އަންހެން ދަރިއަކަށް އެންމެ ރައްކާތެރި މާޙައުލަކީ ގޭތެރޭގެ މާޙައުލެވެ. ގޭތެރެއިން ލިބޭ އަޅާލުމާއި އޯގާތެރިކަން އެހެން ތަނަކުން ނުލިބޭނެއެވެ. މައިންބަފައިންނާއި ގާތްތިމާގެ މީހުންގެ ލޯތްބަކީ މިނާ އަދަދު ނުކުރެވޭނެ އެއްޗެކެވެ. މިއީ އަހަންނަށް މުސްކުޅިންނާއި ހަރުމީހުން ބުނާތީ އަޑުއިވޭ ވާހަކަތަކެކެވެ. ޓީވީތަކުންނާއި ރޭޑިއޯތަކުން ދައްކާތީ ފެންނަ ފުލޯކު ވާހަކަތެކެކެވެ. އެއީ ގޭތެރެއިން އަންހެން ދަރިންނަށް ލިބެމުން އަންނަ އަނިޔާތަކުގެ މަތި އޮމާން ކުރަން ބޭނުން ކުރާ އުކުޅެކެވެ. ޙަޤީޤަތަކީ އަންހެން ދަރިއެއްގެ ޙަޔާތުގައި ޖެހޭ އެންމެ ބޮޑު ލަކުނު ޖެހެނީ ގޭތެރެއިން ކަމެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަންހެނަކަށް ލިބޭ ގެއްލުންތައް ގިނަ ފަހަރަށް ފެށިގެން އަންނަނީ ގޭތެރޭގެ މާޙައުލުން ކަމެވެ. އޭގެ އެންމެ ދިރިހުރި މިސާލަކީ އަހަރެންގެ ދިރިއުޅުމެވެ.
އަހަރެންގެ އުމުރުފުރާގެ އެހެން ކުދިންނެކޭ އެއްފަދައިން އަހަރެންވެސް ބޮޑުވަމުން އައީ އުފާވެރި މާޙައުލެއްގައެވެ. ފުރާވެރުގެ ދުވަސްތައް ހޭދަކުރަމުން އައީ މައިންބަފައިންގެ ލޯބި ލިބިގެން ދުނިޔޭގެ ޚިޔާލެއް ފިކުރެއް ނެތިއެވެ. މާލޭގެ މެދުފަންތީގެ އާއިލާާއަކަށް ނިސްބަތް ވިނަމަވެސް އަހަރެންގެ އާއިލާ އުޅެމުން އައީ ފުދުންތެރި ދިރިއުޅުމެކެވެ. ބައްޕަ އަދާކުރަމުންދިޔަ ސަރުކާރުގެ އިސް މަޤާމެއްގެ އާމްދަނީއިން ގޭތެރޭގެ ޚަރަދުތައް ކުރުމަށްފަހު ބާކީވެސްވެއެވެ. ފުރާވަރުގެ މައުޞޫމްކަމާއި ޖޯޝުގައި ވޭތުކުރަމުން އައި އެ ދިރިއުޅުން ނިމުމަކަށް އައީ ސިޔާސީ ޚިޔާލު ތަފާތުވުން ތަކެއްގެ ތެރޭގައި ބައްޕަގެ ވަޒީފާ ގެއްލުމުންނެވެ. އުޅެމުން އައި ތަނަވަސް ދިރިއުޅުން ނިމުމަކަށް އައީއެވެ. ބޭނުންތަކަށް ދެކޮޅު ޖެއްސޭނެ ގޮތެއް ނެތި މަގުމައްޗަށް ބިކަވީއެވެ.
އެ ދަތި ވަޤުތުގައި އަހަރުމެންގެ އަތުގައި ހިފީ މަންމަގެ އެއްބަފާ ބޭބެއެކެވެ. ބޮޑުބޭބެ ހިންގަމުން އައި ވިޔަފާރީގެ ޙިއްސާ ބައްޕައަށް ވިއްކީ ނުއަގުގައެވެ. އާއިލާއަށްޓަކައި ހެޔޮހިތުން ކޮށްދޭ ކަމެއް ކަމަށް ބުނެއެވެ. ބަދަލުގައި އެދުނީ އެންމެ ކަމެކެވެ. ވިޔަފާރީގެ ދަތުރެއްގައި ފުރަން ވަންދެން ގޭގައި މަޑުކޮށްލާނެ ޖާގައެއް ދިނުމަށެވެ. އެ އެދުމަށް މަންމައާއި ބައްޕަ އެއްބަސްވީ ދެވަނަ ވިސްނުމަކާ ނުލައެވެ. ބޮޑުބޭބެގެ ހިތްހަޔޮކަމުގެ ބަދަލު އަހަރުމެންނަށް ވެވުނު ވަރަކުން އަދާ ކޮށްދިނުމަށްޓަކައެވެ. އޭރު އެ ހިތްހެޔޮކަމުގެ ފަހަތުގައި ވަނީ ކޮން ނުބައި ރޭވުމެއްކަމެއް ނޭނގި އަހަރެންގެ ހިތުގައި ބޮޑުބޭބެއަށް ޙާއްސަ ޤަދަރަކާއި އިޙްތިރާމެއް ދެވުނެވެ. އެހީއެއްގެ ފަރުދާގައި ޖެހީ އަހަރެންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހޭނެފަދަ ދަންތުރައެއް ކަމެއް އޭރު އަހަރުމެންގެ ޚިޔާލަށްވެސް ނުގެނެވެއެވެ. ފެންނަ ފެނުމަށް ބޮޑުބޭބެ ވީ ޙާލުގައި ޖެހުނު ދުވަހު އަހަރުމެންނަށް ލިބުނު ބޮޑު ރަޙްމަތަކަށެވެ. ނަމަވެސް އެހީތެރިކަމުގެ އެ އަތް ވީ އަހަރެންގެ ދިރިއުޅުމަށް ޒަހަރު ލީ ވިހަގަދަ އަތަކަށެވެ.
ބޮޑުބޭބެއާއި ދޭތެރޭ އަހަރެން ދެކެމުން އައި ގޮތް ބަދަލުވީ އޭގެ ފަހުން އައި ދުވަސްތަކުގައި ކުރިމަތިވަމުން އައި ކުދި ކުދި ޙަދިސާތަކުންނެވެ. ލިބޭ ކޮންމެ ފުރުޞަތެއްގައި ބޮޑުބޭބެ އަހަރެންގެ ހަށިގަނޑުގައި ބީހެން ފެށިއެވެ. ގޭގައި އެކަނިވާ ވަގުތުތަކުގައި ބޮޑުބޭބެ ކުރަމުން އައީ ރަނގަޅު ނޫން ކަންތައްތަކެއް ކަން އަހަރެންގެ ޅަ ސިކުނޑިއަށް ވިސްނުނެވެ. ނުވިސްނުނީ އާއިލާގެ މެމްބަރަކު އަހަންނާ ދޭތެރޭ އެފަދަ ގޮތަކަށް ކަންތައް ކުރާނީ ކީއްވެގެން ކަމެވެ. ކައިވެނި ޙަލާލުނުވާ މަޙުރަމަކާ އެކަހަލަ ނަޒަރަކުން ބޮޑުބޭބެ ދެކެންވީ ސަބަބެވެ. ކުރިމަތިވަމުން އައި ކަންތައްތައް މައިންބަފައިންނާ ޙިއްޞާ ކުރަން ހިތަށްއަރާ ކޮންމެ ފަހަރަކު ސިކުނޑިއަށް އަންނަނީ ބޮޑުބޭބެގެ ބަސްތަކެވެ. އެއްވެސް މީހެއްގެ ކައިރީ ބުނެފިނަމަ ބައްޕައަށް ވިއްކި ޙިއްޞާތައް އަތުލާނެ ކަމަށް ބުނި ބުނުމެވެ. ހިނދުކޮޅެއްގެ ތެރޭގައި އަހަރުމެން މަގުމަތި ކޮށްލާނެ ކަމަށް ދެއްކި ބިރެވެ. އިސާހިތަކު ބޮޑުބޭބެ އަހަންނަށް ދެމުން އައި ކުދި އަނިޔާތައް ހައްދު ފަހަނައަޅައި ހިނގައްޖެއެވެ. ފާޅުގައި އަހަރެންގެ އިތްފަތްތެރިކަމާއި އަބުރު ގެއްލުވާލީ ލަދެއް ޙަޔާތެއް ނެތިއެވެ. ލޯތްބާއި ރައްކާތެރިކަން ލިބެމުން އައި ގޭތެރޭގެ މާޙައުލު ކަށި ކުނބުރު ޖަންގައްޔަކަށް ވެއްޖެއެވެ. މިނިކާ ޖަނަވާރުންތަކެއްގެ ޝިކާރަ ފަދައިން ނުލަފާ އިންސާނެއްގެ ޝިކާރައަކަށް އަހަރެންގެ ހަށިގަނޑާއި ޖިސްމުވެ ނިމިއްޖެއެވެ.
ބޮޑުބޭބެގެ ފަރާތުން އަހަންނަށް ލިބެމުން އައި އަނިޔާތައް ދުވަހަކަށްވުގެ ދުވަހެއްވީ އިތުރެވެ. އަޅާ ވޭނުން ކެތް ނުކުރެވިގެން އެންމެ ފަހުން އަހަރެން ނިންމީ ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް މަންމައާއި އެވާހަކަތައް ޙިއްޞާ ކުރާށެވެ. ދުނިޔެމަތިން އަހަންނަށް އެންމެ ރައްކާތެރިވާނެ ހިޔާވެއްސަކީ އެއީ ކަމަށް އަހަންނަށް ވިސްނުނެވެ. ނަމަވެސް ކަންވީކީ އެހެނެއް ނޫނެވެ. މަންމަގެ ފަރާތުންވެސް އަހަންނަށް ލިބުނީ ނާއުއްމީދެވެ. ބޮޑުބޭބެގެ ބޮޑު އިޙުސާންތެރިކަމެއް އަހަރުމެންގެ ބޮލުގައި އެޅިފައިވާ ކަމާއި އޭގެ އަގު ބޮޑުބޭބެ އެދޭ ގޮތަކަށް އަހަރުމެން އަދާކޮށްދޭން ޖެހޭނެ ކަމުގައި މަންމަ އަހަންނަށް ވިސްނައިދިނެވެ. އަދި ހަމައެހެންމެ އެފަދަ އަޑެއް މުޖުތަމަޢުގެ ތެރެއަށް އިވިއްޖެނަމަ އާއިލާ ބޭޒާރުވާނެ ކަމަށާއި ބޮޑުންގެ ތެރޭގައި ބައްޕަގެ އިއްޒަތާއި ޤަދަރު ގެއްލޭނެ ކަމަށްވެސް މަންމަ އަހަންނަށް ބުނެދިނެވެ. ނުޤަބޫލުގައިވެސް އަހަންނަށް މަޖުބޫރުވީ ލިބެމުން ދިޔަ އަނިޔާތަކަށް ކެތްކުރާށެވެ. ޝިކާރަވެރިއެއްގެ ހުތުރު އަމަލުތައް ފަރުދާ ކުރާށެވެ. ބޮޑުބޭބެ ފުރައިގެން ދިޔަކަމުގައިވިޔަސް އާއިލާގެ އެހެން މެމްބަރަކަށް ނަމަވެސް އިތުބާރު ކުރުމަކީ އޭގެ ފަހުން އަހަންނަށް ކުރަން ދަތި ކަމެކެވެ.
މިއަދު އަހަންނަކީ އެ މާޙައުލާއި ދުރުގައި އުފާވެރި ޙަޔާތެއް ވޭތު ކުރަމުން އަންނަ މީހެކެވެ. އޯގާތެރި ފިރިއެއްގެ ހިޔާވަހި ކަމުގައި ދިރިއުޅެމުން އަންނަ ތުއްތު އަންހެން ކުއްޖެއްގެ މަންމައަކެވެ. ބާއްޖަވެރި މި ޙަޔާތުގައި އަދިވެސް ޖެހފައިވާ އެންމެ ބޮޑު ލަކުނަކީ އަހަރެންގެ މާޒީއެވެ. އެ ހަނދާންތަކާއި އެ ވޭން މިއަދުވެސް ތާޒާކަމާއެކު އަހަރެންގެ ހިތުގައި ބިންވަޅު ނެގިފައި ވެއެވެ. މިއަދާ ޖެހެންދެންވެސް އަހަރެން ނަފްސާނީ ބައްޔަށް ބޭސްކުރަމުން އަންނަ މައިގަނޑު ސަބަބަކީ އެއީއެވެ. މިއަދު އަހަންނަކީވެސް ތުއްތު އަންހެން ކުއްޖެއްގެ މަންމައަކީމެވެ. އަހަރެންގެ ދަރިފުޅަށްޓަކައި ގޭތެރޭގެ މާޙައުލަކީ ރައްކާތެރި މާޙައުލަކަށް އަހަރެން ހަދާނަމެވެ. މާޒީގައި އަހަންނަށް ކުރިމަތިވި ފަދަ އަނިޔާއަކުން އެކުއްޖާ ސަލާމަތް ކުރުމަށްޓަކައި އަޑު އުފުލަން ޖެހިއްޖެ ޙާލަތެއްގައި އެކަންވެސް އަހަރެން ކުރާނަމެވެ. އާއިލާގެ ތެރެއިންނާއި ބޭރުންވެސް އަހަރެންގެ ދަރިފުޅަށް އޮތް ކޮންމެ ދަންތުރައަކުން ސަލާމަތް ކޮށްދިނުމަކީ އެ މަޢުޞޫމް ފުރާނައަށްޓަކައި އަހަރެންވާ ވަޢުދެކެވެ.