ނޭޕާލުގައި މި ވަގުތު ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން، އެ ގައުމަށް ދިވެހިން ދަތުރުނުކުރަން ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
އަންގާރަ ދުވަހުގެ ރޭ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ނޭޕާލުގެ އިދާރާތަކުންނާއި އިންޑިއާގައި ހުންނަ ހައި ކޮމިޝަން އަދި މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި ހަމަނުޖެހުން ހިނގާ ސަރަހައްދުތަކާ ދުރުވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ހަނދާންކޮށްދީފަ އެވެ.
ނޭޕާލްގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެއް މަނާ ކުރުމާ ގުޅިގެން، ސަރުކާރާ ދެކޮޅަށް ކޮރަޕްޝަނުގެ ތުހުމަތުތައްކޮށް ބޮޑެތި މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ.
އެ މުޒާހަރާތަކުގައި ހޯމަަަ ދުވަހު 19 މީހަކު މަރުވެފައިވާއިރު، މިއަދު މުޒާހަރާގެ ބައިވެރިން ވަނީ ގައުމުގެ ލީޑަރުންނަށް ހަމަލާދީ ސަރުކާރުގެ ބައެއް އިމާރާތްތަކުގައި ވެސް ރޯކޮށްލާފަ އެވެ.
އެ މައްސަލައިގައި އެ ގައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ އާއި ރައީސް ރާމް ޗަންދްރަ ޕުޑެލް އިސްތިއުފާ ދެއްވާފައިވާއިރު، މުޅި ގައުމުގައި ވަނީ ހަލަބޮލިކަން އުފެދިފައެވެ.
އެހެންކަމުން ނޭޕާލްގެ ވެރި ރަށް ކަތަމަންޑޫގެ ގިނަ ސަރަހައްދުތަކެއްގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ. އެ ސިޓީގައި ދިރިއުޅޭ މީހުން ދަތުރުފަތުރުކުރުމުގައި ސަމާލުކަން ދިނުމާއި އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ، މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި އެ މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް އެދިފަ އެވެ.
މީގެއިތުރުން، ކަތަމަންޑޫގެ ގިނަ ސަރަޙައްދުތަކެއްގައި ކާފިއު އިޢުލާންކޮށްފައިވާތީ، ކަތަމަންޑޫގައި ދިރިއުޅޭ ހުރިހާ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ނޭޕާލުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ގައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުންނާއި އެ މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ނޭޕާލުގައި ތިބި ދިވެހީންގެ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށާއި އެ ގައުމުގެ ހާލަތު ބަދަލުވަމުންދާ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ. އެއީ +919910040786 ނަންބަރަށެވެ.
މީގެ އިތުރުން، އެ މިނިސްޓްރީގެ ހޮޓްލައިން ނަންބަރު ކަމަށްވާ 7983400 އަށް ވެސް ގުޅޭނެ ކަމަށް ބަޔާނުގައިވެ އެވެ.
ނޭޕާލުގައި މުޒާހަރާތައް ފެށީ، އެ ގައުމުގައި ސައްހަ ނޫން މައުލޫމާތާއި ނަފުރަތު ފެތުރުވުން ހުއްޓުވުމަށް ކަމަށް ބުނެ، 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް މަނާކުރުމާ ގުޅިގެންނެވެ. އެގޮތުން ސަރުކާރުން މަނާކުރަން ނިންމި ޕްލެޓްފޯމްތަކުގެ ތެރޭގައި ޒުވާނުން އެންމެ ގިނައިން ބޭނުންކުރާ އެޕްތައް ކަމަށްވާ އިންސްޓަގްރާމް، ޔޫޓިއުބް، އެކްސް އަދި ފޭސްބުކް ހިމެނެއެވެ.