ތެލަސީމިއާ ބަލި މީހުންނަށް ޚާއްސަކޮށް އޮރެންޖު ހިޔާގައި "ތެލެސީމިއާ ޕޭޝަންޓް ކެއާ ސެންޓަރު" ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުވައިދެއްވީ، މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ.

ހުޅުމާލޭގައި މޯލްޑިވިއަން ބްލަޑް ސާވިސަސް(އެމްބީއެސް) ހިންގަމުން އަންނަ އޮރެންޖު ހިޔާގައި ގާއިމުކުރި އެ ސެންޓަރު ހުޅުވައިދެއްވުމަށް ފަހު ހަލީމް ވިދާޅުވީ، މި ސެންޓަރަކީ މެޑިކަލް އޮފިސަރުންނާއި، ޕަބްލިކް އޮފިސަރުންނާއި، ކައުންސިލަރުންގެ ޓީމެއް ހިމެނޭ ގޮތަށް އިންތިޒާމު ކުރެވިގެން ހުޅުވި ސެންޓަރެއް ކަމަށެވެ.

އެ ސެންޓަރަކީ ތެެލެސީމިއާ ތަަހައްމަލުކުރަމުންދާ އަތޮޅު ތެރޭގެ ކުދިންގެ ހާލަތު ދެނެގަނެ އެ ކުދިންގެ ފަރުވާގެ ކަންކަން ކުރިއަށްދާ ގޮތް ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހުޅުވި ސެންޓަރެއްކަމަށް އެމްބީއެސްއިން ބުންޏެވެ.

ކުރިން އަތޮޅުތަކުގައި ދިރިއުޅޭ ތެލަސީމިއާ ޕޭޝަޓުންނަށް ޚާއްސަ ފަރުވާ ދިނުމަށް ގިނަ ދަތިތައް ހުންނަކަން ފާހަގަކުރައްވައި ހަލީމް ވިދާޅުވީ، މި ސެންޓަރުން އެމީހުންގެ ހާލު ބަލާނެ ކަމަށެވެ. އެގޮތުން އެ ސެންޓަރުން ކޮންމެ ތިން މަހަކުން ތެލަސީމިއާ ޕޭޝަންޓުންނަށް ގުޅައި، ހާލު ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ޑޮކްޓަރަށް ދެއްކުމުގައި ދައްޗެއް ދިމާވާނަމަ ނުވަތަ ލަފައެއް ބޭނުންވާ ހާލަތެއްގައި އެ ސަރަހައްދެއްގައި ހުންނަ އަތޮޅު ހޮސްޕިޓަލަކާ ގުޅިގެން އެ ސެންޓަރުން ހިދުމަތް ފޯރުކޮށްދޭނެކަމަށް ހަލީމް ވިދާޅުވި އެވެ.

އެ ސެންޓަރުގައި ގާއިމުކޮށްފައިވާ ބައެއް ޔުނިޓުތަކުގެ ތެރޭގައި އެނދުމަތިކޮށް ފަރުވާ ދޭންޖެހޭ އަދި ލޭ އަޅާ ބަލިމީހުންނަށް ހާއްސަ ޖެނެރަލް ވޯޑެއް ހިމެނެއެވެ. އެ ވޯޑުގައި 12 އެނދު ގާއިމުކޮށްފައިވާއިރު، ތުއްތު ކުދިންނަށް ހާއްސަ ހަ އެނދުގެ ވޯޑެއް ވެސް ހުރެއެވެ. އަދި އަންހެނުންނަށް ހާއްސަ ހަތް އެނދުގެ ވޯޑެއް ވެސް ގާއިމުކޮށްފައިވެ އެވެ.

ރާއްޖޭގައި ތެލެސީމިއާ ބަލި ތަަހައްމަލުކުރަމުންދާ 669 ކުދިން ދުނިޔޭގައި ތިބިއިރު އަތޮޅު ތެރޭގައި އެކަނި ވެސް އެފަދަ 300 ކުދިން ދިރިއުޅެއެވެ.

ރާއްޖެއަކީ ނިސްބަތުން ތެލަސީމިއާ ޕޭޝަންޓުން ގިނަ ގައުމެކެވެ. އެގޮތުން ރާއްޖޭގައި ލޭ ބޭނުންވާ މިންވަރު ވެސް އެހެން ގައުމުތަކާ އަޅާބަލާއިރު އިތުރު ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އިން މިދިޔަ އަހަރު ވަނީ ބުނެފައެވެ. އެމްބީއެސްއިން ބުނި ގޮތުގައި ރާއްޖޭގައި ބޭނުންކުރާ ލޭގެ ގާތްގަނޑަކަށް 70 އިންސައްތަ ބޭނުންކުރަނީ ތެލަސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކުންނެވެ.

ތެލެސީމިއާ ކުދިންނަށް ދޭ ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމުގެ ގޮތުން މާލޭގައި ހިދުމަތް ދެމުން ދިޔަ އިމާރާތުން ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާއަށް އެ ސެންޓަރު ބަދަލުކޮށް ހިދުމަތް ދޭން ފެށީ މިދިޔަ މޭ މަހު އެވެ.