ނޭޕާލްގެ މަގުތަކަށް އެގައުމުގެ ޒުވާނުން ނުކުމެ މުޒާހަރާތައް ކޮށް ބޮޑެތި ހަމަނުޖެހުންތައް ހިންގައި އެތަކެއް ގެއްލުންތަކެއް ދީފައިވާތީ ކާފިއު ހިންގަން އެގައުމުގެ އަސްކަރީ ސިފައިން ނިންމައިފި އެވެ.
ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރައްޔިތުން ގޭގައި ތިބުމަށް އަންގައި، ހަތިޔާރާއެކު ސިފައިން މަގުމަތީގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ސަރުކާރުގެ އެތައް އިމާރާތްތަކެއްގައި އަލިފާން ރޯކޮށް، ބޮޑެތި ގެއްލުންތަކެއް ވަނީ ދީފަ އެވެ. އެހެންކަމުން އަދިވެސް ހަމަނުޖެހުންތަކެއް ހިނގާފާނެ ކަމަށް ބަލައި، ސިފައިން ވަނީ އިންޑެފިނިޓް ކާފިއުއެއް ތަންފީޒުކޮށް، އުޅަނދުފަހަރާއި މީހުން ބަލައި ފާސްކުރަން ފަށާފަ އެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ސޯޝަލް މީޑިއާ ބްލޮކްކުރުމާ ގުޅިގެން ފެށުނު މުޒާހަރާތައް ހޫނުވެގެން ދިޔައީ ހޯމަ ދުވަހު ސެކިއުރިޓީ ބާރުތަކުން، މުޒާހަރާކުރި 19 މީހަކު މަރާލައި، ސަތޭކަ އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން ހޯމަ އަދި އަންގާރަ ދުވަހު ވަނީ އެތައް ހާސް ބަޔަކު މަގުމައްޗަށް ނުކުމެ، ކޮރަޕްޝަނާއި ވަޒީފާގެ ދަތިކަމާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ.
"އަޅުގަނޑުމެން މަސައްކަތް މިކުރަނީ ހާލަތު އާންމު ފެންވަރަކަށް ގެނައުމަށް. "ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތްކުރާނަން." ސިފައިންގެ ތަރުޖަމާނު ރާޖާ ރާމް ބަސްނެޓް ރޮއިޓާސްއަށް ވިދާޅުވި އެވެ.
އަންގާރަ ދުވަހުގެ ރޭ ދަންވަންދެން މުޒާހަރާގެ ބައިވެރިން ވަނީ މަގުތައް ބަންދުކޮށް، ގާނޫނުހަދާ މަޖިލީހުގެ ރައީސްގެ ގަނޑުވަރަށާއި ސެންޓްރަލް ސެކްރެޓޭރިއެޓަށް އަރައި، ނޭޕާލީ ކޮންގްރެސް ޕާޓީގެ ލީޑަރު ޝެރް ބަހާދުރު ދެއުބާއާއި އޭނާގެ އަނބިކަނބަލުން، ފޮރިން މިނިސްޓަރު އަރުޒޫ ރާނާ ދެއުބާއަށް ހަމަލާދީފަ އެވެ.
ނޭޕާލްގެ މި ހަމަނުޖެހުންތަކާ ގުޅިގެން ދެކުނު އޭޝިއާގެ ސަރަހައްދީ ސުލްހައާމެދު ކަންބޮޑުވުން ފާޅުކުރެވެމުންދެ އެވެ. ހާއްސަކޮށް ބަންގްލަދޭޝްއާއި ސްރީލަންކާގައި ޒުވާނުން އިސްވެ ކުރި މުޒާހަރާތަކާ ގުޅިގެން އެ ގައުމުތަކުގެ ސަރުކާރުތައް ވެއްޓިފައިވާތީ އެވެ.