައް ތައްޔާރުކުރުމާއި، ޚިދުމަތް ނުލިބޭ މުޖުތަމަޢުތަކަށް އެކުލެވޭ މާލީ ޙައްލުތައް އުފެއްދުމާއި، އަދި ފިންޓެކްގެ ޒަރީޢާއިން އިސްލާމީ ފައިނޭންސްގައި އައު ގޮތްތައް ހޯދުމެވެ.

ޝޯޓްލިސްޓްކުރެވޭ ބައިވެރިން، 15 ނޮވެމްބަރު 2025 ގައި އޮންނަ ބޫޓްކޭމްޕެއްގައި ބައިވެރިންގެ ޚިޔާލު (އައިޑިއާ) ހުށަހެޅުމަށް ފުރުސަތު ލިބޭނެއެވެ. ކާމިޔާބުކުރާ ފަރާތްތަކަށް 30,000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމުގެ އިތުރުން، ވިޔަފާރި ފަންޑިންގ، ކާމާގުޅޭ ފަރާތްތަކާއެކު މަސައްކަތްކުރުމުގެ ފުރުޞަތު، އަދި ތަމްރީނު ޕްރޮގުރާމުތަކުގެ ފުރުސަތު ލިބިގެންދާނެއެވެ.

އުފެއްދުންތެރިކަމާއި ހޭލުންތެރިކަން އިތުރުކުރުމަށް އިސްކަންދިނުން

މި ފެސްޓިވަލްގައި އުފެއްދުންތެރި އަދި ބިނާކުރަނިވި ޚިޔާލުތައް ފާޅުކުރުމުގެ ފުރުސަތުވެސް ހިމެނެއެވެ. ފިއުޗަރ ފައިނޭންސް މަޒުމޫނު މުބާރާތުގައި، ސްކޫލް ދަރިވަރުންނަށް އެކުދީންގެ ވިސްނުމުގައި މާލީ ދާއިރާއާ ދެތޭރޭ އޮތް ތަސައްވަރު ހާމަކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ. ވެލިއުސް އެންޑް ވިޝަން އާޓް ޝޯކޭސްގައި ޒުވާން ކުރެހުންތެރިންނަށް ހަމަހަމަ މާލީ ނިޒާމެއްގެ މުސްތަޤްބަލެއް ކުރެހުމުގެ ޒަރީޢާއިން ދައްކުވައިދިނުމަށް ފުރުސަތު ހުޅުވާލާފައިވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ޑިޖިޓަލް ދާއިރާގެ ހުނަރުތައް ދެއްކުމަށްޓަކައި ފެސްޓިވަލްގެ ވީޑިއޯ ޗެލެންޖްގައި ބައިވެރިވުމަށްވެސް އެމްއެމްއޭގެ ފިންލިޓް ފެސްޓިވަލްއިން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. މުބާރާތުގެ ބައިވެރިން 15 ސިކުންތާއި 60 ސިކުންތާ ދެމެދުގެ ވީޑިއޯތައް ހަދައިގެން ފައިނޭންޝަލް ލިޓަރަސީ އަދި އިސްލާމިކް ފައިނޭންސްއާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާނެ އެވެ.

މާލީގޮތުން ހޭލުންތެރި ގައުމެއް ބިނާކުރުން

އެމްއެމްއޭ އިން ބުނާގޮތުގައި، ތަމްވީލް ފިންލިޓް ފެސްޓްއަކީ އަދުގެ މާލީ މާޙައުލެއްގައި ކަންކަން ކުރިއަށްގެންދިއުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ދިވެހިންނަށް، ހާއްސަކޮށް ޒުވާނުންނަށް ދިނުމަށް އެ މުއައްސަސާއިން ކުރާ މަސައްކަތުގެ ތަސައްވުރެކެވެ. މި ފެސްޓިވަލްގެ މަގްސަދަކީ މާލީގޮތުން ޒިންމާދާރު، އަގުހުރި ސިފަތަކެއް ލިބިފައިވާ އައު ޖީލެއް ބިނާކުރުންކަމުގައިވެސް އެމްއެމްއޭއިން ބުންޏެވެ.

މި ފެސްޓިވާލާއި ބެހޭ އެއްމެ ފަހުގެ މައުލޫމާތުތައް މިކަމަށް ޚާއްސަކޮށްގެން ހަދާފައިވާ ވެބްސައިޓުންނާއި އަދި އެމްއެމްއޭގެ ސޯޝަލް މީޑިއާ ހެންޑަލްސްތަކުން ފޯރުކޮށްދޭނެކަމަށްވެސް އެއޮތޯރިޓީން ބުންޏެވެ.