ދިރާގުން ޖީއެމް ފޯރަމް 2025ގެ ޕްލެޓިނަމް ޕަޓްނަރެއްގެ ގޮތުގައި ހޮޓެލިއާ މޯލްޑިވްސްއާ އެކު ސޮއިކޮށްފި އެވެ.
މި އަހަރުގެ ފޯރަމްގެ މައުޟޫކަމުގައިވާ 'ޑިޖިޓަލައިޒޭޝަން އެންޑް އެކްސްޕޭންޑިންގ އެކްސްޕީރިއަންސެސް'ގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގައި އަންނަމުންދާ ބަދަލުތަކަށް އަލިއަޅުވައިލައި، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަތުރުވެރިންނަށް ފޯރުކޮށްދޭ ތަޖުރިބާތައް އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
"ޑިޖިޓަލް ވަސީލަތްތަކާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހިދުމަތްތައް ފޯރުކޮށްދޭ ގޮތްތައް ބަދަލުވެ، ފަތުރުވެރިންނަށް ދޭ ހިދުމަތްތައް އިތުރަށް ހަލުއިކޮށް، އެ ފަތުރުވެރިއަކަށް ހާއްސަ ހިދުމަތްތައް ދިނުމުގެ މަގު ވަނީ ފަހިވެފައި. މި ގޮތުން، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، މި ސިނާއަތް އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުކައި ހޮޓެލިއަރ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ޖީއެމް ފޯރަމްއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވި އެވެ.
އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވާ މި ފޯރަމްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ލީޑަރުން އެއްތަނަކުން ފެންނާނެ އެވެ. މި ފޯރަމްގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުގެ ކީނޯޓް ސްޕީޗްތަކާއެކު ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި، ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެކަކު އަނެކަކާ ގުޅުންބަދަހިކޮށް ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ފަހި ވާނެ އެވެ.
ދިރާގުން ދަނީ ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކަށް އެންމެ ކުރީސަފުގައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީ، މި ދާއިރާގެ މަސައްކަތްތަކަށް ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.