އަންނަ ނޮވެމްބަރު މަހުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަދޭން ނިންމާފައިވާ ކަން ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފި އެވެ.

ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށީއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކުޅުދުއްފުއްޓަކީ ކުރިން ކަށިމިޔަރުގެ މަސްވެރިކަން ކުރި ބައެއް ކަމަށެވެ. އަދި އެއިން ބޮޑު އާމްދަނީއެއް ވެސް ލިބިގެން ދިޔަކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

އެހެން ނަމަވެސް ގަވައިދުތަކަށް ގެނައި ބަދަލުތަކާއެކު އެކަން ހުއްޓުނުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެހެން ނަމަވެސް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްްރީ އާއި ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ގަވައިދުތައް ބަލައި މެނޭޖްމަންޓް ޕްލޭންއެއް ޑްރާފްޓްކޮށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މި މެނޭޖްމަންޓް ޕްލޭންގެ ދަށުން އެކެއް ނޮވެމްބަރުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން އެ މަސައްކަތަށް އަލުން ނުކުންނަން ބޭނުންވާ ފަރާތްތަކަށް އަނެއްކާވެސް އެ ފުރުސަތު ލިބިގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. އެހެންކަމުން އެކަމަށް ތައްުޔާރުވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ތައްޔާރުވުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.

ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ނިންމިއިރު މިޔަރުގެ އާބާދީ އިތުރުވެ ކަށިމިޔަރު ހަމަލާ ދިނުން ފަދަ ކަންކަން ރާއްޖޭގައި ވަނީ އިތުރުވެފަ އެވެ.