ވަކިވަކި ނޫސްވެރިންނަށް އަދަބު ދެވޭ ގޮތައް މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ހުށަހެޅީ، ރައީސް މުޙައްމަދު މުއިއްޒުއަށް "ކައްޒާބު" ކިޔުން ހުއްޓުވަން ކަމަށް ބިލު ހުށަހެޅި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ބުނެފައިވާ ކަމަށް، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާތައް ނައްތާލުމުގެ ބިލަށް ބަހުސް ކުރައްވަމުން މެމްބަރު މައުރޫފް ވިދާޅުވީ، ތަޅު އަޅުވައިގެން އަދި އޮބަހައްޓައިގެން ރާއްޖެ ހިންގޭ ކަމަށް ގަބޫލު ކޮށްގެން ނުވާނެ ކަމަށާއި، އެކަން އެހެން ނުކުރެވޭނެ ކަމަށެވެ.
މައުރޫފް ވިދާޅުވީ އެ ބިލު ހުށަހެޅި ސަބަބަކީ ރައީސް މުއިއްޒުއާ ދިމާލަށް ކައްޒާބު ކިޔާތީ އެކަން ހުއްޓުވުމުގެ މަގުސަދުގައި ކަމަށް މެމްބަރު ހަންނާން ބުނެފައިވާ ކަމަަށެވެ.
މެމްބަރު މައުރޫފް ވިދާޅުވީ އެ ބިލަކީ ސަރުކާރުން ސްޕޮންސާ ކޮށްގެން، ރައީސް މުއިއްޒުއާ ދިމާލަށް ކައްޒާބު ކިޔާތީ އެކަން ހުއްޓުވަން ވެގެން ހުށަހަޅާފައިވާ ބިލެއް ކަަމަށެވެ. މީގެ އިތުރުންް މެމްބަރު މައުރޫފް ވިދާޅުވީ މީޑިއާ ތަކުގައި ތަޅު ނޭޅުވޭނެ ކަމަށެވެ.
މީގެ އިތުރުން މައުރޫފް ވިދާޅުވީ ރައީސް މުއިއްޒު އެންމެ އުފާވާ ކަމަކީ ވައްކަން ކުރުން ކަމަށާއި ކޮންމެ ދުވަހަކު ވެސް ދަނީ އެތައް ވައްކަންތަކެއް ކުރައްވަމުން ކަމަށެވެ. އަދި މި ޤައުމަކީ ވައްކަމުގެ ހާއްޔަކަށް ހަދާފައިވާ ކަމަށް ވެސް މެމްބަރު މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ، މިހާރު ހުށަހަޅައިގެން އުޅޭ ބިލު އަނބުރާ ގެންދަވަން ޖެހޭނެ ކަމަށެވެ. އަދި އެ ބިލު ފާސް ކުރަން ވެސް ނުކެރޭނެ ކަމަށާއި، އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި ތިއްބާ އެ ބިލު ފާސް ކުރިއަ ނުދޭނެ ކަމަށް ވެސް މައުރޫފް ވަނީ ވިދާޅުވެފަ އެވެ.
އިތުރަށް މެމްބަރުން މައުރޫފް ވިދާޅުވީ ހުރިހާ ރައްޔިތުން ނިކުމެ މުޅި މާލޭގެ މަގުތައް ފުރާލަން ޖެހޭ ކަމަށާއި، އެ ބިލު ބޭރުކޮށްލަން ޖެހޭނެ ކަަމަށެވެ. އަދި ރައީސް މުޢިއްޒު އަށް ވެސް އެ ބިލު ފާސް ކުރަން ނުކެރޭނެ ކަމަށާއި، އަދި ރައީސް މުއިއްޒު އެ ބިލު އަނބުރައި ގެންދަވާނެ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
ހުދުމުހުތާރުކޮށް، ޑިކްޓޭޓަރު ގޮތެއްގައި ހުރިހާ ކަމެއް ކުރެވޭނެ ކަަމަށް ރައީސް މުޢިއްޒު ގަބޫލުކޮށްގެން ނުވާނެ ކަމަށް ވެސް މައުރޫފް ވަނީ ވިދާޅުވެފަ އެވެ. އަދި މިއަދު ރާއްޖޭގައި ކަންކަން ހިނގަމުން ދަނީ ޑިކްޓޭޓަރުން ކަންތައް ކުރައްވާ ގޮތަށް ކަމަށް ވެސް މައުރޫފް ވަނީ ވިދާޅުވެފަ އެވެ.