އަތޮޅު ކައުންސިލް އުވާލުމަށް ގާނޫނުއަސާސީއަށް ވަރަށް އަވަހަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އއ. މަތިވެރި ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތްތަނެއް ނޫން ކަމަށެވެ. އެހެންވެ، އެ ކައުންސިލް އުވާލަން ސަރުކާރުން ހުށަހަޅާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކި ވާނެ. އެއީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. އެހެންވީމާ ޤާނޫނު އަސާސީ އިސްލާޙްކުރާނަން. އިސްލާޙް ނުކޮށް އަތޮޅު ކައުންސިލް އުވާލުމެއް ނެތް ވާކަށް." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމުން ރައްޔިތުން ބާރުވެރިކުރުވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ 2000 މީހުންނަށް ވުރެ ކުޑަ އާބާދީ އޮންނަ ރަށްތަކުގައި ތިން ކައުންސިލަރުން އަދި އެއަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށްތަކުގައި ފަސް ކައުންސިލަރުން ތިބޭގޮތަށް ވެސް ގާނޫނު ބަދަލުކުރާނެ ކަމަށެވެ.