ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންއާއި އޭނާއާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ދީޕިކާ ޕަދުކޯންއާ ދެކޮޅަށް މަަކަރާއި ހީލަތުގެ މައްސަލައެއް ކޯޓަށް ހުށައަޅައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ބާރަތުޕުރު ކޯޓަށް ހުށައެޅުނު އެ މައްސަލާގައި، މައްސަލަ ހުށައެޅި ފަރާތުން ތުހުމަތު ކޮށްފައިވަނީ އެ ދެތަރިން ދޮގު މައުލޫމާތު ފަތުރައި އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ޝާހްރުކް ޚާންއާއި ދީޕިކާ ވެސް އެންޑޯޒް ކޮށްދީފައިވާ ކާރެއް އެ ފަރާތުން 2022 އަހަރު ގަތް ކަމަށާއި އެހެން ނަމަވެސް އެ ކާރުގައި ގިނަ މައްސަލަތަކެއް ހުރުމުން އޭނާގެ އާއިލާގެ ސަލާމަތަށް ނުރައްކާވި ކަމަށެވެ.
އެކަން ހިޔުންޑާއީ ކާރު ކުންފުންޏަށް ރިޕޯޓު ކުރުމުން އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށާއި ކާރު މަރާމާތު ކޮށްދިނުން ނުވަތަ ފައިސާ އަނބުރާ ދޭން ވެސް ހުށައަޅާފައިނުވާ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.
ޝާހްއާއި ދީޕިކާގެ އިތުރުން ހިޔުންޑާއީ ކާރު ކުންފުނީގެ އިތުރު ހަ މުވައްޒަފެއްގެ މައްޗަށް ވެސް އެ ފަރާތުން ހަމަ އެ ދައުވާ ކޮށްފައިވެ އެވެ.
އެ މައްސަލަ ކޯޓަށް ހުށައެޅުމާއެކު މަތުރާ ޕޮލިސް ސްޓޭޝަންގައި މައްސަލަ ރަޖިސްޓްރީ ކުރެވުނުއިރު މިހާތަނަށް ޝާހްރުކް ޚާން ނުވަތަ ދީޕިކާގެ ބަހެއް މިކަމާ ގުޅޭގޮތުން ލިބިފައެއް ނުވެ އެވެ.