ރާއްޖެއަށް މޭވާއާއި ތަރުކާރީ އެތެރެކުރުމަށް އެސްޓީއޯއާ ހަވާލުކުރި ނަމަވެސް، އެއީ 'ފުޑް ސެކިއުރިޓީ' ނުވަތަ ކާނާގެ ޔަގީންކަން ކަށަވަރުވާ ކަމެއް ނޫން ކަމަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިފަދައިން ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވައި ބުދަ ދުވަހުގެ ރޭ ކުރެއްވި ޕޯސްޓެއްގައި އެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖޭގައި ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ބަދަލުތަކެއް ގެންނަން ކެބިނެޓުން ނިންމާފައިވާ ކަން ހާމަކުރައްވާފަ އެވެ.
އެގޮތުން ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި, އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އަމީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ތަކެތި ގެނައުމަށް އެސްޓީއޯއާ ހަވާލުކުރުމަކީ ''ފުޑް ސެކިއުރިޓީ'' ލިބުން ނޫން ކަމަށާއި، ފުޑް ސެކިއުރިޓީއަކީ އެތެރެކުރުމަށް ނިންމި ބާވަތްތައް ރާއްޖޭގައި ހެއްދުމުން ކަށަވަރުވާ ކަމެއް ކަމަށެވެ. އަދި، މިހާރު ކެބިނެޓުން ނިންމި ގޮތުން، ސަރުކާރުގެ ހިއްސާ އޮންނަ އެސްޓީއޯއިން ވަންނަނީ އަމިއްލަ ވިޔަފާރިތަކަށް ކަމަށް އަމީރު ވިދާޅުވިއެވެ.
ދިވެހީން އާއްމުކޮށް ބޭނުން ކުރާ ބައެއް ބާވަތްތަކުގެ އަގު ބޮޑުވުމުން އެސްޓީއޯއިން އެތަކެތި ގަނޑުކޮށް ގެނެސް އަގު ހެޔޮ ކުރުމަކީ އާއްމުކޮށް ކުރާ ކަމެކެވެ. މިފަހުން މާލޭގެ ބާޒާރުގައި ކާށީގެ އަގު އުފުލުމުން އެސްޓީއޯއިން ވަނީ ގަނޑުކޮށް ބޭރުން ކާށި އެތެރެކޮށް ވިއްކަން ފެށި އެވެ. އަދި މިހާރު އާފަލާއި އޮރެންޖުގެ އަގު ބޮޑުވެފައިވުމުން، އެސްޓީއޯއިން މިއަދު ވަނީ އޮރެންޖު ކިލޯއެއް 35 ރުފިޔާއަށް ވިއްކަން ފަށާފައިވާ ކަމަށް ބުނެފައެވެ.