މީޑިއާ ކޮންޓްރޯލު ބިލާއި ދެކޮޅަށް އިހުތިޖާޖު ކުރާ ނޫސްވެރިންގެ އަގު ވައްޓާލައި އަބުރު ކަތިލަން ހިންގާ ކެމްޕޭން އައިއެފްޖޭ އިން ކުށްވެރި ކޮށްފި އެވެ.
އިންޓަރނޭސަނަލް ފެޑަރޭސަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން އެކްސް ގައި ކުރި ޕޯސްޓެއް ގައި ބުނެފައިވަނީ، އެކްސް އަދި އެހެނިހެން ޕްލެޓްފޯމްތަކުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭސަން (އެމްޖޭއޭ) ގެ މެމްބަރުންނަށް އަމާޒުކޮށް ކުރެވެމުންދާ އޮންލައިން ފުރައްސާރަ އާއި އަބުރު ގެއްލޭފަދަ ކެމްޕޭންތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
މިކަންކަން ކުރެވެމުން ދަނީ ސަރުކާރުން ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް އެމްޖޭއޭ އިން ކުރަމުންދާ ހަރުދަނާ އިހުތިޖާޖަށް ދޭ ސީދާ ރައްދެއްގެ ގޮތުން ކަމަށް ވެސް އެ ޖަމްއިއްޔާ އިން ބުނެފައިވެ އެވެ.
އައިއެފްޖޭ އިން އެމްޖޭއޭ އާއެކު ތިބޭނެ ކަމަށާއި އަދި ނޫސްވެރިންގެ މަސައްކަތަށް އިހްތިރާމު ކުރުމަށް ދިވެހި ސަރުކާރަށާއި އާންމު ރައްޔިތުންނަށް ގޮވާލާ ކަމަށް ބުނެފައިވެ އެވެ.
އަދި އޮންލައިން ކޮށް ކުރެވޭ ހުރިހާ ބާވަތެއްގެ ފުރައްސާރަތައް އައިއެފްޖޭ އިން ކުށްވެރިކުރާ ކަމަށް ބުނެފައިވެ އެވެ.
ނޫސްވެރިންގެ ހައްގުތައް ރައްކައުތެރި ކުރުމަށް މަސައްކަތް ކުރާ އައިއެފްޖޭ އަކީ، 146 ގައުމެއްގެ ހަ ލައްކަ އަށް ވުރެ ގިނަ ނޫސްވެރިން ތަމްސީލު ކުރާ ޖަމްއިއްޔާ އެކެވެ.
ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި އިހްތިޖާޖު ކުރާ ނޫސްވެެރިންނަށް ޒާތީ ގޮތުން ދިމާ ކޮށް އަގުވައްޓާލައި އަބުރު ނަގާލަން ހިންގާ ކެމްޕޭނަކީ ސީދާ ސަރުކާރު އަޑީގައި އޮވެގެން ހިންގަމުންދާ ކެމްޕޭން އެކެވެ.