މީޑިއާ ކޮންޓްރޯލު ކުރާ ބިލުގައި ވާގޮތަށް އާ ކޮމިޝަނެއް އުފެއްދުމުގެ ބަދަލުގައި މިހާރު ވެސް އޮތް ގޮތަށް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ވެސް ބޭއްވުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ގޮވާލައިފި އެވެ.

ކޮމިޓީ މަރުހަލާގައި އޮތް މީޑިއާ ތަޅުއަޅުވާ ބިލުގައިވާ ގޮތުން އެ ބިލު ފާސްވެ ގާނޫނަކަށް ވުމުން މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވިގެންދާނެ އެވެ. އަދި އެއާއެކު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި މިނިވަން ކޮމިޝަންއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހޭނެ އެވެ.

އަދި އެ ކޮމިޝަންގެ މެމްބަރުން ފިޔަވައި ދެން ތިބޭ މުވައްޒަފުންގެ މައްޗަށް ހިނގާނީ ސިވިލް ސާވިސްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވައިދުތައް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެ މުވައްޒަފުން އައްޔަނުކޮށް ވަކިކުރާނީ ކޮމިޝަންގެ މެމްބަރުންގެ މަޝްވަރާއާއެކު ސިވިލް ސާވިސްއިން ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެން ނަމަވެސް އެ ބިލަށް އެޗްއާރުސީއެމް އިން ހޯމަ ދުވަހު ހުށަހެޅި އިސްލާހުގައި ބުނީ އާ ކޮމިޝަނަކީ މިނިވަން ކޮމިޝަނެއް ކަމަށް ބަޔާންކޮށްފައިވާއިރު ސިވިލް ސާވިސްގެ މުވައްޒަފުން ތިބުމަކީ ރާއްޖޭގައި އަމަލުކުރަމުންދާ ގޮތެއް ނޫން ކަމަށެވެ.

އެހެންކަމުން ކޮމިޝަނަށް ބޭނުންވާ މުވައްޒަފުން ނަގައި ވަކިކުުރުން ކޮމިޝަނުން ކުރާ ގޮތަށް ހަދަން އެޗްއާރުސީއެމްއިން ވަނީ އިސްލާހު ހުށަޙަޅައިފަ އެވެ.

މީގެ އިތުރުން މިނިވަން މީޑިއާ ރެގިއުލޭޓް ކުރުމާއި ބްރޯޑްކާސްޓިން އިންޑަސްޓްރީ ރެގިއުލޭޓް ކުރުމަކީ ވަރަށް ތަފާތު ދެ ކަމަކަށް ވާތީ އެއް ހަމަތަކުގެ ތެރެއިން އެއް ކޮމިޝަނަކުން އެ ދެ ކަން ރެގިއުލޭޓް ކުރުމުން ވަރަށް ގިނަ މައްސަލަތައް ނުކުންނާނެ ކަން އެ ފަރާތުން ފާހަގަކުރި އެވެ.