މީޑިއާތަކުގެ ހުއްދަތައް ހިފަހައްޓައި، ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސްއެޅޭ ކަމަށް ވިދާޅުވެ، އެ ބިލު ތަސްދީގުނުކުރައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މި ބިލާ ދެކޮޅަށް ނޫސްވެރިން ތެދުވެ މުޒާހަރާކުރަމުންދާ ދަނޑިވަޅެއްގައި އެމަނިކުފާނު ވެސް ބިލާ ދެކޮޅުކަން ހާމަކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ތިމަން މަނިކުފާނަކީ ލިޔުންތެރިއެއް ކަމަށާއި އަދި ފާޅުކުރި ހިޔާލުތަކާ ގުޅިގެން ޖަލު ބަންދުގައި ދުވަސްތައް ހޭދަކުރަން ޖެހުނު މީހެއް ކަމަށް ވަނީ ފާހަގަކުރައްވާފަ އެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރަކުން ހުރަސްއަޅާ ކޮންމެ އެޅުމުން ގައުމެއްގެ މިނިވަންކަމާއި ތަނަސްވަސްކަން ހީނަރުވެގެންދާ ކަމަށެވެ.

ނަޝީދުގެ އިތުރުން ކުރިން މީޑިއާގައި ހަރަކާތްތެރިވި މީހުންނާއި މިހާރުގެ ނޫސްވެރިންނާއި އާންމުންގެ ތެރެއިން ވެސް އަންނަނީ މި ބިލާ ދެކޮޅުކަން ހާމަކުރަމުންނެވެ. ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ ބިލު ދިރާސާކުރަން ކޮމިޓީއަށް ފޮނުވާފަ އެވެ.

މަޖިލީހުގެ ދައުރުން ބޭރުގައި ބުދަ ދުވަހު ބޭއްވި ޖަލްސާގައި ޕީއެންސީގެ ގިނަ މެންބަރުންގެ ވާހަކަަތައް ހުރީ ބިލު ފާސްކުރާ ގޮތަށެވެ. ނަމަވެސް ކަންބޮޑުވުމެއް އޮތް ނަމަ ކޮމިޓީ މަރުހަލާގައި އެކަންކަމަށް ހައްލެއް ލިބިގެން ދާނެ ކަމަށް ވާހަކަ ދެއްކި މެންބަރުން ވިދާޅުވި އެވެ.

ނަމަވެސް ބިލާ މެދު ބައެއް މެންބަރުންގެ ހުރި ވިސްނުމާއި ދެއްކި ވާހަކަތަކާ މެދު ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ސަމާލުކަން ލިބުނީ ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު، ނޫސްވެރިން އުލުބައިންދަން ޖެހޭ ކަމަށް ވިދާޅުވި ވާހަކައަށެވެ.

ފަލާހުގެ މި ވާހަކަތަކަށް ގިނަ ބަޔެއްގެ ނުރުހުން އަންނަނީ އަމާޒުވަމުންނެވެ.