ވިލިމާލޭގައި ވަގުތީ ލޯކަލް މާރުކޭޓް އެޅި ގްލޯރިއަސް ޓްރޭޑިން އެންޑް ޝިޕިން އަށް 150،000 އަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން މާލެސިޓީ ކައުންސިލްގެ މައްޗަށް ހުކުމްކޮށްފި އެވެ.

ވިލިމާލޭގައި ވަގުތީ ލޯކަލް މާރުކޭޓެއް އެޅުމަށް މާލެ ސިޓީ ކައުންސިލުން ގްލޯރިއަސް ޓްރޭޑިން އެންޑް ޝިޕިން ކުންފުންޏާ ހަވާލުކުރީ 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ދެވަނަ ދުވަހު އެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 2.5 މިލިއަން ރުފިޔާގެ އަގަކަށެވެ.

ގްލޯރިއަސް ކުންފުނިން މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ، މާރުކޭޓް ނިމި ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން ވެސް އެކުންފުންޏަށް ދޭންޖެހޭ ފައިސާ އެއްކޮށްދީފައި ނުވާތީ އެވެ.

ހުކުމުގައި ބުނީ މާލޭ ސިޓީ ކައުންސިލުން ނުދީ ހިފެހެއްޓީ ރިޓެންޝަނަށްވާ 125،841.48 ރުފިޔާ ކަމަށެވެ.

ސިވިލް ކޯޓުގައި ކުރިއަށްދިޔަ މި މައްސަލާގައި މާލޭ ސިޓީ ކައުންސިލުން ދައުވާއަށް ޖަވާބުދާރީވެފައެއް ނުވެ އެވެ. އަދި މައްސަލަ ނިންމި ޝަރީއަތުގެ މަޖިލީހަށް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ހާޒިރުވެފައެއް ވެސް ނުވެ އެވެ.

މި މައްސަލާގައި ސިވިލްކޯޓުން ވަނީ ގްލޯރިއަސްއަށް ދޭންޖެހޭ 125،841.48 އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ 25،000 ރުފިޔާ، މާލެސިޓީ ކައުންސިލުން ބުދަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ކޯޓަށް ދައްކައި ނިންމުމަށް ހުކުމްކޮށްފަ އެވެ.