ރާއްޖޭގެ މިޑިއާތަކުގެ ބާރުކަނޑުވާލައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންދިއުމަށް ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރަކު ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު މަޖިލީހުން ބޭރުކުރުމަށް، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ސަރުކާރަށް ގޮވާލައިފި އެވެ.

ނޫސްވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ސީޕީޖޭގެ އޭޝިއާ ޕްރޮގްރާމުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް އައްޔަންކުރައްވާ ބޭފުޅުންނާ އެކު އާ ކޮމިޝަނެއް އުފައްދައި، މީޑިއާތައް ޖޫރިމަނާކުރުމާއި ސަސްޕެންޑްކުރުމުގެ ބާރުދީ، ބޭނުންގޮތެއް މީޑިއާތަކަށް ހެދޭ ގޮތަށް އޮތް ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި، ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމަށް ނުރައްކާވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މިއީ ރައީސް މުއިއްޒުގެ ސަރުކާރު އައިފަހުން މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ހުށަހެޅި ދެވަނަ ބިލުކަން ފާހަގަކޮށް ސީޕީޖީން ވަނީ ބިލް އަނބުރާ ގެންދިއުމަށް ރައީސް މުއިއްޒަށް ގޮވާލާފަ އެވެ.

ސީޕީޖީގެ އިތުރުން ނޫސްވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ވެސް ވަނީ މި ބިލާ ދެކޮޅަށް ބަޔާނެއް ނެރެފަ އެވެ.

އެ ޖަމިއްޔާއިން ބުނީ މީޑިއާތައް ރެގިއުލޭޓް ކުރެވޭނީ މީޑިއާތަކާއި މީޑިއާތަކުގައި މަސައްކަތް ކުރާ މީހުންގެ މަޝްވަރާ އާއި ބައިވެރިވުން ހިމެނޭ ގޮތަށް ކަމަށެވެ. ރާއްޖޭގެ މީޑިއާތަކާ އެއްވެސް މަޝްވަރާއެއް ނުކޮށް މިފަދަ ކަމެއް ނިންމުމަކީ ރެގިއުލޭޓަރީ އޮތޯރިޓީއެއްގެ ހަގީގީ މަގްސަދު ގެއްލޭ ކަމެއްކަން އައިއެފްޖޭއިން ފާހަގަކޮށްފައިވެ އެވެ.

އެ ބިލްގައިވާގޮތުން އޭގެ ދަށުން އުފެދޭ ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާގެ ތިން މެންބަރުން ތިބެ އެވެ. އަދި އެ ކޮމިޝަނުގެ ރައީސް ކަމަށް ބޭފުޅަކު އައްޔަންކުރުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

އެ ބިލްގައިވާގޮތުން ރަޖިސްޓްރީނުކޮށް މީޑިއާތައް ހިންގުމަކީ މަނާ ކަމެކެވެ. އަދި މީޑިއާތަށް ބޮޑެތި އަދަދުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ބިލްގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ފަދަ ބޮޑެތި ބާރުތައް ހިމެނެ އެވެ.