ރެއިންބޯ މެގަ ޑިވެލޮޕާސްއިން ހުޅުމާލޭގައި އިމާރަތްކުރަން ހަމަޖެހިފައިވާ 162 ހައުސިން ޔުނިޓަށް 700 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި އެވެ.

ރެއިންބޯ މެގަ ޑިވެލޮޕާސްއަކީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި މެގަ އިންފްރާ ޕްރޮޖެކްޓްސް ޕްރިއިވެޓް ލިމިޓެޑްގެ މެދުގައި އުފައްދައިފާވާ ޖޮއިންޓް ވެންޗާ ކުންފުންޏެކެވެ.

އެ ކުންފުންޏަށް ފްލެޓް އަޅަން ހަވާލުކުރީ މީގެ ތިން މަސް ކުރިންނެވެ. 162 ހައުސިން ޔުނިޓަކީ މިޑްރޭންޖް ހައުސިންއަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ރެއިންބޯ މެގަ ޑިވެލޮޕާސްއިން އިމާރާތްކުރަން ހަމަޖެހިފައިވާ ހައުސިން ޔުނިޓުތަކަށް ކުރިމަތިލި މީހުންގެ މާލީ ހާލަތު ދެނެގަތުމުގެ މަސައްކަތް އެކުންފުނިން އަންނަނީ ކުރަމުންނެވެ. އަދި އެ ކުންފުނިން ފްލެޓް ގަތުމަށް ލޯނު ނެގުމުގެ ގާބިލްކަން ލިބިގެންވާ އެޕްލިކޭޝަންތައް ވެސް ބަލަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ހަތް ސަަތޭކައަށް ވުރެ ގިނަ މީހުން 162 ހައުސިން ޔުނިޓަށް ކުރިމަތިލުމުން މާލީ ގާބިލުކަން ހުރި އަދި ފްލެޓް ގަތުމަށް ލޯނު ނެގުމުގެ ގާބިލްކަން ލިބިގެންވާ ވަރަށް ގިނަ ބައެއްގެ އެޕްލިކޭޝަން ވަނީ ބާތިލްވެފަ އެވެ.

އެ ކުންފުނިން ބުނީ، ބުކިން ހަދާފައިވާ ފްލެޓްތަކުގެ ބުކިން ކެންސަލަ ވެއްޖެނަމަ އެތަންތަން ބޭނުންވާ ފަރާތްތަކަށް އެކަން އަންގާނެ ކަމަށެވެ.

ރެއިންބޯ މެގަ ޑިވެލޮޕާސްއިން އިމާރަތްކުރާ އެޕާޓުމެންޓުތަކުގެ ޑައުންޕޭމަންޓަށް 50،000 ރުފިޔާ ދައްކަން ޖެހެ އެވެ. ޑައުން ޕޭމަންޓް ދެއްކުމަށްފަހު ލޯނު ނުލިބިއްޖެ ނަމަ އެ ފައިސާ އަނބުރާ ލިބޭނެ އެވެ. އަދި އެ ފައިސާ ޑައުންޕޭމަންޓްގެ ތެރެއިން އުނިކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭގައި އާ ރެސިޑެންޝަލް ބިލްޑިންގެއް އަޅަން ރެއިންބޯއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދައްކާލަނީ. ފޮޓޯ: އެޗްޑީސީ

މީގެ އިތުރުން ފްލެޓްގެ ޑައުންޕޭމަންޓް ދައްކާފައިވަނީ ޕެންޝަން ފަންޑުން ނަމަ ސްކްރީންޝޮޓް ހުށަހަޅަން ޖެހޭނެ ކަމަށް ރެއިންބޯ މެގަ ޑިވެލޮޕާސްއިން ބުންޏެވެ.

ޕެންޝަން ފަންޑުންގައި ހުރި ފައިސާއިން ޑައުންޕޭމަންޓުގެ ފުލް އަދަދު ނުދެއްކޭ ނަމަ، ބާކީ ދައްކަން ޖެހޭ ފައިސާގެ މިންވަރު ހުރިކަމުގެ ހެކި ދައްކަން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ފްލެޓްތަކަށް ޑައުންޕޭމަންޓް މި އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ދައްކަން ޖެހޭއިރު އެތަނުގެ ބިންގާ ވެސް އަދި ނާޅަ އެވެ. ފްލެޓްތަކުގެ 20 ޕަސެންޓް މަސައްކަތް ނިމުމުގެ ކުރިން ޑައުންޕޭމަންޓް ނެގުމަކީ މަނާކަމެކެވެ.

ރެއިންބޯ މެގަ ޑިވެލޮޕާސްއިން އެ 162 ހައުސިން ޔުނިޓު ދެ އަހަރު ތެރޭގައި އަޅާ ނިންމަން ޖެހެ އެވެ. އަދި އެ ޕްރޮޖެކްޓް މިޑްރޭންޖް ހައުސިންއަށް ހާއްސަ ކުރެވުނަސް ލަގްޒަރީ ޕްރޮޕަޓީއަކުން ލިބޭ ސުވިމިންގް ޕޫލް، ޖިމް ފަދަ ގިނަ ވަޞީލަތްތަކެއް ހިމެނޭނެ އެވެ.