ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫއު އާރްސީސީއާ ހަވާލުކޮށްފި އެވެ.

ލޯކަލް ގަވާމެންޓް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އޮގަސްޓު މަހުގެ ތެރޭގައި ފެށޭނެއެވެ.

މި މަޝްރޫއުގެ ދަށުން އެއް އަހަރުގެ ތެރޭގައި 55 ކައުންސިލް އިދާރާގެ އިމާރާތް ނިންމަން އެ ކުންފުނިން ވަނީ އެއްބަސްވެފަ އެވެ. ކައުންސިލް އިދާރާގެ ވަށާފާރު ރޭނުމާއި ފަރުނީޗަރު ލައިދިނުން ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި، 55 ކައުންސިލް އިދާރާގެ ތެރެއިން 39 ކައުންސިލް އިދާރާ އިމާރާތް ކުރާނީ ދެބުރިއަށެވެ.

މި މަޝްރޫޢުގެ މަސައްކަތް މީގެ ކުރިން ހަވާލުކުރީ މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާއެވެ. ނަމަވެސް އިމާރާތަށް ގެނަނަން ނިންމި ބަދަލުތައް ބަލައިނުގަތުމަށް އެ ކުންފުނިން ނިންމުމުން ސަރުކާރުން ވަނީ އެއްބަސްވުން ބާތިލްކޮށްފަ އެވެ.

އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 38 މިލިއަން ޑޮލަރަށެވެ. ނަމަވެސް އާރްސީސީއާ މި މަސައްކަތް ހަވާލުކުރި އަގެއް ސަރުކާރުން ހާމައެއްނުކުރެ އެވެ.

އިތުރު 50 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމަށްވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި 50 ކައުންސިލް އިމާރާތުގެ ފީސިބިލިޓީ ހެދުމަށް ވާންޖެހޭ ތައްޔާރީތައް މި މަހުގެ ތެރޭގައި ވަނީ ފަށައިފަ އެވެ.