ދިގު އިންތިޒާރަކަށްފަހު ކުލަގަދަ ހަފްލާއަކާއެކު މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދިވެހި ފިލްމު "ކަނބުލޮ" ޕްރިމިއާ ކޮށްފައިވާއިރު މިހާތަނަށް އެ ފިލްމު ބެލި މީހުންގެ ހުއްޓުމެއް ނެތް ތައުރީފު އެ ފިލްމަށް ދަނީ ލިބެމުންނެވެ.
ސެޓަރން ސްޓޫޑިއޯއާ ކިޑްޕްރޮޑަކްޝަން ގުޅިގެން އުފެއްދި "ކަނބުލޮ"އަކީ މި އަހަރު ބެލުންތެރިން އެންމެ އިންތިޒާރު ކުރި އެއް ފިލްމެވެ.
މި ދެ ސްޓޫޑިއޯ ގުޅިގެން މިދިޔަ އަހަރު ނެރުނު "ކަމަނަ"ގެ ކާމިޔާބަށްފަހު އެޅުވި މި ފިލްމާމެދު ބެލުންތެރިންގެ އުއްމީދު ބޮޑުވެގެން ދިޔަ އެއް ސަބަބަކީ ފިލްމުގެ ވާހަކައަކީ ހަގީގީ ހާދިސާއަކަށް ވުމެވެ.
މިއީ 2009 ވަނަ އަހަރު ގައުމީ ދިގުވާހަކަ ލިޔުމުގެ މުބާރާތުން އެއްވަނައަށް ހޮވުނު "ޔުކްތާ" ވާހަކަ އަސްލަކަށް ބަލައިގެން އުފެއްދި ފިލްމެކެވެ.
ފިލްމު ކްރިޓިކްސް އަދި މުޖުތަމައުގެ ގިނަ ކަންކަމާމެދު ސޯޝަލް މީޑިއާގައި އާއްމުން ހޭލުންތެރިކުރުވުމަށް ގިނަ މައުލޫމާތުތަކެއް ގެނެސްދޭ ލީޝާ ހަނީފް ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި އޭނާވަނީ ފިލްމުގެ މައުޟޫ އަދި ދީފައިވާ މެސެޖްތަކާއި އެކްޓްކޮށްފައިވާ ފަރާތްތަކުގެ ހުނަރަށް ތައުރީފްކޮށްފަ އެވެ.
"ދިވެހި ފިލްމު ކަނބުލޮއަކީ ލީޝް މިހާތަނަށްބެލި އެންމެ ރީތި އެންމެ އިބުރަތްތެރި ދިވެހި ފިލްމު" ސައިކޮލޮޖީ. ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ލީޝް ބުނެފައިވެ އެވެ.
ފިލްމު އެޅުވި އިރުވެސް ގިނަ ޝޯތަކެއް ހައުސްފުލް ވެފައިވާ މި ފިލްމުގެ އިތުރު ޝޯތައް ހަފްތާ ބަންދު ދުވަސްތަކާއި ދަންވަރުގެ ޝޯތަކަށްވެސް ވަނީ ހުޅުވާލާފަ އެވެ.
މީގެ އިތުރުން ސަތޭކައަށްވުރެ ގިނަ ރަށާއި ބައެއް ރިޒޯޓްތަކާއި އަވަށްޓެރި ޝްރީލަންކާގައިވެސް ފިލްމު އަޅުވާނެ ދުވަސްތައް މިހާރުވަނީ އިއުލާނުކޮށްފަ އެވެ.
ފިލްމާމެދު ކޮމެންޓު ކުރި އާއްމުންވެސް ވަނީ މި ފިލްމުގެ މެސެޖްތަކާއި ތަރިންގެ ހުނަރާއި ފިލްމުގެ ޓެކްނިކަލް މަސައްކަތްތަކަށް ވެސް ތައުރީފުކޮށްފަ އެވެ.
"ނިމާލް ދެކެ ވަރަށް ރުޅިއައި އެކަމު ދެން އެނގޭދޯ އެކްޓްކަން. ހާދަ މޮޅޭ" މެދު އުމުރުގެ އަންހެނަކު ފިލްމު ބެލުމަށްފަހު އޮލިމްޕަހުން ނުކުމެ ބުނެލި އެވެ.
މުޖުތަމައުގައި ޖިންސީ އަނިޔާގެ މައްސަލަތައް ވަބާއަކަށްވެފައި އޮތް މިންވަރާއި އެކަމަށް މުޖުތަމައު ހޭލުންތެރިކުރުވާނެ މެސެޖުތައް ފިލުމުން ފެނިފައިވެ އެވެ. އެއާއެކު އަންހެނުންނާމެދު ކުރެވޭ ބޭއިންސާފާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ދެވޭ މެސެޖްތައް ފިލްމުގައި ހިމަނާފައިވެ އެވެ.
ކާމިޔާބު ފިލްމު "ކަމަނާ" ގެ ޕްރޮޑިއުސަރު އަލީ ޝާނިޒް މުހައްމަދު އަދި ހުސެން މުނައްވަރު ޕްރޮޑިއުސްކުރާ މި ފިލްމުގެ ޓިކެޓް ވިއްކަން ފަށާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.
ހުސެން މުނައްވަރު ޑައިރެކްޓްކުރި ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެނިފައިވަނީ އިސްމާއީލް ރަޝީދު( ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާޝިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ އެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.
ކަނބުލޮ" ފިލްމު ހުށަހަޅައިދޭ ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯ އިން މިދިޔަ އަހަރު ނެރުނު ފިލްމް"ކަމަނާ"ގެ 200 އަށްވުރެ ގިނަ ހައުސްފުލް ޝޯ ވެސް ވަނީ ބާއްވާފަ އެވެ.