އެފްރިކާއިން ކޮވިޑް-19 އަށް އުފެއްދި ފަތްޕިލާވެލީގެ ބޭސް ޓެސްޓް ކުރުމުގެ ގަވައިދުތައް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފި އެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި ބޭހުގެ ރައްކާތެރި ކަން ކަނޑައަޅާނީ ސައިންޓިފިކް ހެކިތަކަށް ބިނާކޮށެވެ.

ކޮވިޑް-19 އަށް ފަރުވާދޭ ޑަބްލިއުއެޗްއޯއިން ޓެސްޓްނުކުރާ ބޭސްތައް ނުދިނުމަށް ގޮވާލާފައިވީ ނަމަވެސް، މަޑަގަސްކަރާގެ ރައީސް ދަނީ އެފަދަ ބޭހެއް އިސްތިހާރު ކުރަމުންނެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި މި ގަވައިދުތައް ހެދީ އެފްރިކާގެ ސައިންސްވެރިންނަށް އެހީވެ އެމީހުން ކްލިނިކަލް ޓެސްޓްތައް ހެދުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

މިހާތަނަށް ދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 30 މިލިއަނަށް އަރާފައިވަ އިރު މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 900،000 އަށްވުރެ އިތުރުވެފަ އެވެ. އޭގެ ތެރެއިން 1.3 މިލިއަން ކޭސް ފެނިފައިވަނީ އެފްރިކާއިންނެވެ.

ކޮވިޑް-19 އަށް ދުނިޔޭގައި މިވަގުތު 140 ވެކްސިން ތައްޔާރު ކުރެވެމުން ދާއިރު އޭގެ ތެރެއިން ގިނަ ވެކްސިންތައް މިހާރު ދަނީ ކްލިނިކަލް ޓެސްތްތަކުގައި އިންސާނުންގެ ހަށިގަނޑުގައި ޓެސްޓް ކުރެވެމުންނެވެ.