މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ތަހުގީގު ކުރި މައްސަލައަކާ ގުޅިގެން ޗެނަލް 13 އަށް އެންގި ގޮތަށް އެ ޗެނަލުގެ ބްރޯޑްކާސްޓް އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ދެ ގަޑިއިރަށް މެދުކަނޑާލައިފި އެވެ.

ބްރޯޑްކާސްޓް ކުރުމުގެ ރެގިއުލޭޓަރީ އިދާރާއެއްގެ ގޮތުގައި މިވަގުތު ހަރަކާތްތެރިވާ ބްރޯޑްކޮމްއިން ޗެނަލް 13 އަށް ފިޔަވަޅު އެޅީ ސެޕްޓެމްބަރު 15، ގަ އެވެ.

ބްރޯޑްކޮމްއިން އެންގީ ޗެނަލް 13 ގެ ބްރޯޑްކާސްޓް އެއް އަންގާރަ ދުވަހުގެ ރޭ 20:00 އިން 22:00 އަށް މެދުކަނޑާލުމަށެވެ. އެ އެންގުމާ އެއްގޮތަށް މެދުކަނޑާލުމަށް ފަހު އަލުން ބްރޯޑްކާސްޓް ފެށީ ސަރުކާރަށް ފާޑުކިޔާ "މަޑިސީލަ" ޕްރޮގްރާމުންނެވެ.

މިއީ ޗެނަލް 13 އާ ދެކޮޅަށް އެއް މަސްދުވަހުގެ ތެރޭގައި ބްރޯޑްކޮމްއިން އެޅި ދެވަނަ ފިޔަވަޅެވެ. އޮގަސްޓު 21، ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވާ ޖަލްސާއެއް އެ ޗެނަލްއިން ދުރަށް ފޮނުވަން ތައްޔާރިވެފައި ވަނިކޮށް ބްރޯޑްކާސްޓް ހުއްޓާލަން ވެސް އެންގި އެވެ.

އަންގާރަ ދުވަހު ރައީސް މުހައްމަދު މުއިއްޒުގެ ޕީއެންސީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން ބިލު ތަސްދީގު ކުރުމާ އެކު ބްރޯޑްކޮމް އުވިގެންދާނެ އެވެ. އޭރުން ޓީވީ ޗެނަލްތަކަށް ފިޔަވަޅު އެޅުމުގެ ކަންކަމާ ހަވާލުވާނީ އަލަށް އުފެދޭ ކޮމިޝަނުންނެވެ.

މީޑިއާ ބިލު އަންގާރަ ދުވަހު މަޖިލީހުން ފާސްކުރި ނަމަވެސް އެ ބިލު އަދި ތަސްދީގު ނުކުރެއެވެ. ބައިނަލްއަގުވާމީ އެކި ޖަމްއިއްޔާތަކުން ރައީސް މުއިއްޒަށް ގޮވާލަމުން ގެންދަނީ އެ ބިލް ތަސްދީގު ނުކުރުމަށެވެ.