ކުލަކުލައިގެ ވާފަށްތަކެއްގައި ވަކި ތަރުތީބަކުން ކުދި ގޮށްތަކެއް ޖެހުމަށް ދެވިފައިވާ ނަމަކީ "މެކްރެމޭ". މި މަސައްކަތް އެންމެ ކުރިން ކުރީ 19 ވަނަ ގަރުނުގައި އަރަބިން ކަމަށް ބުނެވޭ. ފަހުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް މި މަސައްކަތް ފެތުރިގެން ދިޔަ. ރާއްޖޭގެ ޖޯލި ގެތުމަކީ ވެސް މެކްރެމޭގެ ވައްތަރެއް. "މެކްރަ މާމާ"ގެ ނަމުން މަޝްހޫރުވެފައިވާ މި ހުނަރުވެރިޔާ މެކްރެމޭ މަސައްކަތް ދަސްކުރީ ޔޫޓިއުބް ވީޑޯތަކުން. އޭރު އެ މަސައްކަތް ކުރީ ހިތްހަމަޖައްސާލުމުގެ ގޮތުން. ފުރަތަމަ ހެދީ ގަސްމުށި އެލުވާ ޕްލާންޓް ހޭންގާސް އާއި ފާރު ޒީނަތްތެރިކުރަން ބޭނުންކުރާ ވޯލް ހޭންގާސް. އޭނާގެ މަސައްކަތް އާންމުންނަށް ފުރަތަމަ ފެންނަން ފެށީ ފޭސްބުކްގަ އާއި އިންސްޓަގްރާމްގައި ކޮވިޑް ތެރޭގައި ހުޅުވި "މެކްރަ މާމާ" ޕޭޖުން. އެ މަސައްކަތުގައި އޭނާގެ ފިރިމީހާ އަދި ދަރިންގެ ބޮޑު އެހީތެރިކަން ލިބޭ. މިއަދު އޭނާ ވަނީ ގިނަ ވައްތަރުގެ ގެތުންތައް ވުޖޫދުކޮށްފައި. އޭގެ ތެރޭގައި ގަހަނާގެ ވައްތަރުތަކާއި، ވެޑިން ބެކްޑްރޮޕްސް އާއި، ބެޑްރޫމް ޑެކޯ، އެނދުގައި އަޅާ ބެޑް ރަނާސް، ޓޭބަލް ރަނާސް، ކާޓަންސް، ދަބަސް އަދި ކުޝަން ކަވާސް ހިމެނޭ. މީގެ ތެރެއިން އެންމެ ބޮޑަށް ވިކެނީ ކައިވެނި ޕާޓީތަކަށް ތައްޔާރުކުރާ ބެކްޑްރޮޕްސް.

ގޭތެރެ ޒީނަތްތެރިކުރަން ކުލަކުލައިގެ ނަލަ ޑިޒައިން އުފެއްދުމަށްޓަކައި ވާފަށްތަކެއްގައި ވަކި ތަރުތީބަކުން ކުދި ގޮށްތަކެއް ޖެހުމަށް ދެވިފައިވާ ނަމަކީ "މެކްރެމޭ" އެވެ. މި ޝާހީ ނަލަ މަސައްކަތް އެންމެ ކުރިން ކުރި ކަމަށް ވަނީ 13 ވަނަ ގަރުނުގައި އަރަބީންގެ ތެރޭގައި އުޅުނު ވިޔުމުގެ މަސައްކަތް ކުރި މީހުންނެވެ. ފަހުން 19 ވަނަ ގަރުނުގައި އިނގިރޭސީންގެ މެދުގައި ވެސް މިނަލަ މަސައްކަތް ވަރަށް މަޝްހޫރު ވެގެންދިޔަ އެވެ.

ރާއްޖޭގެ ސަގާފީ ޖޯލިގެތުން ވެސް ހިމެނެނީ މެކްރެމޭގެ ތެރޭގައި އެވެ. "މެކްރަ މާމާ"ގެ ނަމުން ރާއްޖޭގައި ފަހަކަށް އައިސް ބޮޑު މަޝްހޫރު ކަމެއް ހޯދަމުން އަންނަ މި ހުނަރުވެރިޔާ އަކީ މިވަގުތު ރާއްޖޭގައި މެކްރެމޭއަށް އެންމެ ކުޅަދާނަ ބޭފުޅާއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

ޝީނީޒް: މެކްރޭމް މަސައްކަތް ދަސްކުރީ ހުސްވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް

އައިޝަތު ޝީނީޒް (ޝީނީޒް) މެކްރެމޭގެ މަސައްކަތް ދަސްކޮށް، އެ މަސައްކަތް ފުރަތަމަ ކުރެއްވީ ލިބޭ ހުސް ވަގުތުތަކުގައި ހިތްހަމަޖައްސާލުމުގެ ގޮތުންނެވެ. އޭނާގެ އެ ހިތްގައިމު ގެތުންތައް ކޮންމެވެސް ދުވަހަކުން ގޭގޭގެ ފާރުތަކާއި ބެލްކަނީ ބަގީޗާތައް ޒީނަތްތެރި ކުރުމަށް ބޭނުންކުރެވޭނެ ކަމަކަށް އޭރު ހީކޮށްފައިއެއް ނުވެ އެވެ.

އާމީނިއްޔާ ސްކޫލްއާއި އެސްއިސީ (މިހާރުގެ ސީއެޗްއެސްއީ) އިން ތައުލީމު ހާސިލްކުރެއްވި ޝީނީޒް ސްކޫލް ނިންމުމަށް ފަހު ފުރަތަމަ ވަޒީފާއަދާ ކުރެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގަ އެވެ. މެލޭޝިއާގައި ސްޕޯޓްސް މެނޭޖްމަންޓްގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމަށް ފަހު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި، ސްޕޯޓްސް ޑިވެލޮޕްމަންޓް އޮފިސަރެއްގެ މަގާމުގައި 14 ވަރަކަށް އަހަރު ވަޒީފާ އަދާ ކުރެއްވި އެވެ. ވަޒީފާއިން ވަކިވެވަޑައިގަތީ އޭނާގެ ދެދަރިންނަށް ވަގުތު ދިނުމުގެ ބޭނުމުގަ އެވެ.

ޝީނީޒް ޚާއްސަ އިވެންޓެއްގައި އޭނާގެ މަސައްކަތް ދައްކާ ލައްވަނީ: މެކްރޭމް މަސައްކަތަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން

ކުދިން ބޮޑުވެ ހުސްވަގުތު ލިބެން ފެށުމުން އޭނާ ދެން ނިންމެވީ ކޮންމެ ވެސް މަސައްކަތެއް ކުރެއްވުމަށެވެ. އެ ވިސްނެވުމުގައި ހުންނަވަނިކޮށް އޭނާގެ ދަރިފުޅުގެ އެދުމުގެ މަތިން މެކްރެމޭގެ މަސައްކަތް ދަސްކުރެއްވި އެވެ.

"ވަރަށް ގިނަ ދުވަހު ކުދިންނަށް އަޅުގަނޑުގެ ހުރިހާ ވަގުތެއް ހުސްކުރިން. ކުދިން މަތީ ތައުލީމު ހާސިލްކުރުމަށް ރާއްޖޭން ބޭރަށް ދިއުމުން، އެކަނި ގޭގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހޭނެތީ ފޫހިފިލުވުމަށް މަސައްކަތެއް ކުރަން ވިސްނިން. އަޅުގަނޑުގެ ދަރިފުޅު ދިން ޚިޔާލެއް އެއީ. އޭނަ އެއް ދުވަހަކު ގެއައިސް ބުނީ މަންމާއޭ މެކްރޭމޭއަކީ ވަރަށް ނަލަ މަސައްކަތެކޭ އެމަސައްކަތް ދަސްކުރަންވީ ނޫންހޭ. އެ މަސައްކަތް އަޅުގަނޑަށް ވެސް ވަރަށް ކަމުދިޔަ. މާލެއިން އެމަސައްކަތް ކުރުމަށް ބޭނުންވާ ތްރެޑް ނުވަތަ ވާކޮޅެއް ނުލިބުމުން ފުރަތަމަ ބޭނުންކުރީ ދޯނި ފަހަރުގައި ގެންގުޅޭ ކަހަލަ ވާގަނޑެއް،" ގެތުމުގެ މަސައްކަތް ފުރަތަމަ ފެށުނު ގޮތް އޭނާ ކިޔައިދިނެވެ.

މެކްރެ ކާޓްން ނުވަތަ ދޮރުފޮތި: ކޮންމެ މެކްރޭމް ގޮށަކީ ވެސް ވަރަށް ފަރުވާތެރި ކަމާއެކު ޝީނީޒްގެ ހުނަރުވެރި ދެއަތުން ޖަހާފައި ގޮށެއް

ޝީނީޒް މަސައްކަތް ދަސްކުރެއްވީ ޔޫޓިއުބް ވީޑިއޯތަކުންނެވެ. ފުރަތަމަ ގޮށްޖަހަން ވަރަށް އުނދަގޫވި ކަމަށާއި އުނދަގުލުން ޖެހޭ ގޮށް ވެސް އޭރު ރީތިކޮށް ނުހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ހިތްވަރު އެލުވާނުލައި އެ މަސައްކަތައިގެން ކުރިއަށް ގެންދެވީ އެކަމަށް ހުރި ޝައުގުވެރިކަމެއްގެ ސަބަބުންނެވެ.

އެ އަޒުމުގައި ހިފަހައްޓައިލުމުން ވަރަށް އަވަހަށް މެކްރެމޭގެ ތަފާތު ގިނަ ގޮށްތައް ދަސްވި އެވެ. އަދި ގޮށްތައް އޮމާންވެފައި ރީތިވާން ފެށި އެވެ. އެ ހިސާބުން އެ މަސައްކަތުގައި ކުރިއަށް ދިއުމަށް އާ ހިތްވަރެއް ލިބުނެވެ. ފުރަތަމަ ހެއްދެވީ ޕްލާންޓް ހޭންގާސް (ގަސްމުށި އެލުވާ އެއްޗެހި) އާއި ކުދި ވޯލް ހޭންގާސް (ފާރު ޒީނަތްތެރި ކުރަން ހަރުކުރާ ގެތުންތައް) އެވެ.

ޕްލާންޓް ހޭންގާސް : މެކްރެމޭގެ މަސައްކަތުން ގޭތެރެއަށް ނަލަކަމާއި ޝާހީކަން ގެނެސްދޭ

ކޮވިޑްގެ ހާލަތުގައި މަސައްކަތަށް ކުރިއެރުންތަކެއް ލިބިގެން ދިޔަ

ކޮވިޑްގެ ދުވަސްވަރު ގޭގައި ބަންދުވެގެން ތިބި ގިނަ މީހުން ގޭތެރެ ޒީނަތްތެރިކުރުމުގެ އެކި ކަންކަން ކުރި އެވެ. އެ ވަގުތުގެ ބޭނުން ޝީނީޒް ހިފީ އޭނާގެ މަސައްކަތް މީހުންނަށް ސޯޝަލްމީޑިއާ މެދުވެރިކޮށް ދާއްކާލުމަށެވެ. އެ އަށްފަހު އޭނާގެ އާއިލާގެ ލަފާގެ މަތިން "މެކްރަ މާމާ"ގެ ނަމުގައި އިންސްޓަގްރާމްގަ އާއި ފޭސްބުކްގައި ޕޭޖެއް ހުޅުވައި ފުރަތަމަ ފަހަރަށް ވިޔަފާރިއަށް އެ މަސައްކަތް ކުރަން ފެށި އެވެ.

ބެޑް ރަނާ: މެކްރެމޭގެ މަސައްކަތުން ތަނަށް އިތުރު ފުރިހަމަކަން ގެނެސްދޭ

ސޯޝަލް މީޑިއާގައި އިސްތިހާރުކުރުމާއި ވިއްކުމުގެ މަސައްކަތުގައި އެންމެ ބޮޑަށް އެހީތެރި ވެދެނީ އޭނާގެ ފިރިމީހާ އާއި ދެ ދަރިންކަން ޝީނީޒް ވަރަށް އުފަލާއެކު ފާހަގަ ކުރެއްވި އެވެ. އަދި އެ މަސައްކަތަށް ކަސްޓަމަރުންގެ ފަރާތުން ވެސް ބޮޑު ތަރުހީބެއް ލިބެ އެވެ. އެ ދުވަސްވަރު އެންމެ ގިނައިން ވިކުނީ ޕްލާންޓް ހޭންގާސް (ގަސްމުށި އެލުވާ ވާގަނޑު) އާއި ވޯލް ހޭންގާސް (ފާރު ޒީނަތްތެރި ކުރާ ގެތުން) އެވެ.

ކޮވިޑްގެ ދުވަސްވަރު އާންމުންގެ މެދުގައި މެކްރޭމޭއަށް އޮތްފޯރި މިއަދު ކޮންމެވެސް ވަރަކަށް ވަނީ ދަށްވެފައި އެވެ. ޚާއްސަކޮށް ޕްލާންޓް ހޭންގާސް އާއި ވޯލްހޭންގާސް ވިކޭ އަދަދު މަދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި މީހާރު އެންމެ ޑިމާންޑް ބޮޑުވެފައި ވަނީ ކައިވެނި ޕާޓީތަކުގައި ބޭނުންކުރާ ބެކްޑްރޮޕްސް އަށެވެ.

ވެޑިން ޕާޓީއެއްގައި ބެހެއްޓިފައިވާ ޝީނީޒްގެ 3 ބެކްޑްރޮޕް : އެންމެ ބޮޑު ޑިމާންޑެއް މިހާރު އޮންނަނީ ބެކްޑްރޮޕްއަށް

ދުވަސްތަކެއް ފަހުން މިއަދު، ޝީނީޒް މެކްރެމޭގެ ތަފާތު އެކި ޑިޒައިންތަކާއި ގިނަ ވައްތަރުތަކެއް އޮންލައިންކޮށް ވިއްކަ އެވެ. އޭގެތެރޭގައި ގަހަނާގެ ވައްތަރުތަކާއި ވެޑިން ބެކްޑްރޮޕްސް އާއި ބެޑްރޫމް ޑެކޯ، އެނދުގައި އަޅާ ބެޑް ރަނާސް، ޓޭބަލް ރަނާސް، ކާޓަންސް، ދަބަސް އަދި ކުޝަން ކަވާސް ހިމެނެ އެވެ. ގަހަނާގެ ގިނަ ބާވަތްތައް މިހާރު ވިއްކަނީ ވަރަށް މަދު ރިސޯޓެއްގައި އެވެ. އެ ކަމުގައި ބޭނުންވާ ވަރަށް ރިސޯޓްތަކާއި ގެސްޓް ހައުސްތަކުން ތަރުހީބު ނުލިބޭކަން އޭނާ ވަރަށް ހިތާމަޔާއެކު ފާހަގަ ކުރެއްވި އެވެ.

ިއެންމެ ގިނަ ވަގުތު ހޭދަވި ބެކްޑްރޮޕް: 6 ފޫޓުގެ މި ބެކްޑްރޮޕް ގަތަން ބުރަ މަސައްކަތްތަކެއް ކުރ

"ރިސޯޓްތަކުންނާއި ގެސްޓް ހައުސްތަކުން ބޭރުން އަގުހެޔޮކޮށް ތަކެތި ގެނައުމުގެ ބަދަލުގައި ރާއްޖޭގެ އުފެއްދުންތަކަށް ޖާގަ ދިނުމަކީ އެއީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން ކަހަލަ ކުދި ވިޔަފާރިތަކަށް ދެވޭ ވަރަށް ބޮޑު އެހީތެރިކަމެއް،" އޭނާ ވިދާޅުވި އެވެ.

ކަސްޓަމާސް ބޭނުވްވާ ޑިޒައިންއަކަށް ތަކެތި ތައްޔާރުކުރޭ

ކަސްޓަމަރުން ބޭނުންވާ ޑިޒައިންތަކަށް ކަސްޓަމް އޯޑަތައް ވެސް މިއަދު އޭނާ ތައްޔާރުކުރެ އެވެ. އެ މަސައްކަތަށް ބޭނުންވާ މުހިންމު ތްރެޑް (ވައު) ހުސްވިއަ ނުދިނުމަށްޓަކައި އަބަދުވެސް ގަނެފައި ބެހެއްޓުމަށް އިސްކަމެއް ދެ އެވެ.

"މި މަސައްކަތުގައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ ތްރެޑް(ވައު) ނުލިބުން. ތްރެޑް ރާއްޖެއިން ލިބެން ހުންނަނީ ވަރަށް މަދު ފަހަރަކު. ބައެއް ލޯކަލް ޕޭޖްތަކުން ތަރެޑް ވިއްކި ނަމަވެސް ގިނަ ފަހަރު އަޅުގަނޑު ބޭނުންވާ ކުލަތަކުން ބޭނުންވާ އަދަދަށް އެ ފަރާތްތަކުގެ އަތުގައި ސަޕްލައިއެއް ނުހުރޭ. އެހެންވެ އަޅުގަނޑަށް ޖެހެނީ ރާއްޖެއިން ބޭރުން ގެންނަން. ބޭރުން ގެންނައިރު ޝިޕިންނަށް ވަރަށް ބޮޑު ޚަރަދެއް ކުރަންޖެހޭ،" މިހާތަނަށް ގިނަ އެކްސްޕޯތަކެއްގައި އޭނާގެ ހުނަރުވެރި މަސައްކަތް ދައްކާލައިފައިވާ ޝީނީޒް އޮޅުންފިލުވައި ދެއްވި އެވެ.

ޝީނީޒް: މިމަސައްކަތުގައި ބޭނުން ކުރަންޖެހޭ ހުރިހާ ތަކެއްޗެއް ވެސް ގެންނަނީ ރާއްޖޭން ބޭރުން

މެކްރޭމޭގެ މަސައްކަތް ކުރާ ގަޑިއަކީ ޝީނީޒަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބޭ ވަގުތެކެވެ. އެ މަސައްކަތްކުރާ ގަޑީގައި ބޭކާރު ވިސްނުންތަކާއި މީހާ ދުރުކުރާތީ ނަފްސާނީ ދުޅަހެޔޮކަން އެ މަސައްކަތުގައި އެކުލެވިފައިވެ އެވެ.

"ވަރަށް ބޮޑު ސްޓްރެސް ރިލީސްއެއް (އުދާސްތަކުން ދުރުކުރުވާ އަދި ހިތްހަމަޖެހުން) ލިބޭ މި މަސައްކަތުން. އޯޑާސްގެ އިތުރުން އަޅުގަނޑު އަމިއްލައަށް ވެސް އެއްޗެއް ހަދާލެވޭތޯ ބަލަން. އަމިއްލަ ޑިޒައިނެއް އުފެއްދޭތޯ މަސައްކަތް ކުރެވޭ. އަޅުގަނޑު މަސައްކަތް ކުރާއިރު އެންމެ އިސްކަމެއްދެނީ ގޮށްތައް ވީހާވެސް ރީތިކޮށް ގަތާލެވޭތޯ. އެންމެ ތަންކޮޅެއް ދޫވެފައި އިނަސް އަނެއްކާ ނިއުޅުވައިގެން އެ ތަންކޮޅު ރަނގަޅު ކޮށްފައި އަޅުގަނޑަށް މަސައްކަތައިގެން އަނެއްކާ ކުރިއަށް ދެވޭނީ،" ޝީނީޒް ވިދާޅުވި އެވެ.

ޝީނީޒް ހައްދަވާފައިވާ ގަހަނާ: މިއީ ގިނަބައެއްގެ މަގުބޫލުކަން ލިބިފައިވާ މެކްރެމޭ މަސައްކަތެއް

އޭނާ މަސައްކަތް ކުރައްވަނީ އަމިއްލަ ގޭގަ އެވެ. އެ މަސައްކަތް އިތުރު ބަޔަކަށް ދަސްކޮށް ދެއްވަން އޭނާ ބޭނުން ވެސް ވެ އެވެ. އެއީ އެ މަސައްކަތަކީ އާމްދަނީއެއް ހޯދުމަށް ވެސް ރަނގަޅު މަސައްކަތެއް ކަމަށް ވާތީ އެވެ. އެކަމަށްޓަކައި ވަރަށް އަވަހަކަށް ކޯސްތަކާއި ވޯކްޝޮޕްތައް ބާއްވަން އޭނާ ހުންނެވީ ތައްޔާރަށެވެ.

މެކްރެ ބޭގްސް (ދަބަސް): އޯޑާއެއްނެތަސް ތަފާތު ޑިޒައިންތައް އުފެއްދުމަކީ ޝީނީޒް ވަރަށް ޝައުގުވެރިވާ ކަމެއް

މެކްރެމޭގެ މަސައްކަތަކީ ޒީނަތްތެރި ކުރުމުގެ އިތުރުން މުހިންމު ބޭނުންތަކަށް ވެސް އެކި ފަންނުގެ މީހުން ބޭނުންކޮށް އުޅޭ ހުނަރުވެރި ނަލަ މަސައްކަތެކެވެ. މި ފަންނު އިތުރަށް ފުޅާ ކުރުމަކީ ޝީނީޒްގެ އެންމެ ބޮޑު އުންމީދެވެ.