ރައީސް މީންގެޔާ ޕާޓީ ޕީއެންއެފުން ރޭ ބޭއްވި "ވޭކް އަޕް" ޖަލްސާ ދެއްކުމަށް ހަމަޖެހިފައިވަނިކޮށް ޗެނަލް 13ގެ ބްރޯޑްކާސްޓިން ހުއްޓާލަން ބްރޯޑްކާސްޓިން ކޮމިޝަނުން އެންގުމާއި ގުޅިގެން މޯލްޑިވްސް މީޑިއާ އެސޯސިއޭޝަން (އެމްޖޭއޭ)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޗެނަލް 13ގެ ބްރޯޑްކާސްޓިން ހުއްޓާލަން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން އެންގިކަން ހާމަކޮށްފައިވަނީ ރޭ އެ ކޮމިޝަނުގެ ފޭސްބުކް ޕޭޖުގަ އެވެ. އެ ޕޯސްޓުގައިވަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ނ) ގެ ދަށުން މިރޭ (21 އޮގަސްޓް) 08:00 ން 09:00 އަށް ޗެނަލް-13 ގެ ޕްރޮގްރާމް ޝެޑިއުލް މެދުކަނޑާލުމަށް، އޮގަސްޓް 11، 2025 ގައި މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އެމްޖޭއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 21 އޮގަސްޓް 2025 ވަނަ ދުވަހުގެ ރޭ، 8 އިން 9 އަކަށް ޗެނަލް-13 ގެ ބްރޮޑްކާސްޓް ހުއްޓާލުމަށް ބްރޯޑްކޮމްއިން އެންގި އެންގުމާ ގުޅޭ ގޮތުން ކަންބޮޑުވާ ބޮޑެތި ކަންތައްތަކެއް ހުރިކަމަށެވެ.

އެގޮތުން ޖެނުއަރީ މަސް ތެރޭ އެ ކޮމިޝަންގެ އަމިއްލަ އިސްނެގުމަކަށް ބަލަން ފެށި މައްސަލައެއްގެ ތަހުގީގު މި މަހުގެ 11 ވަނަ ދުވަހު، އެ ކޮމިޝަނުން ނިންމައި 21 ވަނަ ދުވަހުގެ ރޭގެ 8-9 އަށް ޗެނަލް-13ގެ ބްރޮޑްކާސްޓް ހުއްޓާލަން އެންގިއިރު، އެ ތާރީހުގައި ބާއްވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ އެއްވުމެއް އެ ޗެނަލުން ވަގުތުން ދައްކާނޭކަން 9 އޮގަސްޓްގައި އިއުލާންކޮށްފައިވާކަން ފާހަގަކޮށްފައި ވެއެވެ.

އެކަމާއި ގުޅޭގޮތުން ބްރޯޑްކޮމްއާ އެމްޖޭއޭއިން ސުވާލުކުރުމުން އެ ކޮމިޝަނުން އެ މައްސަލަ ނިންމިއިރު އެ ޗެނަލުން ސިޔާސީ ޕާޓީއެއްގެ ޖަލްސާއެއް ދުރަށް ދައްކަން ތާވަލުކޮށްފައި އޮތްކަން ކޮމިޝަނަށް ނޭނގޭ ކަމަށާއި އެ ޖަލްސާ އޮތް ރެއާ އެ ކޮމިޝަންގެ އެންގުމާ ދިމާވީ އިއްތިފާގަކުން ކަމަށް ބުނެފައި ވާކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.

"ކޮމިޝަނުން އެހެން ބުނި ނަމަވެސް މައްސަލައިގެ ޓައިމްލައިނަށް ބަލާއިރު ސިޔާސީ ޕާޓީއެއްގެ އެއްވުމެއް ވަގުތުން ދުރަށް ދެއްކުމަށް ތާވަލުކޮށްފައިވަނިކޮށް އެ ވަގުތާ ދިމާވާ ގޮތަށް އެ ޗެނަލްގެ ބްރޯޑްކާސްޓް ހުއްޓާލަން ބްރޯޑްކޮމްއިން އެންގި އެންގުމަކީ ވަކި މަގުސަދެއް ހާސިލްކުރުމަށް ނުފޫޒެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމެއް ކަމަށް ގަބޫލުކުރެވޭ" އެމްޖޭއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

މި މައްސަލަ ބްރޯޑްކޮމްއިން ބެލުމުގައި އާންމުކޮށް ހުޅުވާލައިގެން ދެ ފުއްފެންނަ ގޮތެއްގައި މައްސަލަ ބަލާފައި ނުވާކަން ފާހަގަކޮށް، ބްރޯޑްކޮމްގެ މި ފިޔަވަޅު އެމްޖޭއޭއިން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ހުޅުވާލެވިގެން ބާއްވާ އަޑުއެހުންތަކެއްގައި ދެ ފުއް ފެންނަ އުސޫލަކުން މީޑިއާތަކާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ނުފޫޒުން އެއްކިބާވެ ތިބެ އިންސާފާއި ހަމަހަމަކަމާ އެކު ބެލުމަށް ބްރޯޑްކޮމްއަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން މިއަދުގެ ބަޔާނުގައިވެސް އެމްޖޭއޭއިން ވަނީ މީޑިއާ ކޮންޓްރޯލް ކުރާ ބިލް އަނބުރާ ގެންދިއުމަށްވެސް ގޮވާލާފަ އެވެ.

"ބްރޯޑްކޮމްގެ މި އަމަލުގެ ސަބަބުން ވެސް އެނގި ހާމަވެގެން މިދަނީ ސަރުކާރުގެ ނުފޫޒު އޮންނަ ގޮތަށް ސެލްފް ރެގިއުލޭޓަރީ އުސޫލުން ބޭރު މެކޭނިޒަމްއަކުން މީޑިއާ ރެގިއުލޭޓްކުރާ ނަމަ، އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމާއި މީޑިއާގެ މަސައްކަތަށް ކުރިމަތިވެދާނޭ ހުރަސްތަކާއި ނުރައްކާތަކުގެ ކުޑަވަރެއްގެ މިސާލެކެވެ. އެހެންކަމުން، މިހާރު މަޖިލީހަށް ވައްދާފައިވާ 'ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރާ ބިލް' ފާސްވެއްޖެ ނަމަ މީޑިއާތަކާއި ނޫސްތައް ބަންދުކުރުމާއި ނޫސްތަކުގެ ކޮންޓެންޓް ކޮންޓްރޯލްކުރުމުގެ ނުރައްކާތެރި ސަގާފަތެއް ފެށިދާނެ އެވެ. އެހެންވެ، މި ފުރުސަތުގައި ވެސް މި ޖަމްއިއްޔާއިން ގޮވާލަނީ އެބިލް އަނބުރާ ގެނައުމަށެވެ." ބަޔާނުގައި ވެއެވެ.