ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލް ބޭރުކޮށްލަން 150 އަށްވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މީޑިއާ ކައުންސިލާއި އެމްޖޭއޭ ގުޅިގެން ސޮއިކުރަން ފެށި އެ ޕެޓިޝަންގައި ޕެޓިޝަނުގައި ރާއްޖޭގެ 41 މީޑިއާ އަކުން 151 ނޫސްވެރިން ސޮއިކޮށްފައިވެ އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލައްވައި އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމެވެ. އެ ބިލް ޑްރާފްޓްކުރުމުގައި އެޓާނީ ޖެނެރަލް އަހްމަދު އުޝާމްގެ ބައިވެރިވުން އޮތްކަން އޭނާ އެ ބިލްގެ ދިފާއުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކުން ހާމަވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލާއި ހިއުމަންރައިޓްސް ކޮމިޝަނުން ވެސް ވަނީ އެ ބިލާ ދެކޮޅުކަން ހާމަކޮށްފަ އެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރި މީޑިއާތަކުގެ ތެރެއިން 22 މީޑިއާއަކުން ވަނީ އެ ބިލް ބޭރުކޮށްލަން އެދިފަ އެވެ. އިސްލާހުތަކާއެކު އެ ބިލް ބަލައިގަނެ ކުރިއަށްގެންދަން ކޮމިޓީގައި ތާއީދުކޮށް ވާހަކަދެއްކީ އިންފޮމޭޝަން މިނިސްޓަރު އިބްރާހީމް ވަހީދުގެ ސަންގު ޓީވީން އެކަންޏެވެ.