ފާއިތުވެ ދިޔަ އަހަރަކީ ހުރިހާ ގޮތަކުންވެސް އަހަރުމެން ދިވެހިންނަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނު އަހަރެކެވެ.

ގިނަ ދުވަސްތަކަކަށް މުޅި ގައުމު ލޮކްޑައުންގައި އޮތްއިރު އެ އަހަރުގެ ރަމަޟާން މަސް ލޮކްޑައުން އާ ދިމާވުމަކީ އިތުރަށް ކުރިމަތިވި ގޮން ޖެހުމެކެވެ.

އާދަކޮށް ރޯދަމަހަށް ދިވެހިން ވެ އުޅުނު ތައްޔާރީތައް ހުއްޓުނުއިރު ކާބޯތަކެތީގެ އަގު އުފުލިދާނެ ކަމުގެ ބިރުވެސް އޮތެވެ. ރޯދަ މަސް ގޭތެރޭގައި ތިބެ ހޭދަ ކުރެވޭނެތޯ ވެސް ގިނަ ބަޔަކު ދިޔައީ ސުވާލު ކުރަމުންނެވެ.

އެދުވަސް ފާއިތުވެ ހިނގައްޖެ އެވެ. ދުވަސްތައް ގުނަމުން ގޮސް ޖެހިގެން އައި އަހަރުގެ ރޯދަމަސް ވެސް ފެށުނީ އެވެ. ލޮކް ޑައުންގެ ހަނދާންތަކަށް އަހަރެއް ފުރުނީ އެވެ.

ކޮންމެއަކަސް ފާއިތުވެދިޔަ ރޯދަމަހާ މިރޯދަ މަހާ ހާސްބައި ތަފާތެވެ. މިއަދުގެ ހާލަތު ބަދަލުވެއްޖެ އެވެ.

އެހާރަށް ވުރެ ހާލަތު ރަނގަޅުވެ އާއްމު ދިރިއުޅުމަށް ރުޖޫއަ ވާން ދިވެހިން މަސައްކަތް ފަށައިފި އެވެ. އާ އާއްމު ހާލަތު ދިރިއުޅުމުގެ މައްޗަށް ބަރުވެ ދިރިއުޅުމުގެ ވައްޓަފާޅި ވެސް ބަދަލު ވެއްޖެ އެވެ.

"މިދިޔަ ރޯދަމަސް އަނެންހެން ދިޔައީ ގޭބަންދެއްގައި. ގެއިން ކުރެވުނު އަޅުކަމެއް ކޮށްގެން ތިބީ،" ހަރު އުމުރުފުރާގެ މީހަކު ބުންޏެވެ.

ތެދެކެވެ. އެއީ އެ ދުވަހުގެ ވާހަކަ އެވެ. ގޭގެ ހަތަރު ފާރުން އެތެރޭގައި ކުރެވުނު އަޅުކަމެއް ކޮށް، ވީ ވަރަކުން މުނިފޫހި ވެސް ފިލުވައި އުޅުނު ދުވަސް ފާއިތުވެ ދިޔައީ އެވެ.

ދެން އޮތީ މިއަދުގެ ވާހަކަ އެވެ. އިހުނަށްވުރެ ހާލަތު ރަނގަޅު ނަމަވެސް ކޮވިޑް-19ގެ ކުރިން ކޮށް އުޅުނު އެތައް ކަމެއް ދޫކޮށްލަން ވަނީ ޖެހިފަ އެވެ.

"މި އަހަރު ވަރަށް ބަލައިގެން މިއުޅެނީ. ކުރިން ބާއްވަމުުން އައި އާއިލީގެ ބޮޑު ރޯދަ ވީއްލުން ވެސް ނުބާއްވަން ނިއު ނޯމަލް ވީމަ،" މިއީ ޒުވާނެއްގެ ބަސްމަގެވެ.

މާލޭގެ މަގެއްގައި ގުޑި އަރުވަނީ: މިއީ ރޯދަމަހު އާއްމުކޮށް ފެންނަ މަންޒަރެއް

ތެދެކެވެ، ރޯދަމަހުގެ ދުވަސްތައް ގުނަމުން ދާއިރު އަހަރުމެން އެންމެން ވެސް ވިސްނަން ޖެހެ އެވެ.

ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް ފަރުދީ ޒިންމާ އަދާ ކުރުމަށެވެ. އެކަމުގައި ސަރުކާރުނަ ކުރައްވަމުން އަންނަ މަސައްކަތް ތަކަށް ފުރިހަމަ އަށް އެއްބާރުލުން ދިނުމަށެވެ.