ސުޕްރީމް ކޯޓުގެ ނަމުގައި ސައްހަ ނޫން ލިޔުމެއް ތައްޔާރުކޮށްގެން ގާނޫނީ ވަކީލެއް ކަމަށް ހެދިގެން އުޅުނު މީހެއްގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ބާ ކައުންސިލުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި ގާނޫނީ ވަކީލެއް ކަމަށް ހެދިގެން މަސައްކަތް ކުރީ ލ. ފޮނަދޫ، ހަވޭލި، ފާތިމަތު ތޫބާ އަބްދުﷲ އެވެ.
އޭނާގެ ގާނޫނީ ވަކީލުކަމުގެ ހުއްދައަކީ ބާ ކައުންސިލުން ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދައެއްތޯ ބެލުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ބާ ކައުންސިލަށް ހުށަހެޅި އެވެ.
މިކަމާ ގުޅޭގޮތުން ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އެ ކައުންސިލުން ބެލި ބެލުމުން އޭނާ އަކީ އެއްވެސް އިރެއްގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތެއް ނޫންކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ބާ ކައުންސިލުން އިތުރަށް ބެލިބެލުމުން ތޫބާއަށް ދޫކޮށްފައިވާކަމަށް ބުނާ ވަކާލާތުކުރުމުގެ ހުއްދައަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށް، "ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ"ގެ ގޮތުގައި ތައްޔާރުކޮށްފައިވާ ލިޔުމެއްކަން ފާހަގަކުރެވިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ލިޔުމުގައި ހިމަނާފައިވާ ސޮޔަކީ، އެ ތާރީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަނޑިޔާރެއްގެ ސޮއި ނޫންކަން ވަނީ ފާހަގަކުރެވިފައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައިވާ ގޮތުގެމަތިން، 27 ޖޫން 2019 ގައި ދިވެހިރާއްޖޭގެ ބާ ކައުންސިލް ވުޖޫދުވުމަށްފަހު، އެ ގާނޫނުގައިވާ ގޮތުގެމަތިން ވަކާލާތުކުރުމުގެ ހުއްދަ ދިނުމުގެ ބާރާއި ޒިންމާ މަތިކުރެވިފައިވާ ހަމައެކަނި އިދާރާއަކީ ދިވެހިރާއްޖޭގެ ބާ ކައުންސިލެވެ.
"ބާ ކައުންސިލުގެ ވަކީލުންގެ ދަފުތަރުގައި، ފާޠިމަތު ޠޫބާ ޢަބްދުﷲ ހިމަނާފައިނުވުމުގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިޓަޔަރކުރައްވާފައިވާ ފަނޑިޔާރެއްގެ ސޮއި ބޭނުންކޮށް، 20 ސެޕްޓެންބަރު 2020ގެ ތާރީޚުގައި ތައްޔާރުކޮށްފައިވާ ދެންނެވުނު ލިޔުމުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި މި ކައުންސިލުން އިތުރަށް ބެލިބެލުމުން ފާޠިމަތު ޠޫބާ ޢަބްދުﷲ އަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތެއް ނޫންކަން މި ކައުންސިލަށް ކަށަވަރުކުރެވިފައިވާތީ، މި މައްސަލަ ތަޙުޤީޤުކޮށްދެއްވުން އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް ބާ ކައުންސިލުން ވަނީ ހުށަހަޅާފައެވެ،" ބާ ކައުންސިލްގެ ބަޔާނުގަައިވެ އެވެ.
ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތަކުން އޭނާއަކީ ގާނޫނީ ވަކީލެއްކަމުގައި އާންމުންނަށް ގަބޫލުކުރެވޭނެ ފަދައަކުން ދެއްކުމާއި، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ގާނޫނީ މަސައްކަތްކޮށް ގާނޫނީ ހިދުމަތް ދިނުމަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން މަނާކަމެކެވެ. އަދި އެއީ ގާނޫނީ ކުށެކެވެ. އެއްވެސް ފަރާތަކުން މިފަދަ ޢަމަލުތައް ނުހިންގެވުމަށް ބާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.