އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އުވާލަން ރައީސް މުހައްމަދު މުއިއްޒު ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ނޫންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އީޕީއޭ އުވާލުމަށްފަހު، އެތަނުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ރައީސް މުއިއްޒު ނިންމެވުމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީޕީއޭ އުވާލައި، ޓުއަރިޒަމް މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއަށް އެތަނުގެ މަސްއޫލިއްޔަތުތައް ވެއްދުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ.
ރައީސް ނަޝީދުގެ އިތުރުންވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެސް ވަނީ ރައީސް މުއިއްޒުގެ މި ނިންމެވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މިގޮތުން ރައީސް ސާލިހު ވިދާޅުވީ، އީޕީއޭގެ ދައުރެއް ނެތި އީއައިއޭ ހެދޭ ގޮތަށް ސަރުކާރުން އީއައިއޭ ގަވާއިދު އިސްލާހު ކުރުމަކީ އީޕީއޭގެ ބާރެއް ނެތްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
އީޕީއޭ އުވާލުމުގެ އިތުރުން، މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަދާ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމުގެ މަސައްކަތް ކުރުކޮށް، އަވަސް ކުރެވޭނެ ގޮތްތަކެއް ބަލައި، ތަރައްގީގެ މަޝްރޫއުތައް އަވަހަށް ކުރިއަށް ގެންދެވޭނެ ގޮތްތަކަށް ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަށް ވެސް މުއިއްޒު ވަނީ އަންގަވާފަ އެވެ.
އީޕީއޭ އުފެދުނީ 18 ޑިސެމްބަރު 2008 ގައި، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ގަރާރަކުންނެވެ. މިއީ އެންވަޔަރަންމަންޓަލް ރިސަރޗް ސެންޓަރާއި މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ އެއްކޮށްލައިގެން އުފެއްދި އިދާރާއެކެވެ.
މިނިވަން އިދާރާ އެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އުފެއްދި އީޕީއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ތިމާވެށްޓާއި ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކޮށް، ރައްކާތެރިކޮށް، އަދި ބެލެހެއްޓުމާއި، ކުނި މެނޭޖްކުރުމާއި، އަދި ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުން ހިމެނެ އެވެ.
އީޕީއޭ ގެ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތަކާ ބެހޭ ރިޕޯޓު ތަކާ ބެހޭ އެންމެހާ މަސައްކަތްތައް ހިމެނެ އެވެ.