ސޯޝަލް މީޑިއާ ޕްލެޓްފޯމް ތައް މަނާކުރުމާއި ދެކޮޅަށް ނޭޕާލްގައި ކުރަމުން އަންނަ މުޒާހަރާތަކާ ގުޅިގެން، ނޭޕާލްގެ ބޮޑު ވަޒީރު ކޭޕީ ޝަރްމާ އޯލީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޖެހިޖެހިގެން ދެވަނަ ދުވަހު މުޒާހަރާތައް ކުރިޔަށް ދާއިރު، އެ މުޒާހަރާތަކުގައި އާންމުންނާއި ފުލުހުންނާއި ދެމެދު އަންނަނީ ވަރުގަދަ ކުރިމަތިލުންތަކެއް ވެސް ހިނގަމުންނެވެ. އެގޮތުން އެތައް ބަޔަކު މަރުވެފައިވާއިރު، އެތަބަޔަށް ވަނީ އަނިޔާ ވެސް ވެފަ އެވެ.ނޭޕާލްގެ ވެރި ރަށް ކަތަމަންޑޫގައި ކުރަމުން އަންނަ މުޒާހަރާތަކާއި ގުޅިގެން ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ގައުމުގެ ސަރުކާރު ވަނީ ޕްރެސަރަށް ވެއްޓިފަ އެވެ.

މުޒާހަރާތަކުގައި ހަމަނުޖެހުން ބޮޑުވެފައި ވަނިކޮށް އަންގާރަ ދުވަހުގެ މެންދުރު ބޮޑު ވަޒީރު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.އޯލީ ސޮއި ކުރައްވައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިހާރު ނޭޕާލް އަށް ކުރިމަތިވެފައިވާ ހަމަ ނުޖެހުން، ޤާނޫނީ ގޮތުން ހައްލު ކުރުމަށް މަގު ފަހި ކުރުމުގެ ގޮތުން މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށެވެ.

އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން ނޭޕާލްގައި ކުރިއަށް ގެންދަމުން އައި މުޒާހަރާ ތަކުގައި ވަނީ ގިނަ އަދަދެއްގެ ސިޔާސީ ލީޑަރުންގެ ގެތަކަށް ހަމަލާދީ، ގެއްލުން ދީފަ އެވެ. އޭގެ ތެރޭގައި ބޮޑު ވަޒީރު އޯލީގެ ގެކޮޅާއި، ކުރީގެ ބޮޑު ވަޒީރު ޝޭރް ބަހާދުރު ދެއުބާގެ ގެކޮޅު ވެސް ހިމެނެ އެވެ. މީގެ އިތުރުން ސިޔާސީ ޕާާޓީ ތަކުގެ އޮފީސް ތަކަށް ވެސް ވަނީ ހަމަލާ ދީފަ އެވެ.މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން އަންގާރަ ދުވަހު ކުރިއަށް ދިޔަ މުޒާހަރާ ތަކުގައި ވެސް ވަނީ ދެ މީހަކު މަރުވެފަ އެވެ.

އޭގެ އިތުރުން، އިތުރު 90 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.މުޒާހަރާތައް ފެށިފައި ވަނީ ސަރުކާރުގެ އިސް މަޤާމު ތަކަށް ވަކި ބައެއްގެ ދަރިންނާއި ގާތް ތިމާގެ މީހުން އައްޔަން ކުރަމުންދާ ކަމަށް ބުނެ، ކޮރަޕްޝަނާ ދެކޮޅަށެވެ. މި މުޒާހަރާ ތަކުގައި ޒުވާނުންގެ ބައިވެރިވުން އިންތިހާ އަށް ބޮޑު ވެފައިވާ ކަމަށް ރިޕޯޓު ތަކުން ދައްކަ އެވެ.