ފަލަސްތީނުގެ ޣައްޒާ ސިޓީގައި މިހާރު އަމާން އެއްވެސް ތަނެއް ނެތް ކަމަށާއި ހުރިހާ ތަނެއް ވެސް ފެންނަނީ ބިރުވެވިކޮށް ކަމަށް އދ ގެ އިންސާނީ އެހީދޭ ޖަމާއަތްތަކުން ބުނެފި އެވެ.
އދ ގެ އިންސާނީ އެހީދޭ ޖަމާއަތްތަކާއި ހަވާލާދީ ރޮއިޓާސްއިން ބުނީ އިޒްރޭލުގެ ހަމަލާތަށް ހުރިހާ ދިމާއަކަށް ވެސް އަމާޒުވަމުން އަންނަ ކަމަށާއި އެންމެ ފަހުން ޣައްޒާ ސިޓީގައި ގެދޮރު ގެއްލިފައިވާ މީހުންގެ ހިޔާވަހިކަމަށް ބޭނުން ކުރަމުން އަންނަ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން އަށް މީހަކު ޝަހީދުވެފައިވާ ކަމަށެވެ.
އެހެން ކަމުން މިވަގުތު ގާޒާގެ އެއްވެސް ސަރަހައްދެއް ރައްކާތެރި ނޫންކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.
ރޮއިޓާސް އަށް މައުލޫމާތު ދެއްވަމުން އިޒްރޭލުގެ ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ތެރެއިން އެކަކު ބުނީ ޔަހޫދީން އަލްފާރަބީ ސްކޫލަށް ހަމަލާދީފައިވަނީ ހެނދުނުގެ ވަގުތެއްގައި އެތެރޭގައި ތިބި މީހުން ނިދާފައި ތިއްބާ ކަމަށެވެ. އެގޮތުން އެތަނުގައި ތިބި ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން ގިނަ ބަޔަކު ޝަހީދުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
"ޣައްޒާގެ ހާލަތު އަމިއްލައަށް އައިސް ތަޖުރިބާކޮށްލައްވާ. މިތިބީ ޝަހީދުވެފައިވާ ކުޑަކުދިން. މައުސޫމް ކުދިން. މިކުދިންގެ ކުށަކީ ކޮބާ؟" އޭނާ ބުންޏެވެ.
އިޒްރޭލުގެ ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ އެހެން މީހަކު ބުނީ ޣައްޒާ މިވަގުތު ބިރުވެރި ތަނަކަށް ވެފައިވާ ކަމަށެވެ. އަދި އެ ތަނުގައި އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް ކަމަށެވެ. އިޒްރޭލުން ދޭ ހަމަލާތަކުން ރައްކާތެރިވާނޭ އެއްވެސް ގޮތެއް ނެތް ކަމަށް އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ކޮންމެ ދުވަހަކު އެތައް ބަޔަކު ގެދޮރު ގެއްލި އަމިއްލަ ވަޒަން ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމަށާއި އެގޮތަށް ގޮސް ރައްކާތެރިކަމާއި އެކު މަޑުކޮށްލަން ބޯހިޔާވަކަމެއް ވެސް ނުލިބޭ ކަމަށެވެ.
ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް އިޒްރޭލުން މެދު ނުކެނޑި ހަމަލާތައް ދެމުން ގެންދާއިރު، ކޮންމެ ދުވަހަކު އެތަކެއް ހާސް މީހުންނެއްގެ ގެދޮރު ދަނީ ގެއްލެމުންނެވެ. އަދި އިޒްރޭލުގެ ހަމަލާތަކުން ޣައްޒާގެ އެތަކެއް ރައްޔިތުންނެއް ދަނީ ޝަހީދުވަމުންނެވެ.