އަނިޔާވެރިގޮތަކަށް ނޫސްވެރިން މަރާލަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ގޮވާލި ގޮވާލުން ކުށްވެރި ކުރި ސިޔާސީ މަގާމެއްގައި ހުރި މުވައްޒަފަކު ރައީސް މުހައްމަދު މުއިއްޒު ވަޒީފާއިން ވަކިކުރައްވައިފި އެވެ.

ރައީސް މުއިއްޒު ވަޒީފާއިން ވަކިކުރެއްވީ ސްޕޯޓްސް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް ހުރި އިބްރާހީމް ސައީދެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ސޮއިކުރައްވައި އިބްރާހީމް ސައީދަށް ފޮނުއްވި ސިޓީގައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން އޭނާ ވަޒީފާއިން ވަކިކުރެއްވިކަން ދަންނަވަން ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

މީޑިއާ ކޮންޓްރޯލްކުރުމަށް ސަރުކާރު އަޑީގައި އޮވެގެން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލައްވައި ހުށަހެޅި ބިލްގެ ބަސްހުސްގައި ވާހަކަދައްކަވަމުން ފަލާހު އިއްޔެ ވަނީ މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް އުލުބައިންދަން ގޮވާލައްވާފަ އެވެ.

ދިވެހި ރަދީފުގައި އުލުބޭންދުމުގެ މާނަ:

"މާ އިހު ޒަމާނުގައި މީހުން މަރަން ހަދާ ގޮތެއް ކަމުގައި ބުނެވޭ ގޮތެއް. އުލުބައިންދާ އިރު ހަދާ ގޮތެއް ކަމަށް ބުނަނީ ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދަނީ އެވެ. ބޭންދީމާ އެ އޫ ފުރަގަސް ފަރާތުން ވަދެގެން ގޮސް ބޮލުން ނުކުންނަނީ އެވެ."

އިބްރާހީމް ސައީދު ފޭސްބުކުގައި ކުރި ޕޯސްޓްގައި ވަނީ ފަލާހު ނޫސްވެރިން އަނިޔާވެރިކޮށް މަރާލަން ގޮވާލި މައްސަލަ ބަލަންޖެހޭ ކަމަށް ބުނެފަ އެވެ. އަދި އޭނާ ވަނީ ފަލާހަށް ފާޑުކިޔާފަ އެވެ.