ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ވިކީ ކައުޝަލްއާއި އޭނާގެ އަންހެނުން ކެޓްރީނާ ކައިފްއަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާން ކޮށްފި އެވެ.

ކެޓްރީނާ އަލަތު ދަރިފުޅަށް ބަލިވެ އިންކަން އިއުލާން ކޮށްފައިވަނީ އިއްޔެ އިންސްޓަގްރާމް މެދުވެރިކޮށް އެ ދެމީހުން ކުރި ޕޯސްޓެއްގަ އެވެ.

އެ ދެމީހުން ފެންނަ ފޮޓޯއަކާއެކު ކޮށްފައިވާ އެ ޕޯސްޓުގައި ބުނެފައިވަނީ އެ ދެމަފިރިންގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތަކާ ކުރިމަތިލާން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

އެ ޕޯސްޓު އާއްމު ކުރުމާއެކު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެ ދެމީހުންނަށް ސަޕޯޓުކުރާ މީހުން ވަނީ މަރުހަބާގެ މެސެޖުތަކުން އެ ޕޯސްޓުގެ ކޮމެންޓް ސެޝަން ފުރާލާފަ އެވެ.

2021 ވަނަ އަހަރު ކައިވެނިކުރި ވިކީއާއި ކެޓްރީނާއަށް ދަރިއަކު ލިބެން އުޅޭކަމަށް މީގެ ކުރިން އަޑުތައް ފެތުރުނު ނަމަވެސް އެކަން އެމީހުން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

މީގެ ފަނަރަ ވަރަކަށް އަހަރު ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކެޓްރީނާ ވަނީ އޭނާގެ ހަޔާތުގައި އާއިލާއެއް ބިނާކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.