މީގެ ތިރީހަކަށް އަހަރު ކުރިން މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަން ބޭނުންކުރި އިސްޓާކީނު ޖޯޑެއް ނީލަމެއްގައި 8000 ޑޮލަރަށްވުރެ ބޮޑު އަދަަދަކަށް ވިކިއްޖެ އެވެ.

މިފަދަ ނީލަންތައް އިންތިޒާމުކުރާ ފްރާންސްގެ ކުންފުންޏެއް ކަމަށްވާ އޮރޯރާ އިލީ ޕްރައިވެޓް ލިމިޓެޑްއިން ވަނީ ޖުލައި މަހުގެ ފަހުކޮޅު ބޭއްވި ނީލަމެއްގައި މައިކަލް ޖެކްސަންގެ އިސްޓާކީނު ވިކިފައިވާކަން ޔަގީން ކޮށްދީފަ އެވެ.

1997 ވަނަ އަހަރު ފްރާންސްގައި ބޭއްވި ކޮންސެޓެއްގައި މައިކަލް ޖެކްސަން ބޭނުންކުރި އެ އިސްޓާކީނު މިހާތަނަށް އޮތީ އެ ކުންފުނީގެ ހަވާލުގައި ރައްކާ ކުރެވިފަ އެވެ.

އެސް މިނާތަކެއް ޖަހާފައިވާ ހުދު ކުލައިގެ އެ އިސްޓާކީނަށް އަރައިގެން ލަވަ ހުށައަޅާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް އިންޓަނެޓުގައި އާއްމުވެފައިވެ އެވެ.

މީގެ ކުރިން ވެސް މައިކަލް ބޭނުން ކޮށްފައިވާ އެހެނިހެން ތަކެތި ވަރަށް ބޮޑު އަގުގައި ވިކިފައިވާކަން ފާހަގަ ކޮށްލެވެ އެވެ. އެގޮތުން މަޝްހޫރު ލަވަ "މޫން ވޯކް"ގައި އޭނާ ބޭނުންކުރި އަންގި ވަނީ 2009 ވަނަ އަހަރު 350،000 އެމެރިކާ ޑޮލަރަށް ވިކިފަ އެވެ.

2009 ވަނަ އަހަރު މައިކަލް މަރުވެފައި އޮއްވާ ފެނުނުއިރު އޭނާގެ ހަޔާތުގައި ގެންގުޅުނު ތަކެތި ވަނީ އެކި ފަހަރ މަތިން ނީލަމުގައި ވިއްކާފަ އެވެ.