ރައީސް މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަން ކުރެއްވި ދުވަސްވަރު މާލޭ ސިޓީ ކައުންސިލްގެ ތައްގަނޑު ބޭނުންކޮށްގެން ވެސް ޖަރީމާތަކެއް ހިންގާފައިވާކަން ހާމަވެއްޖެ އެވެ.

"އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ އެކަން ހިނގިގޮތް ކިޔައިދެއްވާފަ އެވެ.

އާޒިމް ވިދާޅުވީ އަމިއްލައަށް ތައްޔާރުކޮށްފައިވާ ލިޔުންތަކުގައި ސިޓީ ކައުންސިލްގެ ތައްގަނޑު ޖަހައިގެން އެ ކައުންސިލަށް ހުށަހަޅާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެފަދަ ލިޔުންތައް ދިރާސާކުރިއިރު، އެއީ ސިޓީ ކައުންސިލްގެ ނަމުގައި ތައްޔާރުކޮށްފައިވާ ސައްހަ ނޫން ލިޔުންތަކެއްކަން ފާހަގަވެފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އެކި މީހުން ބޭނުންކުރަމުންދަނީ ކައުންސިލްގެ ކިތައް ތައްގަނޑުކަމެއް ސާފުނުވާ ކަމަށް ވެސް މޭޔަރު އާޒިމް ވިދާޅުވި އެވެ.

"ކައުންސިލުގެ ތައްގަނޑު ކިތައް ތައްގަނޑު ކަމެއް ކައުންސިލުގައި ހަދާފައި އޮތީ، ކިތައް ތައްގަނޑު ކަމެއް ކޮން ބަޔަކަށް ކަމެއް ދީފައު ހުރީ އެނގޭކަށް ނެތް، އެހެންވީމާ އަޅުގަނޑު އިންނާނެ ޕަބްލިކްލީ ކައުންސިލުގައި ހިއްސާ ކޮށްފައި ވާނެ އޮންނާނެ ކައުންސިލްގެ ތައްގަނޑި މިސްވެފައި ވާތީ އާ ތައްގަނޑެއް ހަދަން،" އާޒިމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެހެން ޑިޒައިނަކަށް ކައުންސިލްގެ އާ ތައްގަނޑެއް ހަދަން ނިންމައި އެ މަސައްކަތް ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

އާޒިމް ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި އެ ތައްގަނޑު ލިބި ބޭނުންކުރަން ފެށޭނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ތައްގަނޑު ވަގަށް ބޭނުންކުރާ ކަމަށް ބައެއް ފަރާތްތަކުން މީގެކުރިން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

ރައީސް މުއިއްޒާއި ކުރީގެ ޑެޕިޔުޓީ މޭޔަރު އަހްމަދު ނަރީޝްގެ ޒައާމަތުގައި މާލޭ ސިޓީ ކައުންސިލްގެ ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާކަން އަންނަނީ ފަޅާއަރަމުންނެވެ. އެގޮތުން މާލޭގެ މަސް މާރުކޭޓް ހިންގަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ނާޖާއިޒުގޮތުގައި ދީފައިވާކަން ވަނީ ފަޅާއަރައިފަ އެވެ.

އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހިތާ އެތައް މަހެއް ވީއިރުވެސް އެ ކޮމިޝަނުން އެ މަައްސަލަ ތަހުގީގެއް ނުކުރެ އެވެ.

ދެން ފެންމަތިވީ އެއަށްވުރެ ބޮޑު ކޮރަޕްޝަންގެ މައްސަލައެކެވެ. މާލޭގައި އާ މަސް މާރުކޭޓެއް އަޅަން 9.6 މިލިއަން ޑޮލަރަށް ބަޔަކާ ހަވާލުކޮށްފައިވާ މައްސަލައެވެ. އެކަމުގެ އެއްބަސްވުމުގައި ވާގޮތުން އެ ފައިސާ ސިޓީ ކައުންސިލަށް ނުދެއްކިއްޖެނަމަ މަސް މާރުކޭޓް ހިންގަން އަޅާ އިމާރާތް އެ ކުންފުންޏަށް މިލްކުވާނެ އެވެ. އަދި ފަހުން އެ އިމާރާތުގައި އެ ކުންފުނިން ކޮންމެ ކަމެއް ކުރިޔަސް ސިޓީ ކައުންސިލަށް އެކަމާ ނުބެހެވޭނެ އެވެ.

މޭޔަރު އާޒިމް ވިދާޅުވީ އެ ފައިސާ ދެއްކުމުގެ ގާބިލުކަން މާލޭ ސިޓީ ކައުންސިލްގެ ކިބައިގައި ނެތް ކަމަށެވެ. ޑޮލަރުން ފައިސާ ދައްކާގޮތަށް އެފަދަ މަސައްކަތެއް ހަވާލުކުރުމަކީ ސުވާލު އުފެދޭ އެތައް ކަމެއް އެކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.