ރާއްޖޭގެ ވެރިކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ވަޑައިގެންނެވިއިރު ރާއްޖޭގައި ވައިގެ ދަތުރުފަތުރުކުރުމުގެ ވަސީލަތް އޮތީ ގާއިމުކުރެވިފަ އެވެ.
ދިވެހިންގެ އަމިއްލަ މަސައްކަތުން ރައްޔިތުން ޚަރަދުކޮށްގެން ބިނާކުރި އެއާޕޯޓުގެ ޚިދުމަތް ބަރާބަރަށް ލިބެ އެވެ. އެއާޕޯޓު އިތުރަށް ބޮޑުކޮށް އިތުރު ވަސީލަތްތައް ގާއިމުކޮށް ބައިނަލްއަގުވާމީ ވައިގެ ބަނދަރަކަށް ހެދުމުގެ މަޝްރޫއު ވެސް އޮތީ ފެށިފަ އެވެ. ރިސޯޓުތައް ހެދި ޓޫރިޒަމް އޮތީ ތައާރަފް ވެފަ އެވެ. ވައިގެ ދަތުރުފަތުރުގެ މުހުތާދު އޮތީ ބޮޑުވެފަ އެވެ. އެހެނަސް އޭރު އަދި ރާއްޖޭގެ އަމިއްލަ އެއާލައިނެއް ނެތެވެ.
އެއާޕޯޓާއި ޓޫރިޒަމް ތައާރަފު ކުރެއްވުމުގެ އިތުރުން ވެރިކަން ދޫކޮށްލެއްވުމުގެ ކުރިން ރައީސް އިބްރާހިމް ނާސިރު ވަނީ ރާއްޖޭގެ މަސްދޯނި ފަހަރުގައި އިންޖީނު އަޅުއްވައި މަސްވެރިން ބާނާ މަސް ބޯޓު ފަހަރަށް ކިރައިގެން ވަގުތުން ފައިސާ ލިބޭނެ ގޮތް ހަމަޖައްސަވައިފަ އެވެ. އޭގެ އިތުރުން ކޭބަލް އެންޑް ވަޔަލެސް އާ ގުޅިގެން ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ގާއިމުކުރައްވައި ޓީވީ އާއި ރޭޑިއޯގެ ޚިދުމަތް ވެސް އޮތީ ފަށްޓަވައިފަ އެވެ.
އެ ހުރިހާ ޚިދުމަތްތަކަކާއެކު ބޭރުގެ ދުނިޔެއަށް ރާއްޖެ ހުޅުވިގެން ދިއުމުގެ ސަބަބުން އަމިއްލަ އެއާލައިނެއް ރާއްޖެއަށް އޮތީ ބޭނުންވެފަ އެވެ. އޭރު އަވަށްޓެރި ސްރީލަނަކާ އާއި ސިންގަޕޫރުގައި އޮތީ އަމިއްލަ އެއާލައިންގެ ޚިދުމަތް ހަރުދަނާ ވެފަ އެވެ.
ރައީސް މައުމޫނުގެ ވެރިކަން ފެށުނުއިރު ރާއްޖޭގައި ހިންގާ ހުރިހާ ބޮޑެތި މަޝްރޫއުތަކެއް ހިންގުމުގެ އެންމެ އިސް ރޯލެއް އަދާކުރެއްވަމުން ގެންދެވީ އަލީ އުމަރު މަނިކު (ކޮލި އަލިމަނިކު) އެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް އަލި މަނިކަކީ ސަރުކާރުގެ މުހިންމު ބޭފުޅެކެވެ. ބޮޑެތި މަޝްރޫއުތައް ޕްލޭން ކުރުމުގައި އޭނާގެ އެހީތެރިކަން ސަރުކާރުން ހޯއްދެވި އެވެ. އޭގެ ތެރޭގައި ތީމުގޭގެ އަލުން އިމާރާތްކުުރުމާއި އިސްލާމީ މަރުކަޒު ބިނާކުރުމާއި ހުޅުމާލެ ހިއްކުމުގެ މަޝްރޫއު ހިމެނެ އެވެ.
ރައީސް މައުމޫނާއެކު ކުރެވުނު މުހިންމު މުއާމަލާތެއްގެ ވާހަކަ އަލި މަނިކު އޭނާގެ "ދުވަހު ފޮތުގައި" ގެންނަވާފައި އޮތީ އަންނަނިވި އިބާރާތުންނެވެ.
"މާލޭގައި އަޅުގަނޑު ހުރި ދުވަސްވަރެއްގައި، މައުމޫނު އަޅުގަނޑަށް ފޯނު ކުރައްވާފައި ކުރުކޮށް އޮޅުން ފިލުވައި ދެއްވީ، ދިވެހި ރާޢްޖެއާއި ފަލަސްތީނާ ދެ ގައުމު ގުޅިގެން އެއާލައިނެއް އުފެއްދުމަށް ޝައުގުވެރިވާ ވާހަކައާއި އެމަނިކުފާނު އެކަމަށް ތާއިދު ކުރައްވާ ވާހަކަ އެވެ"
މައުމޫނު އެ ފޯނު ކޯލު ކުރެއްވިއިރު އަލި މަނިކު ހުންނެވީ އެމްއެސްއެލް އޮފީހުގަ އެވެ. ރައީސް މައުމޫނުގެ ފަރާތްޕުޅުން އަލިމަނިކަށް އެނގިވަޑައިގެންނެވި ގޮތުގައި ކުޑަ ހިނދު ކޮޅެއްގެ ތެރޭގައި ފަލަސްތީނުގެ ވަފުދެއް އެމްއެސްއެލް އޮފީހަށް ދާނެ އެވެ. ބޭނުމަކީ ދެ ގައުމު ގުޅިގެން ގާއިމުކުރަން ހަމަޖެހިފައިވާ އެއާ ލައިން އުފެއްދުމަށް ބޭނުންވާ ތަފުސީލީ ވާހަކަތައް ދެއްކުމެވެ. ހަމަ އެ ފޯނު ކޯލުގައި ރައީސް މައުމޫނު ވިދާޅުވި ކަމަށް ވަނީ އެމަނިކުފާނާއި ޕީއެލްއޯގެ ޗެއާމަން ޔާސިރު އަރަފާތާއި ދެމެދު އެކަމާ ބެހޭ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގެއްގައި ސޮއި ކުރައްވާފައިވާ ވާހަކަ އެވެ.
އަލި މަނިކަށް ޖެހި ވަޑައިގެންނެވީ ކުރިން އެނގުމެއް ވެސް ނެތި މުހިންމު މަޝްވަރާއަކަށް ހާޒިރުވާށެވެ. ގަޑިއެއްހާއިރުގެ ތެރޭގައި ފަލަސްތީނުގެ ފަރާތުން މަޝްވަރާގައި ބައިވެރިވުމަށް ވަޑައިގަންނަވަން ހަމަޖެހިފައި އޮތް މަންދޫބު ޖޯޖް ހަލާޒް އާއި އޭނާގެ އެހީތެރިއަކާއި ރާއްޖެއަށް ފަލަސްތީނުން ކަނޑައަޅުއްވާފައި ހުންނެވި މަންދޫބު ވަޑައިގެންނެވި އެވެ.
އަލިމަނިކު ބައްދަލުވުމަށް ވަޑައިގެންނެވީ އެމްއެސްއެލްގެ ބޭނުމަކަށް އެ ވަގުތު މާލޭގައި ހުރި ލަންކާގެ ގާނޫނީ ވަކީލަކާ އެކު އެވެ. އޭގެ އިތުރުން ޑިޕާޓްމަންޓް އޮފް ސިވިލް އޭވިއޭޝަންގެ މަންދޫބުން ބައްދަލުވުމުގައި ބައިވެރިވި އެވެ.
ބައްދަލުވުން ފެށިގެން ކަމާ ބެހޭ ލިޔެކިއުންތައް ބަދަލުކުރެވުނެވެ. އެއާލައިން އުފެއްދުމުގެ ޚުލާސާއަކީ ބޭނުންވާ ހުރިހާ ޚަރަދެއް ފަލަސްތީނުން ކުރާނެ އެވެ. ރާއްޖޭގެ ހިއްސާއަކީ 51 ޕަސެންޓެވެ. ބޯޑުގައި ތިބޭނީ ދެފަރާތުގެ މެންމަބުން ހަމަހަމަ އަށެވެ. ޗެއާމަން ދައުރުވާ ގޮތަށެވެ. ދިވެހިރާއްޖޭގެ ދައުރަކީ އެއާލައިން ރާއްޖޭގެ ނަމުގައި ރަޖިސްޓްރީކޮށް ރާއްޖޭގެ ދިދައިގެ ދަށުން ހިންގުމުގެ ފުރުސަތު ދިނުމެވެ.
ލިޔެކިޔުންތައް އަލި މަނިކު ފޯރުކުރެއްވީ ލަންކާގެ ގާނޫނީ ވަކީލާ އެވެ. އެ ލިޔުންތައް ބަލަމުން ދިޔަ ވަރަކަށް ވަކީލުގެ މޫނަށް ރޫ އަރައި ނުތަނަވަސްކަން ފާޅުވަމުން ދިޔަކަމަށް އަލި މަނިކު ލިޔުއްވާފައި އޮތެވެ.
ވަކީލު ލިޔުންތައް ބަލަން ފެށުމުން ފަލަސްތީނުގެ ޖޯޖް ހަލާޒު ރުންކުރުވެ ޒުވާބު ކުރަން ފެށި ކަމަށް ލިއުއްވަމުން ޖޯޖު ބުނި ކަމަށް އަލި މަނިކު ލިއުއްވާފައި އޮތީ ހުރިހާ ކަމަކަށް ދެފަރާތުގެ ވެރިން އެއްބަސްވެފައިވާ ކަމަށާއި އަވަސް ގޮތަކުން ކުރު ލިއުމެއް ތައްޔާރު ކުރުމުން ފުދޭނެ ކަމަށެވެ. އޭގެ އިތުރުން ވެސް އަލި މަނިކަކީ އެ މީހުންގެ ކަންތަކަށް ހުރަސްއަޅަން އުޅޭ މީހެއް ކަމަށް ބުނެ އަޑުގަދަކުރުމުން "ކަލޭ ކުރަން ބޭނުންވާ ކަމެއް ކަލޭ ކުރާށޭ" ބުނުއްވާފައި އަލި މަނިކު މީޓިން ރޫމުން ނުކުންނެވި އެވެ.
އަލި މަނިކު ލިއުއްވި ގޮތުގައި އިރުކޮޅަކުން ރައީސް މައުމޫނު އެމަނިކުފާނާ ގުޅުއްވައި ވީގޮތް އޮޅުން ފިލުއްވެވި އެވެ. އޭގެ އިރުކޮޅެއް ފަހުން ރައީސް މައުމޫނު އަނެއްކާ ވެސް ގުޅުއްވާފައި އަލުން މީޓިންއަށް ދުރުވުމަށް ވިދާޅުވުމުން އަލި މަނިކު ދުރުވިއިރު ޖޯޖް ހުރީ ހަމައަކަށް އެޅިފަ އެވެ. ދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކަށް ފަހު ލިޔެކިއުންތައް ތައްޔާރު ކުރެވުނެވެ. އަލި މަނިކު ލިޔުއްވާފައިވާ ގޮތުގައި އެއާލައިންގެ ކަންތަކާ އޭގެ ފަހުން އޭނާއަކާ ގުޅުމެއް ނެތެވެ.
ޕީއެލްއޯ އާއި ދިވެހި ސަރުކާރާ ގުޅިގެން ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ އެއާލައިން "މޯލްޑިވްސް އެއާވޭސް" އުފެއްދި އެވެ. 1984 ވަނަ އަހަރު އެއާލައިން އުފެއްދީ ވަރަށް ބޮޑަށް ބާވެފައި އޮތް ޑީސީ 8 މަރުކާގެ 3 ބޯޓާ އެކު އެވެ. ދަތުރުކުރީ މާލެ، ގަން، ކޮލޮމްބޯ، އިންޑިއާ، ޑުބާއީ އަށެވެ.
ގާތްގަނޑަކަށް ދެ އަހަރު ފަހުން ފަހުން ބައިނަލްއަގުވާމީ ދުނިޔޭގައި އެ އެއާލައިނަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ. ފަލަސްތީނަށް ޑްރަގާއި ވަގު ހަތިޔާރު އެތެރެކުރާކަމުގެ ތުހުމަތާއެކު ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވި އެވެ. އެ ދުވަސްވަރަކީ ޔޫރަޕްގައި ރާއްޖޭގެ ޓޫރިޒަމް އެންމެ މަޝްހޫރުވެގެން ދިޔަ ދުވަސްވަރުކަމުން އެ އެއާލައިނުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ޔޫރަޕުން ބޮއިކޮޓް ކުރުމުގެ ބިރު ވެސް އޭރު އުފެދުނެވެ.
އެންމެ ފަހުން 1986 ވަނަ އަހަރު ބަނގުރޫޓުވެގެން އެއާލައިން ހުއްޓާލީ ބޮޑު ގެއްލުމަކާއެކު އެވެ. ރާއްޖޭގެ ނަން ބައިނަލްއަގުވާމީ ގޮތުން ކިލަނބުވުމުގެ އިތުރުން މާލީ ގޮތުން ލިބުނު ގެއްލުމަކީ އާންމުކޮށް އެނގެން އޮތް އެއްޗެއް ނޫނެވެ.
އޭގެ ފަހުން ރައީސް މައުމޫނުގެ ވެރިކަން ނިމުނުއިރު ވެސް އެކަށީގެންވާ ގޮތަކަށް ދިވެހި އެއާލައިނެއް ހިނގާ ގޮތެއް ނުވެ އެވެ. އަދި އަދަށް ދާންދެން ވެސް އެކަން އޮތީ އެހެންނެވެ.