މި ސަރުކާރު އައިފަހުން މަސައްކަތް ހުއްޓިފައިވާ ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް އެއް އަހަރު ތެރޭ ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު ހެނދުނު، މަގޫދޫ އިޖުތިމާއީ މަރުކަޒުގައި ކުރިއަށް ގެންދިޔަ މަޝްވަރާބައްދަލުކުރެއްވުމުގައި، އެ ރަށުގެ ރައްޔިތުންގެ ތަރައްގީއަށް ބޭނުންވެފައިވާ ކަންކަން ރައީސް މުއިއްޒާ ވަނީ ހިއްސާކޮށްފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި މަގޫދޫ ރައްޔިތުން ވަނީ، އެރަށުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ނުހުއްޓި ކުރިއަށްގެންދިއުމަށް އެދިފަ އެވެ. އަދި އެއާޕޯޓް ހުޅުވާނެ ތާރީހެއް ދިނުމަށް ރައްޔިތުން އެދުނެވެ. ރައްޔިތުންގެ މި ހުށަހެޅުމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މުޅި އެއާޕޯޓްގެ މަޝްރޫއު އެގްރިމަންޓާއި އެއްގޮތަށް ގިނަވަގެން 12 މަސްދުވަހުގެ ތެރޭގައި ނިންމާނެކަމަށެވެ.

މަގޫދޫ އެއާޕޯޓް އެޅުމުގެ މަސައްކަތް ފެށީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. އެ މަސައްކަތުގެ 70 ވަރަކަށް ޕަސެންޓް މަސައްކަތް އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު، ނިމިފައިވެ އެވެ.

މީގެކުރިން މަގޫދޫ ރައްޔިތުން ވަނީ މި ސަރުކާރުން އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމުން މުޒާހަރާ ވެސް ކޮށްފަ އެވެ.