ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމަށް އާ ބޭފުޅަކު މިއަދު އައްޔަނުކޮށްފި އެވެ.

ފެނަކައިގެ ސީއެފްއޯގެ މަގާމަށް އައްޔަންކޮށްފައި ވަނީ މުހައްމަދު ޖިހާދު އެވެ.

ޖިހާދު އެ މަގާމަށް އައްޔަންކުރުމުން އެކަމަށް މަރުހަބާ ކިޔައި އެ ކުންފުނިން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފަ އެވެ.

ޖިހާދަކީ ފެނަކައިގެ ޗީފް ރިސޯސް އޮފިސަރު (ސީއާރްއޯ)ގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ. ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމެންޓާއި ޕްރޮކިއުމެންޓް ޑިޕާޓްމެންޓުގެ އިތުރުން ލޮޖިސްޓިކްސް ޑިޕާޓްމެންޓު އަދި ރިޕެއާ އެންޑް މެއިންޓެނެންސްގެ އެންމެހައި ކަންކަން ހިންގަމުން ދިޔައީ އޭނާގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް އެ މަގާމުން އޭނާ ވަކިކުރި ކަމެއް އަދި ނޭނގެ އެވެ.

ފެނަކައިގެ ސީއެފްއޯގެ މަގާމުގައި މީގެ ކުރިން ހުންނެވީ އަބްދުﷲ ވަހީދު އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. ފެނަކައިގެ ސީއެފްއޯގެ މަގާމު ބަދަލު ކޮށްފައި މިވަނީ ކީއްވެ ކަމެއް އެ ކުންފުނިން ނުބުނެ އެވެ.

ސީއެފްއޯގެ މަގާމަކީ ކުންފުނީގެ މާލީ އެންމެހައި ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް ފަރާތެވެ. ކުންފުނީގެ ޗެކުތަކުގައި ސޮއި ކުރުމާއި އެ ނޫން ވެސް ކުންފުނީގެ މާލީ ކަންކަމާ ގުޅޭ ހުރިހާ ކަމެއް ބެލެހެއްޓުމެވެ.