"ރަށިބާޒާރޮ" ގެ ނަމުގައި ފުވައްމުލައް ސިޓީގައި ބޮޑު ނައިޓް މާކެޓެއް މިއަދު ފަށައިފި އެވެ.

މިއީ ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން މިބާޒާރު ބާއްވާ ތިން ވަނަ އަހަރެވެ.

މި މަހުގެ 5 އިން 12 އަށް ބާއްވާ ރަށިބާޒާރޮގައި ތަފާތު ވިޔަފާރިވެރިން އެމީހުންގެ އުފެއްދުންތައް ވިއްކައި، ހިދުމަތްތަކާ ގުޅޭ މައުލޫމާތު ބާޒާރަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ލިބޭނެ އިންތިޒާމްވަނީ ހަމަޖެހިފަ އެވެ.

"ރަށިބާޒާރޮ"ގެ ނަމުގައި ފުވައްމުލަކުގައި ކުރިއަށްގެންދާ ނައިޓް މާކެޓްގެ ސްޓޯލްތަކެއް --- ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

މިއަހަރުގެ ރަށިބާޒާރޮ ގައި ޖުމްލަ 70 ސްޓޯލް ހުންނާނެ އެވެ. އޭގެތެރޭގައި ކާބޯތަކެތި ވިއްކާ 32 ސްޓޯލާއި އެހެނިހެން ވިޔަފާރިތަކުގެ 38 ސްޓޯލް ހިމެނެ އެވެ.

ރަށިބާޒާރޮ އޮންނަ ކޮންމެ ރެއަކުވެސް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިބާޒާރުގެ އެންމެ ފަހުރޭ ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޫކޮށްލާ އިނާމުތަކުގެ ތެރޭގައި އެއަރ ބްލޭޑް 125 ބްލެކްއެޑިޝަން ސައިކަލް، އުމްރާ ދަތުރެއް، ދިރާގު ލިމިޓެއްނެތް ފައިބާ 100 އެމް ކަނެކްޝަން 12 މަސްދުވަހަށް ހިލޭ، އަދި ސޯފާސެޓާއި، ސްޓަޑީ ޓޭބަލް، ވޯޓަރ ޕިއުރިފަޔާ ފަދަ ބޮޑެތި އިނާމުތައް ހިމެނެ އެވެ.

"ރަށިބާޒާރޮ"ގެ ނަމުގައި ފުވައްމުލަކުގައި ކުރިއަށްގެންދާ ނައިޓް މާކެޓްގެ ތެރެއިން --- ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލައް ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދާ ރަށިބާޒާރަކީ ތަފާތު ވިޔަފާރިތަކަށް ފުރުސަތު ހޯދައިދީ އެކި ވިޔަފާރި ތަކާއި ކެފޭތައް އަދި ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކުގެ ވިޔަފާރި މާކެޓް ކުރުމަށް އެހީތެރިވެ ދިނުމަށާއި، ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނޭ ފަދަ ބާޒާރެއް ބޭއްވުމުގެ މަގްސަދުގައި ބާއްވާ ބާޒާރެކެވެ.

މިބާޒާރުގެ ސަބަބުން ރަށުގެ އިގްތިސާދު ކުރިއަރައި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ރަށުގެ އުފެއްދުންތައް އެއްތަނަކުން ލިބޭނެ މަގުފަހިވެގެން ދާނެ އެވެ. އަދި ފަތުރުވެރިކަމަށް ވެސް މިކަމުން އިތުރު ކުރިއެރުން ލިބިގެން ދިއުމަކީ މިބާޒާރު ބޭއްވުމުގެ މަގްސަދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ފާއިތުވި ދެ އަހަރާ ހިލާފަށް މިއަހަރުގެ ބާޒާރު ފަރުމާކުރެވިފައިވަނީ ބާޒާރާއެކު ކާނިވަލެއްވެސް ކުރިއަށް ގެންދާ ގޮތަށެވެ. އެގޮތުން އެޑްވެންޗާ އަޕް އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ބާއްވާ މިކާނިވަލުގައި ތަފާތު އެކި ގޭމްތަކާއި، މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ކުރިއަށް ގެންދަ އެވެ.