މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން، ކަރަންޓީނު ނުވެ، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ހާލަތްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުނު އެންގުމުގައި ވަނީ ރަށުގެ އާބާދީގެ 60 ޕަސެންޓު މީހުންނަށް ކޮވިޑް19 ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ.

އެޗްޕީއޭ އިން އާންމުކުރި އުސޫލުގައިވާގޮތުން އާބާދީގެ 60 ޕަސެންޓު މީހުންނަށް ވެކްސިން ގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ އެވެ.

އެފަދަ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުއްދަދިނުމުގައި އަމަލު ކުރާނެ ގޮތްތައް ވެސް އެޗްޕީއޭ އިން ވަނީ އާންމުކޮށްފަ އެވެ.

އެގޮތުން ރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ، ދަތުރުކުރެވޭނީ ޕީސީއާރް ނެގެޓިވް ޓެސްޓާއެކު އެވެ. ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން އެފަދަ ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީސީއާރް ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ އެވެ.

ފަތުރުވެރީން ހިމެނޭގޮތަށް، ރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާނަމަ، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓެއް ބޭނުން ނުވާއިރު، ކަރަންޓީނުވާކަށް ވެސް ނުޖެހެ އެވެ.

ނަމަވެސް ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ރާއްޖެއަށް އެތެރެވާއިރު ނެގެޓިވް ޕީސީއާރު ނަތީޖާ އޮންނަންވާނެ އެވެ. ނުވަތަ ރާއްޖެ އެތެރެވުމަށްފަހު ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ އެވެ.

  • ސިއްހީ ހިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތައް.
  • ޑޭކެއާ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތައް.
  • ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް.
  • ރެސިޑެންޝަލް ކެއާގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް.

މި އެންގުމަށް އަމަލުކުރަން ފެށުމާއެކު، ރަށެއްގެ އާބާދީގެ 60 ޕަސެންޓު މީހުންނަށް ވެކްސިން ޖެހިފައިވާ ރަށްރަށާއި، ބަލި އުޅޭ ރަށްރަށުގެ ސާމްޕަލް ޕޮޒިޓިވް ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށް ރަށްރަށާއި، ސާމްޕަލްގެ ޕޮޒިޓިވް ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށްރަށް، އެޗްޕީއޭ އިން އާންމު ކުރަމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.