ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އާމިރު ޚާންއާއި މަދޫރީ ޑިކްސިޓްއަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފިލްމީ ދާއިރާގެ ޖޯޑެކެވެ.

އެ ދެމީހުން އެކުގައި ގިނަ ފިލްމުތަކަކުން ފެނިފައިވާއިރު ގިނަ ބަޔަކަށް ނޭނގި އޮތް ކަމަކީ އެއް އިރެއްގައި މަދޫރީއާއެކު މަސައްކަތް ކުރަން އާމިރު ދެކޮޅުހެދި ކަމެވެ.

ހަބަރުތައް ބުނާ ގޮތުގައި 1990 ވަނަ އަހަރު ނެރުނު ފިލްމު "ދިލް"ގައި އާމިރުގެ ބަތަލާއަކަށް މަދޫރީ ހަމަޖެއްސުމުން އެކަމާ ނުރުހި އެ ފިލްމުން ވަކިވާން އޭނާ މަސައްކަތްކުރި އެވެ.

ސަބަބެއް ކަމަށް ވަނީ މަދޫރީގެ އެކްޓިންއާއި ނެށުމުގެ ހުނަރުގެ ސަބަބުން އާމިރުގެ މަސައްކަތަށް ހިޔަނި އެޅި ފިލްމުގައި އޭނާގެ މަސައްކަތް މީހުންނަށް ފާހަގަ ނުވެދާނެތީ އެވެ.

އެހެން ނަމަވެސް އެ ފިލްމުގެ ޑައިރެކްޓަރު އިންދްރާ ކުމާރު އާމިރު ރުއްސައި މަދޫރީއާއެކު މަސައްކަތް ކުރަން އެއްބަސް ކުރުވީ ކަމަށް ހަބަރުތައް ބުނެ އެވެ.

ފަހުން އެ ފިލްމު ވެގެން ދިޔައީ އެ ދެތަރިންގެ ފިލްމީ ހަޔާތުގައި ވެސް އެންމެ ކާމިޔާބުވި އެއް ފިލްމަށެވެ. ދެ ތަރިންގެ ޖޯޑަށް ވެސް ބެލުންތެރިންގެ ވަރަށް ބޮޑު ލޯތްބެއް ލިބުނެވެ.

އެ ފިލްމަށްފަހު އާމިރުއާއި މަދޫރީ ވަނީ އިތުރު އެހެން ފިލްމުތަކަކުން ވެސް އެކުގައި ފެނިގެން ގޮސްފަ އެވެ. އޭގެ ތެރޭގައި ހަމަ 1990 ވަނަ އަހަރު ނެރުނު "ދީވާނާ މުޖްސާ ނެހީ" ހިމެނެ އެވެ.