ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރައްޔިތުން އިހްސާސް ކުރަމުން ދަނީ ދަތިކަމާއި ނިކަމެތިކަމާއި އަޅުވެރިކަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
"ވޭކް އަޕް"ގެ ނަމުގައި ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މި ސަރުކާރު ހިނގަނީ އަދިރި ދައުލަތެއްގެ ގޮތުގައި ކަމަށާއި ނަތީޖާއަކީ ރައްޔިތުން ފުނޑިގެން ދިޔުން ކަމަށެވެ.
ރައްޔިތުންގެ ހާލަތު ކިތަންމެ ދަށްވިޔަސް ސަރުކާރުގެ ވެރިން އުޅެނީ ވަރަށް އުފަލުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއަދު ހިތްހަމަޖެހިލައިގެން މި އުޅެނީ ވެެރިންނަށް ތިއްބެވި ބޭފުޅުންނާ އެބޭފުޅުންގެ އާރުކާޓީގެ ތެރޭގައި ތިބޭ މީހުން. ޖީބުތައް ފަލަވެގެން މި ދަނީ ރިޝްވަތުގެ ފައިސާއިން. އެއް ދުވަހުން އަނެއް ދުވަހަށް ރައްޔިތުންގެ ހާލަތު މި ދަނީ ދަށަށް. މިއީކީ ގައުމެއް އޭގެ ޒާތުގައި ވާނެ ގޮތެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މި ސަރުކާރުން ފެށި ބިޔަ މަޝްރޫއުތައް ފެއިލްވެފައިވާ ކަމަށާއި ރައްޔިތުން މިއަދު ހޭލަންޖެހޭ ކަމަށެވެ. ފެއިލްވި މަޝްރޫއުތަކުގެ ތެރޭގައި ބަންކަރިންގެ ހިދުމަތާއި ޑިވެކޮޕްމަންޓް ބޭންކްގެ ހިދުމަތް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ފުށިދިއްގަރު ފަޅު ހިއްކައިގެން މީހުން އާބާދުކުރުމަށް ރަސްމާލޭގެ ނަމުގައި ހިންގާ މަޝްރޫއަކީ ކާމިޔާބުވާނެ މަޝްރޫއުއެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރަށް ރައްޔިތުންގެ ލޯތްބާއި ތާއީދު ނުލިބޭތީ ކުރެވުނު ގޮތަކަށް ވެރިކަންކޮށްގެން ވެރިކަމުގައި ދެމިހުރެވޭތޯ ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޕީއެންއެފް އިން ޕާޓީގެ އޮފީހުން ބޭރުގައި ބޭއްވި ފުރަތަމަ ޖަލްސާއަށް އެ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދިޔަ އެވެ. އެ ޖަލްސާގައި ވަނީ އެކި ރަށްރަށަށް ނިސްބަތްވާ ޕީއެންއެފްގެ ސަޕޯޓަރުން މި ސަރުކާރާ މެދު އެ މީހުންގެ ޝުއޫރު ހިއްސާކޮށްފަ އެވެ.