ގިނަ ބައެއްގެ ތަރުހީބު ލިބުނު މި އަހަރުގެ އެންމެ ކާމިޔާބު ބޮލީވުޑް ފިލްމު "ސައްޔާރާ"، އޯޓީޓީ ޕްލެޓްފޯމް ނެޓްފްލިކްސްގައި މިއަދު ރިލީޒް ކޮށްފި އެވެ.

ސިނަމާތަކުގައި އެޅުވިތާ ގާތްގަނޑަކަށް ދެ މަސް ދުވަސް ފަހުން އޯޓީޓީ ޕްލެޓްފޯމްގައި "ސައްޔާރާ" ރިލީޒް ކޮށްފައި މިވަނީ ގިނަ ބަޔަކު އެކަމަށް އެދެމުން ދިޔަ ދަނޑިވަޅެއްގަ އެވެ.

"ސައްޔާރާ"ގެ ޑައިރެކްޓަރު މޯހިތު ސޫރީ ބުނީ އެ ފިލްމަކީ އޭނާއަށް އަބަދުވެސް ވަރަށް ހާއްސަ ފިލްމަކަށް ވާނެ ކަމަށާއި ބެލުންތެރިންނަށް އެ ފިލްމު ދޫކޮށްލެވޭތީ އުފާވާ ކަމަށެވެ.

ސިނަމާގައި އަޅުވާފައި އޮތް ދުވަސްވަރު ވެސް ސައްޔާރާ ވަނީ ބޮކްސް އޮފީހުގެ ގިނަ ރެކޯޑުތަކެއް މުގުރާލައި އާދަޔާ ހިލާފު ކާމިޔާބީއެއް ހޯދާފަ އެވެ.

އެގޮތުން އެ ފިލްމުން ވަނީ އެންމެ ބޮޑު އާމްދަނީއެއް ހޯދި ލޯބީގެ ފިލްމުގެ އިތުރުން އަލަށް ތައާރަަފްވާ ތަރިން ހިމަނައިގެން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ޝަރަފު ހޯދާފަ އެވެ.

އަހާން ޕާންޑާގެ އިތުރުން އަނީތު ޕައްޑާ ލީޑު ރޯލުން ފެނިގެންދާ "ސައްޔާރާ"އަކީ ޒުވާން ދެ ލޯބިވެރިންގެ ވާހަކަ ގެނެސްދޭ އަސަރުގަދަ ފިިލްމެކެވެ.