މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ހުދުމުހުތާރު ވެރިކަމެއް ކުރުމަށްޓަކައި ދުރާލައި ރޭވިގެން މަކަރުވެރިކަމާއެކު ރައީސް މުހައްމަދު މުއިއްޒުގެ އޯޑަރަށް ހުށަހަޅާފައިވާ ބިލެއް ކަމަށް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ބިލެއް ހުށަހެޅުއްވީ އެފަދަ ބިލެއް މީގެ ކުރިން ވެސް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އޭނާއަކީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މިނިވަން މެންބަރެކެވެ. ނަމަވެސް މިހާތަނަށް މަޖިލީހުގައި ވޯޓު ދެއްވާފައި ވަނީ ސަރުކާރު ބޭނުންވާ ގޮތަށެވެ.

މަޖިލީހުގައި މިހާރު ބަހުސް ފަށާފައިވާ އެ ބިލް އަނބުރާ ގެންދިޔުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އިތުރުން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ގޮވާލައިފަ އެވެ. އަދި ބިލް އަނބުރާ ގެންދިޔުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ވެސް ވަނީ ގޮވާލާފަ އެވެ.

މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން މީޑިއާ ނެތިކޮށްލުމުގެ ބިލާ ދެކޮޅުކަން ހާމަ ނުކޮށް އޮތްއިރު، އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެމްބަރު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ އަނގަ ބަންދުކުރުމަށް މުއިއްޒު ކުރައްވާ ކޮންމެ ކަމަކާ ދެކޮޅަށް އޭނާ ފާޅުގައި ބަސް ބުނެ ކުރިމަތިލާނެ ކަމަށެވެ.

"މިނިވަން މީޑިއާ ކަސްތޮޅު އަޅުވަން ހުށައަޅުއްވާފައިވާ ބިލަކީ ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ދުރާލާ ރޭވިގެން މަކަރުވެރި ކަމާއެކު ރައީސް ޑރ.މުއިއްޒުގެ އޯޑަރަށް ހުށައަޅާފައިވާ ބިލެއް،" އޭނާ ވިދާޅުވި އެވެ.

"މިބިލް ފާސްކުރިޔަ ނުދިނުމަށް އަޅުގަނޑަށް ކުރެވެން ހުރި ކޮންމެ ކަމެއް މަޖުލީސް ތެރެއިންނާއި ބޭރުން ކުރަމުން ދާނީ. ހުދުމުހުތާރު އަނިޔާވެރި ދޮގުވެރިއެއްގެ ކުރިމަތީގައި އަޅުގަނޑު ކުޑަކަކޫ ނުޖަހާނެ."

ރައީސް މުއިއްޒުގެ މި ސަރުކާރުގެ ދިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އައްބާސް ގެންދަވަނީ ސޯޝަލް މީޑިއާގައި ގިނަ ޕޯސްޓުތަކެއް ކުރައްވަމުންނެވެ.

އައްބާސް މިފަދައިން ވިދާޅުވެފައިވާއިރު، މީޑިއާ ނެތިކޮށްލާ ބިލަށް ފާޑުކިޔުން އަމާޒުވަމުން ދަނިކޮށް ހިތަށް އަންނަހާ އެއްޗެއް ބުނެ، ލިޔުމަކީ އޮތް މިނިވަންކަމެއް ނޫން ކަމަށް މުއިއްޒު ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި އޭގެ ފަހު، ރޭ ހދ. ނޮޅިވަރަންފަރުގައި ވިދާޅުވީ ބިލުން އުފެދޭ ކޮމިޝަންގެ ރައީސަކަށް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރެއް ހުންނަ ގޮތަށް އޮތް އޮތުން ބަދަލު ކުރައްވައި ކޮމިސަނުގެ މެންބަރުން ވޯޓުލައިގެން ރައީސް ހޮވޭ ގޮތަށް ބަދަލުކުރަން ޕީއެންސީ މެންބަރުންނަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީޑިއާ ކޮންޓްރޯލް ކުރަން މުއިއްޒު ބޭނުން ނުވާ ކަމަށް ވިދާޅުވި ނަމަވެސް، ބިލް ބޭރު ކުރަން ނޫސްވެރިން ގޮވާލާ ގޮވާލުމަށް އިޖާބަ ދެއްވައި، އެ ބިލާ ދެކޮޅުމަށް އެ މަނިކުފާނު ބަހެއް ވިދާޅެއް ނުވެ އެވެ. އަދި އެ މަނިކުފާނުގެ ޕީއެންސީން ވެސް ބިލާ ދެކޮޅުކަން ހާމައެއް ނުކުރެ އެވެ. އެހެންވެ، މިއީ ޕީއެންސީގެ ސަޕޯޓާއެކު ކުރިއަށް ގެންދާ ބިލެއް ކަމަށް ކަށަވަރުވެ އެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.

މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުންދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރު ވެސް ކޮމިޝަނަށް ލިބޭނެ އެވެ.

މީޑިއާތަކުގެ ހުއްދަ ބާތިލުކޮށް، ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަކަށް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ބިލު ބޭރުކޮށްލަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ވެސް ރޭގައި ވަނީ ފަށާފަ އެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ތައްޔާރުކުރަމުން އަންނަ މީޑިއާ ކޮންޓްރޯލް ބިލް ބޭރުކޮށްލަން ގޮވާލާ ޕެޓިޝަނުގައި މިހާތަނަށް ގިނައިން ސޮއިކުރީ ނޫސްވެރިންނެވެ.

އޭގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ، ރާއްޖޭގެ ބޮޑެތި ނޫސްތަކުގެ އެޑިޓަރުންނާއި ނޫސްވެރިން ހިމެނެ އެވެ. އަދި ކުރި އާއި މިހާރުގެ މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) ގެ މެންބަރުން ހިމެނެ އެވެ.