އޯލެވެލްގެ ނަތީޖާ ކިތަންމެ ރަނގަޅު ނަމަވެސް, ދެން އޭލެވެލްއަށް އަމިއްލަ ސްކޫލުތަކުން ކިޔެވޭނީ، އަމިއްލައަށް ފީ ދައްކައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވަނީ ފަސް މާއްދާއިން މަތިން އޯލެވެލްގައި ފާސްވާ ކުދިން, އަމިއްލަ ސްކޫލުތަކުން އޭލަވަލް ހެދުމަށް ދައްކަން ޖެހޭ ފީ, ސަރުކާރުން ދައްކައިދޭން ފަށައިފައެވެ. އޭގެ ފަހުން އެތައް ސަރުކާރެއް ބަދަލުވި ނަމަވެސް އެ އުސޫލަށް ދިޔައީ އަމަލުކުރަމުންނެވެ.
އެހެންކަމުން މާލޭގައި ހިންގާ, އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ވިލާ އިންޓަނޭޝަލް ހައި ސްކޫލުން ގިނަ ކުދިންތަކެއް ވަނީ އޭލަވަލްއަށް ކިޔަވަން ފަށައިފަ އެވެ.
ނަމަވެސް، އަހުމަދިއްޔާ ސްކޫލުން ބުނިގޮތުގައި ސަރުކާރުން އޭލަވަލް ކުދިންނަށް ދައްކަމުން ގެންދިޔަ ފީ ދެން ދައްކައި ނުދޭނެކަން މި ފަހުން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
އެހެންކަމުން ކިތަންމެ ނަތީޖާ ރަނގަޅު ކުއްޖެއް ނަމަވެސް ދެން އަހުމަދިއްޔާއިން އޭލެވަލްއަށް ކިޔަވަން ޖެހޭނީ އަމިއްލައަށް ފީ ދައްކައިގެންނެވެ. އެގޮތުން، އެޑްމިޝަން ފީއެއްގެ ގޮތުގައި 1500 ރުފިޔާ ދައްކަން ޖެހޭއިރު، ކޮންމެ މަހަކު މަހު ފީއެއްގެ ގޮތުގައި ގްރޭޑް 11 އާއި 12 ގެ ދަރިވަރުން 3،500 ރުފިޔާ ދައްކަން ޖެހެ އެވެ.
ވިލާ ހައި ސްކޫލަށް ބަލާއިރު މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު އާ ބެޗުގެ ކިޔެވުން ފެށިއިރު މި ސަރުކާރުން ވަނީ ކުދިންގެ ފީ ދެއްކުން ހުއްޓާލާފަ އެވެ. އެ ސްކޫލުން އޭލަވަލް ހެދުމަށް ވަނުމުގެ ފީއަށް 2500 ރުފިޔާ ދައްކަން ޖެހޭއިރު މަހު ފީއެއްގެ ގޮތުގައި 3،900 ރުފިޔާ ދައްކަން ޖެހެ އެވެ.
އެހެންކަމުން މާލެ ސަރަހައްދަށް ބަލާއިރު މިހާރު އަމިއްލައަށް ފީ ނުދައްކައި އޭލެވެލް ކިޔެވޭނީ ސަރުކާރުން ހިންގާ, ސީއެޗްއެސްސީން އެކަންޏެވެ.
މި ކުއްލި ބަދަލާ އެކު ގިނަ ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ބޮޑު ބަދަލު ސަރުކާރުން ގެނެސްފައިވާއިރު މި ފަހުން ހަމަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ, ރާއްޖޭގައި އޭ-ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާ ވެސް ގިނަ ކުދިންނަށް ދިނުމުގެ ގޮތުން ގްރޭޑް 11 އަދި 12 އަށް ދަރިވަރުން ވައްދާ ކްރައިޓީރިއާ ދަށްކޮށް އިސްލާހެއް ގެނެސްފަ އެވެ.
އަމިއްލަ ސްކޫލުތަކުން ފީ ނަގަން ފެށިއިރު, އޭލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށްޓަކައި ސަރުކާރުން ވަނީ އެ ކަމަށް ހާއްސަ ޕްރޮގްރާމެއް ވެސް ހިންގުމަށް ނިންމައިފަ އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ސަފީއު ވިދާޅުވި ގޮތުގައި އަތޮޅު ތެރޭގެ 23 ސްކޫލެއްގައި އޭލެވެލް ކިޔެވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ފަހިކޮށްދީފަ އެވެ.
މި އަހަރު އޭލެވެލްއަށް ކިޔަވަން ފެށި ދަރިވަރުންގެ ނިސްބަތް 70 ޕަސެންޓަށް ވުރެ އިތުރުވެފައިވާ ކަމަށް މީގެ ކުރިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ދައުލަތުން ތައުލީމީ ދާއިރާއަށް ހޭދަކުރާ މިންވަރާ އަަޅާބަލާއިރު އިމްތިހާނުތަކުން ފާސްވާ ދަރިވަރުންގެ ނިސްބަތް މަދުކަން ފާހަގަކުރައްވާ ޝަފީއު ވިދާޅުވީ، އޭލެވެލް ކިޔަވާ ދަރިވަރުން ތެރެއިން ފާސްވާ ނިސްބަތް 60 އިންސައްތައިން 50 އިންސައްތައް ދަށްވެފައިވާ ކަމަށެވެ.
ދައުލަތުން ހަތަރު ބިލިއަނެއްހާ ރުފިޔާ ހޭދަކުރާއިރު، ވެސް ތައުލީމީ ދާއިރާއިން ހާސިލުކުރަން ބޭނުންވާ ނަތީޖާ ހާސިލުނުވާ ކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.