ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާތަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން އެއް ދައުވާގެ ޝަރީއަތް ނިންމާލަން ތައްޔާރުވެއްޖެ އެވެ.

ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާކުރަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 10,000 ޑޮލަރު 2018 ވަނަ އަހަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް, އަމިއްލަ ކަންކަމަށް ބޭނުންކުރި ކަމަށް ބުނެ އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިވެރިންގެ ހެކިބަސް ނެގުމުގެ މަރުހަލާ ވަނީ ނިންމާލައިފަ އެވެ. އަދި މިމަހުގެ 29 ވަނަ ދުވަހު އެ މައްސަލާގެ އެންމެ ފަހު އަޑުއެހުން ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ.

އެ މައްސަލާގައި މިއަދު ވަނީ އެފްއޭއެމްގެ އެކްސްކޯގެ ކުރީގެ މެންބަރު، މެޑިކަލް ޑޮކްޓަރު އަހުމަދު ޝަކީބުގެ ހެކިބަސް ނަގައިފަ އެވެ.

ބައްސާމްގެ މައްޗަށް އެފްއޭއެމްގެ އިތުރު ފައިސާތަކަކާ ގުޅޭ މައްސަލައެއްގައި ވެސް މަނީ ލޯންޑްރިން އާއި ހިޔާނާތުގެ އިތުރު ދައުވާއެއް ވެސް ކޮށްފައިވެ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.